ކަތީބަށް މަތީ ފަރާތުން މައާފު ދެއްވައިފިއެވެ.
ދިވެހިރާއްޖެ ތަހުޒީބާއި ތަމައްދުންގެ ސަފްހާތައް ދެކުމުގެ ކުރިން ޖާހިލުކަމުގެ ސަފްހާތަކެއްވެސް ދެކެފިއެވެ. މަޖިލިސް މެމްބަރުންނާއި ކައުންސިލަރުންގެ ކުރިން އަތޮޅުވެރިންނާއި ކަތީބުންގެ ޒަމާނެއް ދެކުނެވެ. ރައީސް މީހާގެ ނަން ދުލު ކުރިއަށް ގެނައުމަކީ ކުށެއްގެ ގޮތުގައި ދެކެވުނު ދުވަސްތަކެއްވެސް ދެކުނެވެ. އަދިވެސް ހަނދާން ހުރެއެވެ. ގޭގެ ޖޯލިފަތީގައި އިނދެ "މައުމޫނު އަބްދުލް ގައްޔޫމް" އޭ ބުނުމުން ކާފަ އެހެން ނުކިއުމަށް އެދުނު ހަނދާނެވެ. ރަށު އެންމެންވެސް ކިޔާހެން "ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު" ކިޔާފައި ނަން ގަތުމަށް މަންމަވެސް ނަސޭހަތްތެރިވެއެވެ.
ކުރާ އިހުތިރާމެއްގެ ބޮޑުކަމުންކަމެއް ނޫނީ ގަންނާ ކުރެއްވި ބިރެއްގެ ބޮޑުކަމުންކަމެއް އަދިވެސް ބުނާކަށް ނޭނގެ އެވެ. އެޒަމާނުގައި ރިޔާސީ އިންތިހާބުގައި 100 އިންސައްތަ ވޯޓުން ރައީސަށް ތާއީދު ލިބެއެވެ. ރަށުގައި ވެރިކަމާ ހިތްހަމަނުޖެހޭ މީހަކު ހުންނަ ކަމަކަށް ނުވެއެވެ. އެންމެ ނިކަމެތި މީހާއިން ފެށިގެން އެންމެ ތަނަވަސް މީހާވެސް ވެރިކަމާ ނިކަން ގަޔާވެއެވެ. ރައީސް އައްޔަނު ކުރައްވާ އަތޮޅުވެރިޔާގެ ނަން އިވުނަސް ކުޑަ ކަތީބާއި ބޮޑު ކަތީބު ތިބެނީ ބިރުން ތުރުތުރު އަޅައިގެންފައެވެ.
ކޮންމެއަކަސް މިއީވެސް ތާރީހުން ސަފްހާއެކެވެ. ގުނަމުން ދިޔައީ 2000 ގެ ކުރީކޮޅުގެ އަހަރުތަކެވެ. އެއީ އަތޮޅު ތަމްސީލު ކުރައްވާނެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހޮވުމަށް އިންތިހާބު ބާއްވަން ތައްޔާރުވަމުން ދިޔަ ދުވަސްވަރެވެ. ރަށުގައި މާ ގަދަ ފޯރިއެއް ނެތަސް ތުންތުން މަތިން ހޮޅުއަށިތަކުގައި ކުރިމަތިލާ ބޭފުޅުންގެ ނަންތައް ދިޔައީ ތިލަކުރަމުންނެވެ. އެމީހުންގެ ނަސަބާއި ހައިބަތުގެ ވާހަކަވެސް ދިޔައީ ދައްކަމުންނެވެ. މާ ވަރުގަދަ ކެމްޕެއިންތަކެއް ނުކުރިއެއް ކަމަކު ފިކުރީގޮތުން ކެމްޕެއިންގެ ފޯރި އޮތީ ފެށިފައެވެ.
އެކަމަކު އެއްވެސް މީހަކަށް ތިމަންނާ ތާއީދު ކުރަނީ މިވެނި މީހަކަށޭ ބުނާކަށް ނުކެރެއެވެ. މިވެނި މީހަކަށް ވޯޓު ލާށެކޭވެސް ބުނާކަށް ނުކެރެއެވެ. އިންތިޒާރު ކޮށްގެން ތިބީ "މަތީ ފަރާތުން" ނިންމާ ގޮތެއް ކަތީބު އިއުލާން ކުރައްވަންދެނެވެ. އެ ގޮތެއް ކަތީބު އިއުލާން ކުރެއްވީމާ އެއީ އެންމެ މޮޅު ގޮތްކަމަށް ނިންމާށެވެ. އަތޮޅުގެ ހުރިހާ ރަށެއްގެ ކަތީބުންނާއި ބައްދަލުކުރައްވަން ބޭނުންވާ ވާހަކަ ލަސްތަކެއް ނުވެ، އަތޮޅުވެރިން އަންގައިފިއެވެ. މި ބައްދަލުވުން ބާއްވަން ހަމަޖެހުނީ އަތޮޅުވެރިކަން ކުރާ ރަށުގައެވެ.
