ރިޕޯޓް

މަރޮށީގައި ބޮޑުތަކުރުފާނު އިންދެވި ތާރީޚީ ކާނިގަސް: 600 އަށްވުރެ ގިނަ އަހަރުވީއިރު ވެސް ވަރަށް ބޭނުންތެރި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ތާރީޚީ ބިނާތަކާއި ތަކެއްޗަކީ ގިނަ އަދި ތަފާތު ވާހަކަތަކެއް ކިޔައިދޭ ވަރަށް ވެސް ޝައުޤުވެރިކަން ކުރުވަނިވި ތަކެއްޗެވެ. ބިނާ ތަކެވެ. ތާރީޚީ އެކި ވާހަކަތައް އަޅުގަނޑުމެންގެ ތެރޭގައި ދިރުވާ އާލާ ކުރުމަކީ، މިޖީލަށާއި އަންނަން އޮތް ޖީލަށް ވެސް ފައިދާހުރި މަންފާ އޮތް ކަމެކެވެ.

ތާރީޚީގޮތުން ބަލާއިރު ށ.އަތޮޅު މަރޮށީގެ މަޝްހޫރު ކާނި ގަހަކީ މީގެ 600 އަހަރު ކުރީގެ ހާދިޘާއަކާ ގުޅޭ ގަހެކެވެ.

ކާނި ގަހަކީ އާންމުކޮށް ގިނަ ރަށްތަކުގައި ވެސް ހުންނަ ބާވަތެއްގެ ގަހަކަށްވާއިރު، މަރޮށީ ގައި ހުރި މި ކާނި ގަސް ޚާއްސަ ވަނީ ކޮން ގޮތަކަށްތޯ ބައެއް ބޭފުޅުންގެ ހިތުގައި ސުވާލު އުފެދި ދާނެއެވެ. އޭގެ ޖަވާބަކީ، މި ކާނި ގަހަކީ، އަޅުގަނޑުމެން ދިވެހީން ލޮބުވެތި ބަޠަލު އުތީމު މުޙައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު) ޖެއްސެވި ކަޑަ އަކުން ހެދުނު ކާނި ގަހެއް ކަމެވެ.

 

މިގަހާ ބެހޭ ގޮތުން މަރޮށި ކައުންސިލުގެ އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޙަމީދު ވަނީ "ދެން" އަށް އިތުރު މައުލޫމާތު ދެއްވާފައެވެ.

"އަޅުގަނޑުމެންގެ ކާބަފައިން ކިޔައިދީފައިވާ ގޮތުގައި ބޮޑުތަކުރުފާނު މިރަށަށް ރިޔާ ބަންނަވަން ވަޑައިގަންނަވާފައި، މިރަށުގެ ރާވެރިބެއާ ބައްދަލުކޮށްފައި އެމަސައްކަތް (ރިޔާ ބަނުމުގެ މަސައްކަތް) ހަވާލު ކުރެއްވީ. ދެން ރިޔާ ބާއްވަން ޖެހި ކަޑަ، މިހާރު ހެދިގެން ބޮޑު ގަހަކަށް (ކާނި ގަހަކަށް) ވެފައި މިހުރީ" ހަމީދު ވިދާޅުވިއެވެ.

ޙަމީދު ވިދާޅުވި ގޮތުގައި މިހާރު އެގަހަށް ގާތްގަނޑަކަށް 600 އަށްވުރެ ގިނަ އަހަރު ވެދާނެ ކަމަށެވެ. ޙަމީދު އިތުރަށް ވިދާޅުވީ، ބޮޑުތަކުރުފާނެ ޖެއްސެވީ ތިން ކަޑަ ކަމަށާއި، އޭގެ ތެރެއިން ދެކަޑައިން ހެދުނު ގަސްތައް ވަރަށް ފަހަކާ ޖެހެންދެން ވެސް ހުރި ކަމަށެވެ.

