ރިޕޯޓް

މިއަދު އަދި ތަންކޮޅެއް ބާރަށް އަހަރެން ދަރިފުޅުގައިގައި ބައްދާލީމެވެ.

ދެން އެމްވީ ، ދެން އޮންލައިން

ދަރިންނަކީ ހަޔާތުގެ މޭވާއެވެ. އެންމެ ބޮޑު އަމާނަތެވެ. އެންމެންގެ ލޯތަކުގެ ފިނިކަމެވެ. ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ވަގުތުތަކުގައި ވެސް ހިނިތުންވެވޭ ވަސީލަތެވެ. ދިރިއުޅުމުގެ ހުރިހާ ބުރައެއް މި އުފުލަނީ އެކުދިންނަށް އުފާވެރި މުސްތަގުބަލަކަށް އަދައިގެންނެވެ. ވީއިރު އަހަރެމެންގެ އަމިއްލަ އަތްތަކުން އެކުދިންނަށް ގޯނާ ކުރާނީ ކިހިނަކުން ހެއްޔެވެ؟ އެވަރުގެ ކުލުނެއް އަދި ރަހުމެއް ހިތްތަކުން ފޮހެލާނީ ކިހިނަކުން ހެއްޔެވެ؟

Ads by MWSC

އުމުރުން ދެއަހަރުގެ ތުއްތު އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވެނީ އެކުއްޖާގެ ބައްޕައަށާއި ކާފަ އަދި މުނިކާފައަށެވެ. ބައްޕަ އަށް ކުރެވެނީ ކުޑަ ކުއްޖަކާ މެދު އިހުމާލުވި ކަމުގެ ތުހުމަތެވެ. މި ތިން މީހުން ވެސް މިހާރު ވަނީ ހައްޔަރުކޮށް 15 ދުވަހުގެ ބަންދުގެ މުއްދަތު ޖަހާފައެވެ.

ދަރިންނަށް ހިމާޔަތާއި ރައްކާތެރިކަންދިނުމުގެ ބޮޑު އަމާނަތާއި މަސްއޫލިއްޔަތު ހަވާލުވެފައިވަނީ އެކުދިންގެ ބެލެނިވެރިންނަށެވެ. އެފަދަ ފަރާތްތަކަކުން އުމުރުން ދެއަހަރުގެ ތުއްތު ކުއްޖަކަށް ޖިންސީގޯނާކޮށް، ''މުޖުތަމައުގެ ސިކުނޑި'' ބަލިކޮށްލާފައިވާ މި ދަނޑިވަޅުގައި އާއްމު ރައްޔިތުންގެ ރުޅިވެރިކަމާއި އެކަމުގެ ހިތްދަތިކަމުގެ ސުއޫރުތައް މިވަނީ ކެކި އުތުރިއަރާފައެވެ.

''ނާ ސޯލިހު'' ލިޔެފައިވެއެވެ. ''އަހަރެންގެ ދެއަހަރުގެ ދަރިފުޅުގައިގައި އަދި ތަންކޮޅެއް ބާރަށް މިއަދު ބައްދާލީމެވެ.''

އެހެން ނުވާންވީ ކީއްވެތޯއެވެ. ދަރީންނަށް އަޅާލުމާއި ލޯބި އަދި ރައްކާތެރިކަން އެންމެ ބޮޑަށް ޔަގީން ކުރެވޭނީ އެކުދީންގެ މައިންބަފައިންގެ ކިބައިންނެވެ. އެފަރާތްތަކުން އުފަން ދަރީންނަށް ޖިންސީ ގޯނާ ކުރުމުގެ ޖަނާވާރު އަމަލުތައް ފެންނަ ނަމަ ދަރިފުޅުގެ ކުރިމަގާމެދު މައިންބަފައިން ބިރުވެތިވާނެއެވެ. އެއަމަލުތަކުން ކުރިމަތިވާ ހިތާމައާމެދު ހިތްފަޅައިގެންދާ ވަރުވާނެއެވެ.

މުޖުތަމައުގެ ލޯތަކާއި ހަމަޔަށް މިފަދަ ހާދިސާތައް ތިލަވަނީ މަދު ފަހަރަކު ނަމަވެސް، މިއީ ރާއްޖޭގައި މަދުން ހިނގާ ކަމެކޭ ދެންނެވޭކަން ނެތެވެ. އަމުދުން މިފަދަ ކަންކަމަކީ އެކަންކަން ހާމަކުރުމަށް މީހުން ލަދުވެތިވާ ކަންކަމަށްވީ ހިނދު، އެކަންކަމުގެ ސާފު ހިސާބެއް ދެނެގަތުމަކީ އުނދަގޫ ކަމެކެވެ.