އަނެއް ދުވަހު ބައްދަލުވުން ބާއްވަން ޖަމާވެއްޖެއެވެ. ހުރިހާ ރަށެއްގެ ކަތީބުން ހަމަވެއްޖެއެވެ. އަތޮޅުވެރިންވެސް ހާޒިރުވެއްޖެއެވެ. އެ ބައްދަލުވުމަކީ މަޖިލީހަށް ކުރިމަތިލާ މެމްބަރުންގެ ތެރެއިން ސަރުކާރު ތަމްސީލު ކުރައްވާ މެމްބަރުންގެ ނަން އިއުލާން ކުރަން ބޭއްވި ބައްދަލުވުމެކެވެ. އެހެންވެ އެޖެންޑާ މާ ދިގެއް ނޫނެވެ. ގާތްގަނޑަކަށް 15 ވަރަކަށް މިނެޓަށްފަހު ބައްދަލުވުން ނިންމައިލަން އޮތީ ރާވައިފައެވެ.
ދެ މެމްބަަރެއްގެ ނަން އިއުލާން ކޮށްފިއެވެ. އަތޮޅުވެރިން ވިދާޅުވީ އެ ދެ މެމްބަރުން ހޮވައިދެއްވަންވާނެ ކަމަށެވެ. ކަތީބުންގެ ޖަވާބު ވަރަށް ކުރެވެ. "އާދޭހެވެ!" އެއާއެކު ޖަލްސާ ނިމުނީއެވެ. އެކަމަކު އެއް ކަތީބަކު ޖަވާބެއް ދެއްވަން އުޒުރުވެރިވެއްޖެއެވެ. ޖަލްސާ ނިންމައިލުމުގެ ކުރިން "އެއްޗެއް ވިދާޅުނުވެ ތިޔަ އިންނެވީ ކީއްވެތޯ" ކަތީބާއި ސުވާލު ކުރެވުނެވެ.
އެޒަމާނުގައި ގިނަ ކަތީބުންނަކީ ގްރޭޑު 7 ގެ ފެންވަރުގެ ތައުލީމުވެސް ނެތް ބޭފުޅުންނެވެ. ގިނަ ކަތީބުންނަކީ ވިހި ތިރީސް އަހަރު ވަންދެން އެމަގާމުގައި ތިއްބެވި ބޭފުޅުންކަމުން އެނގެންޖެހޭ ހުރިހާ ކަމަކަށް ނިކަން ފަރިތަ އެވެ. އެކަމަކު ތަހުޒީބާއި ތަންކޮޅެއް ދުރެވެ. ބުއްދީގެ ބޭނުން ކުރެއްވުމަށްވުރެއް ބޮޑަށް ކިޔަމަންވަނީ "މަތީ ފަރާތުގެ" އޯޑަރަށެވެ. ކޮންމެއަކަަސް އުޒުރުވެރިވި ކަތީބަކީ އިލްމާއި ތަންކޮޅެއް ރައްޓެހި ބޭފުޅެކެވެ. ވިދާޅުވިއެވެ. "ވޯޓަކީ ސިއްރު އެއްޗެއް ނޫންތޯއެވެ. އަޅުގަނޑު ވޯޓު ދޭނީ އަޅުގަނޑަށް ފެންނަ ގޮތަކަށްތާ އެވެ." އެއާއެކު ޖަލްސާ ނިމުނީ އެވެ. އަތޮޅުވެރިން ހިތްޕުޅާ ނުވިއެއް ކަމަކު އެއްޗެއް ވިދާޅެއް ނުވިއެވެ.