"އޭގެން އެއް ކަޑަ ރައްޔިތުންގެ އެކިއެކި އިމާރާތްތަކަށް ނެގި ކަމަށް ވަނީ އުވަ ދަވަން. އެގަސް ހުރި ސަރަޙައްދުތައް މިހާރުގެ މީހުން ވެސް ކިޔާ. އެހެންވީމަ ވަރަށް ފަހުގެ ތާރީޚެއްގައި ކޮށްފައިވާ މަސައްކަތެއް އެއީ. މިހާރު މިހުރި އުމުރުން އެހާ ދުވަސްވީ ކާނި ގަހަކީ ވެސް ވަރަށް ބޮޑަށް ކަނޑާފަ، ވަރަށް ގިނަ ކަންކަމަށް އޭގެ ލަކުޑި ބޭނުން ކޮށްފައިވާ ގަހެއް. އެގޮތުން 'ކާޑުގެ' ކިޔާ ގެއެއް ކުރިން ހުރި. އެގޭގެ މަތި ވަޑައިންގަނޑާއި އޭގެ ފަންގިފިލައާއި، އެޅި ޑެގާއި އެހުރިހާ މަސައްކަތަކަށް ވެސް ބޭނުން ކޮށްފައި ވަނީ އެގަހުން ކެނޑި ލަކުޑިން" ޙަމީދު ވިދާޅުވިއެވެ.

އޭގެފަހުން މަރޮށީގައި ކުރިން ހުރި "ބާ އޮފީހުގެ" (ރަށު އޮފީހުގެ) ދޮރުފަތާއި ދޮރު ކަނިތަކާއި އެއޮފީހުގައި ބޭނުންކުރި ގިނަ މޭޒުތަކާއި ފަރުނީޗަރުތަކަކީ ވެސް މި ތާރީޚީ ކާނި ގަހުގެ ލަކުޑިންނާއި ކާނި އާރުން ހަދާފައި ހުރި އެއްޗެހިކަން ޙަމީދު ވަނީ ފާހަގަ ކުރައްވާފައެވެ.

"އޭގެ އިތުރުން މިހާރު ހުރި ހުކުރު މިސްކިތުގެ ކުރިން ހުރި މިސްކިތުގެ ދޮރުފަތްތަކާއި ދޮރު ކަނިތަކަށް ވެސް ބޭނުން ކޮށްފައި ވަނީ މިގަހުގެ ލަކުޑި." ޙަމީދު ވިދާޅުވިއެވެ.

މަރޮށީގެ މި ޒަމާންވީ ކާނިގަސް، އިންދާފައި ހުރީ ރަށު އޮފީސް ކުރިމަތީގައެވެ. އަދި އެރަށުގެ ހުކުރު މިސްކިތް ވެސް ހުރީ އެ ގަހާއި މާދުރު ނޫން ހިސާބެއްގައިކަން ފާހަގަ ކުރައްވަމުން ޙަމީދު ވިދާޅުވީ، ބެލެވޭ ގޮތުގައި ރަށު އޮފީހާއި މިސްކިތް ވެސް އެސަރަޙައްދުގައި ހަދާފައި އެވަނީ އެގަސް އެތަނުގައި ހުރުމުގެ ސަބަބުންނެވެ.

ދިވެހީންގެ ތެރޭގައި އުފެދިފައިވާ ތާރީޚީ މިފަދަ ބައެއް ދިރުންތައް "ހިމާޔަތް" ކޮށްފައިވީ ނަމަވެސް، އެތަކެއްޗަށް ދޭންވާ ސަމާލުކަމާއި ދޭން ޖެހޭ އަޅާލުން އަޅުގަނޑުމެންނަށް ދެވިފައި ނުވާކަން ޙަމީދު ވެސް ފާހަގަ ކުރެއްވިއެވެ.

ދިވެހީންގެ މެދުގައި މިހާރު ފެންނަން ހުރި ތާރީޚީ މިފަދަ ދިރުންތަކަށް އަޅުގަނޑުމެން ބޮޑަށް ސަމާލުވެ، އެތަކެތި ދިރުވާ އާލާކުރުމުގެ މަސައްކަތް، ކޮންމެ ދިވެއްސަކު ވެސް ކުރުން މުހިންމު ކަން ޔަގީނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!