''އަހަރެންގެ ހަގު އަންހެން ކޮއްކޮއަށް ބައްޕަގެ ފަރާތުން ކުރިމަތިވި ޖިންސީ އަނިޔާތަކަކީ މިއަދު ހިނގި ކަމެއް ފަދަ! އެ ހަނދާންތައް އާވެ އޭނާ މިއަދު ވަރަށް ރުއި'' ނާ ސޯލިހުގެ ބަސްކޮޅަށް މީހަކު ޖަވާބު ދީފައިވެއެވެ.

އިއްޔެގެ ހާދިސާއާއި ގުޅިގެން ރައްޔިތުންގެ ރުޅިވެރިކަން އިތުރުވެ މަސްހުނި ހިޔާލާތުވަނީ ގިނަވެފައެވެ. ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި މީހުން ހަވަރަށް ދިނުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ފާޅު ކުރެއްވި ހިޔާލާއެކު މިއަދު އޭނާވަނީ އެހިޔާލު ފާޅު ކުރެވުނުކަމަށްޓަކައި މާފަށް އެދިފައެވެ.

ލާއިންސާނީ އަދި ރަހުމެއް ނެތް މިއަނިޔާތަކާއި ގުޅިގެން އާއްމުންގެ އެތައް ބަޔަކު ވަނީ އަނިޔާވެރީންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލާފައެވެ. ސިޔާސީ އިސްވާރުން ގެންދަނީ އަނިޔާވެރީންނަށް ދެވެން އޮތް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަމުންނެވެ. މި ގޮވާލުންތަކާއެކު ރާއްޖޭގެ ދީނީ އިލްމުވެރިންވެސް ވަނީ އެބޭފުޅުންގެ ވިސްނުން ހާމަކުރައްވާފައެވެ.

''އިއްޔެ، މަރަށް މަރު ހިފާކަށް ނުޖެހޭ މަރުގެ އަދަބަކީ ޒަމާނާއި ނުގުޅޭ ކަމެކޭ ބުނި މީހުންނަށް ވެސް މިއަދު ގަބޫލު ކުރެވިއްޖެ ބައެއް ކުށްކުށަށް ހައްގީ ސީދާ ކެޕިޓަލް ޕަނިޝްމަންޓްކަން ،މިއަދު އެންމެން ގޮވާލަނީ ރޭޕިސްޓުން މަރާލަން، އަދި އެ ގޮވާލުން ހަރުކައްޓެއްވެސް ނޫން'' ޝައިޚް ޢަލީ ޒައިދު ހާމަކޮށްފައިވެއެވެ.

މިފަދަ ކަންކަމާއި ގުޅިގެން އެންމެންގެ ކަންބޮޑުވުން އިތުރުވެގެންދާއިރު ވިސްނާލަންޖެހޭ މައިގަނޑު އަނެއް ކަމަކީ ކޮންމެ މީހަކު ވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމެވެ. އަވަށްޓެރިޔާ ނުވަތަ ރަށު މީހާ، ކުއްޖަކަށް ނުވަތަ އެހެން މީހަކަށްވެސް އަނިޔާ ކުރަމުންދާއިރު ނޭނގޭ ކަމަށް ހަދާފައި ދޫކޮށް ނުލުމެވެ. ޒިންމާދާރު ވެރިން ކުރަން އޮތް ކަމަކީ ''ދިސް އިސް މައި ފްރައިޑޭ'' ކަމަށް ވިދާޅުވެ، ބެޑްޝީޓްދަށަށް ވަދެ ނުފިއްލެވުމެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ޚިޔާލު ފާޅުކޮށްފައިވާ މީހަކު ލިޔެފައިވެއެވެ.