ދެން ހުރިހާ ކަތީބުންވެސް ރަށްރަށަށް ގޮސްފިއެވެ. ކިޔަމަން ނުވި ކަތީބުވެސް ރަށަށް އައިސްފިއެވެ. އާދައިގެ މަތިން ދުވަހުގެ ކަންކަމުގައި މަސްއޫލުވާން ފަށައިފިއެވެ. ހުރިހާ ކަމެއްވެސް ކުރިއަށް ދިޔައީ އެހެންޏާވެސް ކަން ހިނގާ އުސޫލުންނެވެ. އެކަމަކު އާދަޔާ ހިލާފު ކަމެއް ފާހަގަވެއްޖެއެވެ. ދެ ދުވަހެއް ވަންދެން ބައިސްކަލެއްގައި މީހަކު އެބަ ފާރަލައެވެ. ދާ ކޮންމެ ތާކުން އެ ބައިސްކަލު އެބަ ފެނެއެވެ. އޭގައި އިން މީހާއަކީ ދެކެ ފަރިތަ މީހެއް ނޫންކަމުން އެއީ ބީރައްޓެއްސެއްކަން އެނގިއްޖެlއެވެ.
އަނެއް ދުވަހެވެ. ހެނދުނު ސައި ބޮއިގެން އޮފީހަށް ދިޔަ މަގުމަތީގައި ދުވަމުން މީހަކު އައިސް ރަށަށް ކޯސްޓްގާޑު ބަންދަރުކޮށްފިއޭ ކިޔައިފިއެވެ. މިސްރާބު ބަދަލުކޮށްލައި ބަނދަރާ ދިމާއަށް ހިނގައިގެންފި އެވެ. ބަނދަރުގައި މަޑުކޮށްގެން ހުއްޓައި ސިފައިންގެ ދެ ބޭކަލަކު ފައިބާވަޑައިގެންފިއެވެ. ސަލާން ކޮށްލައްވައި "ވަޑައިގެންނެވީ ކޮން ބޭނުމަކުތޯ" ކަތީބު އެއްސެވިއެވެ. ވިދާޅުވީ ރަށު އޮފީހުގެ އޮޑިޓެއް ކުރެއްވުމަށް ކަމަށެވެ. ކަތީބުގެ އިތުގައި އެތައް ސުވާލެއް އުފެދިއްޖެ އެވެ. އެކަމަކު އެހުމަށްވުރެއް ހިމޭނުން ހުރުން ބުއްދިވެރިކަމަށް ހީވެ ދެ ބޭކަލުންނާއެކު ރަށު އޮފީހަށް ވަޑައިގެންފިއެވެ.
ފުރަތަމަވެސް އޮފީހަށް ވަޑައިގެން އޮޑިކު ކުރަން ފެށީ ތިޖޫރީއެވެ. ފައިސާގެ ކޮންމެ ނޫޓެއް ވަކިވަކިން ގުނައި ނޯޓު ކުރަން ފަށައިފިއެވެ. އަދި ހިސާބު ކިތާބު ގެންނަވަން އެދިއްޖެއެވެ. ކަތީބު އެކަންވެސް ކުރައްވައިފިއެވެ. ކަމަކު ދާކަށް ނެތެވެ. 50 ލާރި އިތުރުވެއްޖެއެވެ. ތިޖޫރީއަށް ކޮންމެވެސް މީހަކު އިތުރު 50 ލާރި ލީތާއެވެ. ހިސާބު ގޯސްވެއްޖެއެވެ. ވަގުތުން ސިފައިންގެ ބޭކަލުން އެދުނީ ކަތީބު މާލެ ވަޑައިގަންނަވާށެވެ. ވަގުތުން ވަގުތަށެވެ. "ބައްލަވާ ފައިސާއެއް މަދެއް ނުވޭނޫންތޯއޭ، މާލެ ދާން ޖެހެނީ ކީއްވެތޯ" ތަކުރާރުކޮށް ސުވާލު ކުރެއްވުމުން ލިބުނީ އެންމެ ޖަވާބެކެވެ. "މަތީ ފަރާތުގެ އޯޑަރަށޭ ވަޑައިގަންނަވާށޭ"އެވެ. ދެން ރަށަށް އައި ކޯސްޓްގާޑު އުޅަނދުގައި ކަތީބު ވަޑައިގެންނެވީ މާލެއެވެ.
