ރިޕޯޓް

އެހީ ރިޕޯޓް: ޔޫން ގެ ހާލު ކްރިޓިކަލް، ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއާއި ހެޔޮ ދުޢާ އިންތިހާއަށް ބޭނުންވޭ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިއީ ފިލްމީތަރި މުޙައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިޙްލާ (ރިހޫ) ގެ އެންމެ ހަގު ދަރިފުޅު ޔޫން މުޙައްމަދު ޔުނާން އެވެ.

Ads by MWSC

އުފަންވީއިރު ވެސް ހިތުގެ މައްސަލަތަކެއް ހުރިނަމަވެސް، ޔޫން އަކީ މާޝާ ﷲ ވަރަށް ވެސް ހިތްވަރުގަދަ ކުއްޖެކެވެ. އުމުރުން އެންމެ އަށް މަހުގެ ޔޫން އަކީ އެކުވެރި މިޒާޖެއްގެ، އެތުއްތު ތުއްތު ހިނިތުންވުމުން ކޮންމެ މީހެއްގެ ހިތަށްވެސް ލޯބި ގެނެސްދޭ ކުއްޖެކެވެ.

ޔޫންގެ ބަލިހާލަތު "ދެން" އާއި ހިއްސާ ކުރަމުން ރިހޫ ބުނީ، ޔޫން އުފަންވިތާ ދެވަނައަށްވީ ދުވަހު ވެސް ގޮވައިގެން އިންޑިއާއަށް އެމަޖެންސީކޮށް ދާން ޖެހުން ކަމަށާއި ފުރަތަމަ ފަހަރަށް ވެސް ހިތުގެ އޮޕަރޭޝަނެއް އެއިރު ޔޫންގެ ކުރަން ޖެހުނު ކަމަށެވެ.

"ބޭބީގެ ހިތުގެ ވާތްފަޅި އެއްވެސް ވަރަކަށް މަސައްކަތް ނުކޮށްގެން އެއިރު އޮޕަރޭޝަން ކުރީ. ވިހެއިރު ބޭބީގެ ނޭވާއަށް އުނދަގޫވެ ވެންޓިލޭޓަރަށް ލާން ޖެހުން. އޭގެފަހުން ބޭބީގެ އިކޯއެއް ހެދިއިރު އެނގުނީ ބޭބީގެ ހިތުގެ ވާތްފަޅި އެއްވެސް ވަރަކަށް މަސައްކަތް ނުކުރާކަމާ ލަންގްސް ސްޓިފް ވެފަ ވެސް ހުރިކަން. އެހެންވެ ވަގުތުން ފުރުވާލީ އިންޑިއާއަށް. ހާޓް އޮޕަރޭޝަން ކުރީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގަ. އެކޮޅުގަ އެއިރު ގާތްގަނޑަކަށް މަހެއްވަރު ހުންނަން ޖެހުން" ރިހޫ ކިޔައިދިނެވެ.

އެއޮޕަރޭޝަނަށްފަހު އެނބުރި ރާއްޖެއައީ މިދިޔަ އަހަރުގެ ނޮވެމަބަރު މަހުގެ 31 ވަނަ ދުވަހުއެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ އިތުރު ފޮލޯއަަޕެއް ހެދިއިރު އިތުރު މައްސަލަތަކެއް ޖެހިފައިވާކަން ވަނީ އެނގިފައެވެ. އެގޮތުން ޔޫންގެ ހިތުގެ އޮޕަރޭޝަން ކޮށްފައި ގުޅުވާފައި އިންނަ ނާރު މަޑުމަޑުން ބެދެމުން އަންނަކަމަށާއި އެހެންކަމުން ހިތުގެ ލޭގެ ޕްރެޝަރ ވެސް ހުންނަން ޖެހޭ ވަރަށްވުރެ އިތުރު ވެފައިވާކަން ވެސް ވަނީ އެނގިފައެވެ.

އެހެންކަމުން އެފަހަރުވެސް އެދެމަފިރިން ވަނީ ޔޫން ގޮވައިގެން އަވަސް ފަރުވާއަށް އިންޑިއާއަށް ފުރާފައެވެ.

އެއިރު ބޭސް ފަރުވާ ކުރުމަށްފަހު އަނެއްކާވެސް ޔޫންގެ ހާލަތު މިވަނީ ދަށްވާން ފަށާފައެވެ.