''އިބްތިހާލުގެ އަނިޔާވެރި ވާހަކަ ރަށު އެންމެން ދަނެއެވެ.މަރުހޫމާ ޒިޔާދާގެ އަނިޔާވެރި ފިރިމީހާގެ ވާހަކަ އެންމެން ދަނެއެވެ. ދެއަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޯނާކުރި ވާހަކަ ރަށު އެންމެން ދަނެއެވެ. މިކަންކަން ހުއްޓުމަށް އެރަށްރަށުގެ ރައްޔިތުންނަށް ކުރެވުނީ ކޮންކަމެއް ހެއްޔެވެ؟ ކަލޭމެންނަނަށް ކަލޭމެންގެ ޒިންމާ އަދާ ކުރެވުނު ހެއްޔެވެ؟''

ތެދެކެވެ. ތުއްތު އިބްތިހާލަށް އަނިޔާ ކުރަމުން ގެންދިޔަ، އެފަކީރުގެ މަންމަގެ ހިތުގައި ލޯތްބެއް ، އަގަލެއް ކުލުނެއް ނެތެވެ. އެ މަންމަގެ އަނިޔާވެރި އަތްދަށުވެ، މަރުވަމުން ދިޔައިރުވެސް އެފަކީރުގެ އެންމެ ފަހުގެ ބަހަކަށްވެސް ގޮވާލީ އޭނާއަށް ރައްކާތެރިކަން ދޭނޭ ފަރާތަށެވެ. ''މަންމާ!'' އެވެ. އެހެންނަމަވެސް އެމަންމަގެ ހިތަށް ކުލުނުގެ ޒައްރެއްވެސް އިހުސާސް ނުވިއެވެ.

މިއަދަކީ ސިޔާސީ ވެރީންނާއި އަހަރެމެން އެންމެން ލަދުވެތި ވާންޖެހޭ ދުވަހެކެވެ. ކަރުނަ އަޅާ ރޯން ޖެހޭ ދުވަހެކެވެ. މައިންބަފައިންނާ ތިމާގެ މީހުންގެ ވަކިދަށުވެ އަނިޔާ ލިބުމާއި ދުނިޔެދޫކޮށް ދާން ޖެހިފައި އެވަނީ އަހަރެމެންގެ ކުރިމަތީގައެވެ. އިއްޔެ އިބްތިހާލެވެ. މިއަދު ދެއަހަރުގެ ކުއްޖާއެވެ. އަހަރެމެނަށް ވެދެވުނު އެހީތެރިކަމެއް ނެތެވެ. އިބްތިހާލުގެ މަރަށް ފަސް އަހަރުވެގެން ދިޔައިރު ގާތިލަށް އަދަބު ދެވިފައެއް ނުވެއެވެ. ދެއަހަރުގެ ތުއްތު ކުއްޖާއަށް އިންސާފު ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ހަރުކަށި އަދަބު ދިނުމަށް ގޮވާލާއިރު ''އިންސާނީ ހައްގު''ތަކުގެ އަތްދަށުވެ ގާނޫނާއި ގަވާއިދު ވަނީ މަޑުކަށިވެފައެވެ.

ވުމާއެކު އެންމެންވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރަން ފަސް ނުޖެހެމާ ހެއްޔެވެ؟ ގާނޫނުތަކަކީ އަނިޔާވެރިންނަށް ދުޝްމަން އެއްޗަކަށް ހައްދަވާ ދެއްވާށެވެ. ގާނޫނީ ހުކުމްތަކަކީ އެފަދަ ފަރާތްތައް ސަލާމަތްވެވޭނެ މަގެއް ކަމަށް ނުހައްދަވާށެވެ. އަނިޔާ ވެރީންގެ ތާއީދަކީ ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް މުހިންމު އެއްޗަކަށް ނުހައްދަވާށެވެ. އެއްވެސް ކުއްޖަކަށް ޖިންސީ ގޯނާއެއް ނުވަތަ އެނޫންވެސް އަނިޔާއެއް ކުރާތަން ފެންނަ ނަމަ ނުވަތަ އެކަން އެނގޭނަމަ ލޯތައް މަރާ ނުލާށެވެ. ކޮންމެ މަޔަކުވެސް ބަފަޔަކުވެސް އަމާނަތަށް ރައްކާތެރިވާށެވެ. އިބްތިހާލާއި އަދި އަނިޔާއާއި ޖިންސީ ޝިކާރައަކަށްވާ ތުއްތު ކުދިންގެ މަތިން ތާއަބަދު ހަނދުމަކުރައްވާށެވެ. މިފަދަ ކުށްތައް ނައްތާލުމަށް ގޮވާލާ ގޮވުންތަކާއި، އެކުދީންނަށް އިންސާފު ލިބުމަށް އެދި ކުރާ ވަކާލާތުގައި ސާބިތުވެ ތިއްބަވާށެވެ. އަދި މިއަދު ދަރިފުޅުގައިގައި ތަންކޮޅެއް ބާރަށް ބައްދާލާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!