ކަތީބު ހާޒިރު ކުރީ ފުލުސް އޮފީހަށެވެ. ސިފައިންގެ ބޭކަލުން އޭރުވެސް ވިދާޅުވަމުން ގެންދެވީ "ކަތީބުގެ މައްސަލައެއް ނެތް" ކަމަށެވެ. ހަމަ "މަތީ ފަރާތުން އަންގައިގެން" ކަމަށެވެ. ފެންޑާގައި މަޑުކުރައްވައިގެން އިންނަވައި ކަތީބު ވަރަށް ވިސްނަވާލައްވައިފިއެވެެ. ލައިގަނެގެން މިއުޅެނީ ކޮން ކަމެއްކަން ވިސްނުނީ ދެނެވެ. "މަތީ ފަރާތުން" އެންގި އެންގުމަށް ކިތަމަން ނުވުމުން ވީ ގޮތެއްކަން އެނގުނީވެސް ދެނެވެ. ހިތްޕުޅާނުވި އަތޮޅުވެރިޔާ "މަތީ ފަރާތަށް" އަންގައިފިކަންވެސް ރޭކާލީ ދެނެވެ. އެތަނުގައި އިރުކޮޅަކު ބައިންދާފައި "މަތީ ފަރާތުން" މައާފު ދެއްވައިފިކަމަށާއި ކަތީބު ވަޑައިގެންނެވިޔަސް އެންމެ ރަނގަޅުކަމަށް ބުނެފިއެވެ. ކަތީބުގެ މައްސަލައެއް ނެތަސް "މަތީ ފަރާތުން" އެވަނީ މައާފު ދެއްވައިފައެވެ.
ހުރިހާ ކަމެއް ނިމިއްޖެ އެވެ. ކަތީބުގެ އަތޮޅުން ހޮވުނީ ސަރުކާރުގެ ދެ ކެނޑިޑޭޓުންނެވެ. ކަތީބަށްވެސް ފިލާވަޅެއް ދަސްވެއްޖެ އެވެ. "މަތީ ފަރާތުގެ" ނިންމުމަކީ އެންމެ ފަހުގެ ނިންމުންކަމެވެ. ދުލަށް އައި ކޮންމެ އެއްޗެއް ބުނުމަކީ އޮތް އިހުތިޔާރެއް ނޫންކަންވެސް ދަސްވެއްޖެ އެވެ.
މިއީ ހަމަ އެންމެ ސަފްހާ އެކެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި މިކަހަލަ ކޮންމެވެސް ވާހަކައެއް އޮންނާނެ އެވެ. އަތޮޅުވެރިންނާއި ކަތީބުންގެ މަޝްހޫރު އެތައް ވާހަކަތަކެއް ތާރީހުގެ ތެރެއަށް ވަދެގެން ގޮސްފި އެވެ. ލިބޭ އުފަލަކީ ރާއްޖެ މިއަދު އައިސްފައި މިއޮތް ހިސާބުގައި މިވަރުގެ ބިރުވެރިކަމެއް ނެތުމެވެ. ދުލާއި ގަލަމުގެ މިނިވަންކަން އޮތުމެވެ. ހިޔާލު ފާޅުކުރުމުގައި ފަސްނުޖެހި ބަސް ބުނުމުގެ އިހުތިޔާރު ލިބިފައި ވުމެވެ. އެކަމަކު ހިތާމައަކީ އަދިވެސް ނުސީދާކޮށް ބިރުވެރިކަން އޮތުމެވެ. ހާއްސަކޮށް ވަޒީފާގެ ބިރުވެރިކަމެވެ. ނޫނީ ކޮންމެވެސް ކަމެއްގައި ކޯޓަށް ގެންގޮސްދާނެކަމުގެ ބިރެވެ.
ރިޔާސީ އިންތިހާބުގައި ރައީސާއި ދެކޮޅަށް ވޯޓް ދީފަ އައިދުވަހު މަވެސް ވަރަށް ބިރުން ހުރީ އެއީ އެކަން އެގުދާނެތީ އަދި އެފަދަ މާފުކުރުމެއް އަތުވެދާނެތީ !
ތަހުޒީބާ ތަމައްދުން އުތުރި އަރަނީއެވެ.އިންޑިޔާއޭ ބުނާމީހާއަށް އޮތްހުކުމް މައުމޫނޭ ބުނާ މީހާއަށް އޮތްހުކުމަށްވުރެ މާނުރައްކަލެވެ. ތަހުގީގި ކުރަނީ ބޮޑުރަށުގެ ރަހުނެއް ނެތް ފުލުހުންނެވެ. ދިވެހި ސިފައިނނަކީ ބޮޑުރަށުގެ ސިފައިނގެ ޖަނގިޔާ ދޮންންނަ ބައެކެވއވއވއވއވ ދިވެހިން ތިބެން ޖެހެނީ އިންޑިޔާ މީހުންގެ ދަށުގއެވެވެވެވެވެވެވެވެވެވެވެވެވެވެވެވލވ މި އާޓިކަލް.ލިޔުނު މީހާގެ ގަމަމރުކަކާއެވެ