"މިހާރަކަށް އައިސް ހުންއައިސްފަ ނޭވާލާންވެސް އުނދަގޫވެގެން އުޅެނީ. ރަނގަޅަށް ނުވެސް ކެވޭ. ބަރުދަނުގައި 10 ކިލޯ ހުރެފައި މިހާރު މިދިޔަ ތިން ހަފްތާ ތެރޭގައި ހުރީ ފަސް ކިލޯއަށް ބަރުދަން ލުއިވެފައި. ގާތުން ކިރުވެސް ބޮނީ ވަރަށް މަދުން މިހާރު." ރިހޫ ކިޔައިދިނެވެ.

އައިޖީއެމްއެޗް ގައި އެޑްމިޓު ކޮށްފައި އޮތުމަށްފަހު އިއްޔެ ޔޫން ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ. އަދި އިއްޔެ އިކޯ އެއް ވެސް ހަދާފައިވާއިރު ޔޫންގެ ހާލަތު ކުރިއަށްވުރެ ގޯސް ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

"ކުރިއަށްވުރެ ބޮޑުވަރު ވެފަ މިހާރު ހުރީ. ހިތުގެ ވާތްފަޅި އިނީ ވަރަށް ބޮޑަށް ފުއްޕާފައި، ބޮޑުވެފަ. ގުޅުވާފަ އިން ހޮޅިވެސް ބެދެމުން ދަނީ. އެހެންވެ މިއީ ޔޫން އަށް ވަރަށް ކްރިޓިކަލް ކޮންޑިޝަނެއް" ރިހޫ ބުންޏެވެ.

ޔޫން އަށް ފަރުވާ ކުރަން އަމްރިތާ ހޮސްޕިޓަލަށް ދިޔުމަށް އާސަންދަ ވަނީ ލިބިފައެވެ. ނަމަވެސް ކުރިން ޔޫން އަށް ފަރުވާކުރި ޑޮކްޓަރު ޑރ. ސުނިލް މިހާރު އިންނަވަނީ އަމްރިތާ އަކު ނޫނެވެ. އެޑޮކްޓަރު މިހާރު އިންނަވާ ހޮސްޕިޓަލަށް އާސަންދައެއް ނުލިބެއެވެ. އަމްރިތާގެ އެހެން ޑޮކްޓަރަކަށް ދެއްކި ކަމުގައިވިޔަސް، އެހެން ޑޮކްޓަރެއްގެ ކޭސްއަކަށްވުމުން އެމީހުންނަށް ރަނގަޅަށް ބަލަން ނޭނގޭނެތީ، އަމްރިތާގެ ޑޮކްޓަރުން އެވަރަށް ނުބަލާނެ ކަމަށް ޑރ. ސުނިލް ވެސް ވަނީ ބުނެފައެވެ.

ޔޫން އަށް ފަރުވާ ކުރަން އެންސްޕާގެ އެހީގެ ދަށުގައި ދިޔުމަށް ވެސް ރިހޫ އާއި ޔުނާން އަންނަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެފަރާތުން އަދި ޔަގީންކަމެއް ނުދެއްވާ ކަމަށާއި މަސައްކަތް ކުރަމުން އަންނަކަމަށް ބުނި ކަމަށް ވެސް ރިހޫ ބުންޏެވެ.

ތުއްތު ތުއްތު ޔޫން އަށް ފަރުވާ ކުރަން ތިޔަ އެންމެހާ ފަރާތްތަކުގެ އެހީތެރި ކަމަށް އެދެމަފިރިން އެދެއެވެ.

ޔޫންއަށް ފައިސާގެ އެހީއެއް ވެދެއްވުމަށް 7715119600101 (ފާތިމަތު ރިޙްލާ) އަށް ފައިސާ ޖަމާކޮށްދެއްވުމަށާއި އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ 9929906 އަށް ގުޅާލުމަށް އާއިލާއިން އެދެއެވެ.

*ކުރިންވެސް ބަޔަކު ޔޫންގެ ނަމާއި ފޮޓޯތައް ބޭނުން ކޮށްގެން މީހުން އަތުން ފައިސާ ހޯދުމަށް މަސައްކަތް ކޮށްފައިވާތީ، ރިހޫ އެދިފައިވަނީ ވަކިން އެއްވެސް މީހަކު ކުރާ މެސެޖަކަށް އިޖާބަ ނުދިނުމަށެވެ. އަދި ރިހޫމެން ވަކިން މެސެޖު ނުކުރާނެ ކަމަށާއި، ރިހޫގެ އެކައުންޓު ނަންބަރަކީ މިއީ ކަމުގައިވެސް ރިހޫ ބުނެފައިވެއެވެ.

މާތް ﷲ ތުއްތު ތުއްތު ޔޫން އަށް އަވަސް ޝިފާއެއް މިންވަރު ކޮށްދެއްވާށި. އާމީން.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!