ޚަބަރު

ޖެންޑާގެ ގއ. އަތޮޅު ސެންޓަރުގައި މުވައްޒަފަކު ނެތްތާ އަހަރެއް: ޝިދާތާ

ދެން އެމްވީ ، ދެން އޮންލައިން

ޖެންޑާ މިނިސްޓްރީން ގއ. އަތޮޅުގައި ގާއިމް ކޮށްފައި ހުރި ސެންޓަރުގައި މުވައްޒަފަކު ނެތި އަހަރެއް ވެފައިވާ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރު ވެސް ނުވާ ކުއްްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި މެމްބަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިދާތާ ވިދާޅުވީ ގއ. ސެންޓަަރަށް މުވައްޒަފަކު ހޯދަން މަސައްކަތް ކުރާތާ އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ މުވައްޒަފުން ހޯދުމުގައި ބައެއް ފަހަރު ގޮންޖެހުމަކަށް ވަނީ ސިވިލް ސާވިސްގެ އުސޫލުތައް އޮންނަ ގޮތް ކަމަށެވެ. ގއ.ގެ އިތުރުން އަތޮޅުތެރޭގެ އެހެން ބައެއް ސެެންޓަރުތަކުގެ ހާލަތު ވެސް ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ބައެއް ތަންތަނުގެ ފިޒިކަލް ހާލަތަށް ބެލިޔަސް އަދި އެ ތަންތަނުގައި ތިބި މުވައްޒަފުންގެ އަދަދަށް ބެލިޔަސް. އޭގެ ހަމަ އެއް މިސާލު ގއ. ސެންޓަރުގައި އެއްވެސް މުވައްޒަފަކު ނެތް. ދެން އަހަރެއްހާ ދުވަސް ވެއްޖެ މުވައްޒަފަކު ހޯދުމަށްް މަސައްކަތްކުރާތާ،" އޭނާ ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވި ގޮތުގައި މުހިއްމު އެހެން ބައެއް ސަރަހައްދުތަކުގައި ވެސް މުވައްޒަފުންގެ ދަތިކަން އެބަ އޮތެވެ. ޖެންޑާ މިނިސްޓްރީ އަށް އަބަދުވެސް ލިބެނީ ވަރަށް ކުޑަ ބަޖެޓެއް ކަަމަށާއި ނަމަވެސް މިއަހަރުގެ ބަޖެޓް ކޮންމެވެސް ވަރަކަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

ފައިސާ އާއި މުވައްޒަފުންގެ ދަތިކަމުގެ ވާހަކަ އަށް ރައްދު ދެއްވަމުން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ މިއަހަރުގެ ބަޖެޓް ދިރާސާ ކުރަމުން ދިޔަ އިރު، ބަޖެޓް ރަނގަޅުތޯ ބަލަންް މަޖިލީހުން ޖެންޑާ އަށް ސިޓީއެއް ފޮނުވި ކަމަށާއި ނަމަވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.

އުމުރުން ދެ އަހަރު ވެސް ނުވާ ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް މަޖިލީހުގެ ކޮމިޓީ އަށް މުއައްސަސާތަކުގެ ވެރިން ރޭ ހާޒިރު ކުރި އެ ބައްދަލުވުމަށް ޖެންޑާ މިނިސްޓްރީގެ އިތުރުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި ފުލުހުންގެ މަންދޫބުން ވަޑައިގެންނެވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!