ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ލަސްވާތީ، ޖޭއެސްސީން އެކަމަށް ހައްލު ހޯދަނީ
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ލަސްވުމެއްނެތި ކުރިއަށްގެންދެވޭނެ ގޮތްތައް ރޭވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާ މަޝްވަރާކުރުމަށް ނިންމައިފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ ފަރާތްތަކާ ގުޅޭގޮތުން ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ކޯޓުތަކުން އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ބްލޮކް ޓްރައިލްސް ނިޒާމެއްގެ ތެރެއިން ބަލަން ފެށޭނެ ނިޒާމެއް ޝަރުއީ ދާއިރާގެ ތެރޭގައި ގާއިމުކުރުމަށާއި، އެފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމެއްނެތި ކުރިއަށްގެންދެވޭނެ ގޮތަކަށް ކަންކަން ރޭވުމަށް ޑީޖޭއޭއަށް އެންގުމަށް ޖޭއެސްސީން ވަނީ ނިންމައިފައެވެ.
ޖޭއެސްސީން ބުނީ އެފަދަ މައްސަލަތައް ކޯޓުތަކުގައި ލަސްވުމަށް ދިމާވާ ސަބަބު ދެނެގަތުމަށް ކޯޓުތަކުގެ އިސް ފަނޑިޔާރުންނާ ބައްދަލުކޮށް، މައްސަލަތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކޮށް އެ މައްސަލަތައް އަވަސްކުރަން އެޅޭނެ ފިޔަވަޅުތައް ބެލުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށާއި އަދި އެ މަސައްކަތް މިހާރުން މިހާރަށް ފަށައި، މި ހަފުތާ ތެރޭ ނިންމުމަށް ވެސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް ލަސްވަމުންދާތީ އެކަމާ ވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި އެކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ، ބަންދުގައި ބެހެއްޓުމަށް 15 ދުވަސް ވަނީ ޖަހައިފައެވެ. އެކުއްޖާގެ ކާފަ އާއި މުނިކާފައަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުކުރާ އިރު، އެކުއްޖާގެ ބައްޕައަށް ކުރަނީ އިހުމާލުވި ކަމުގެ ތުހުމަތެވެ.
އެކުއްޖާގެ މުނިކާފަގެ ޖިންސީ ގޯނާގެ މައްސަލައެއް މިހާރު ވެސް ކޯޓުގައި ހިނގަމުންދެއެވެ. އަދި މީގެކުރިން އެކުއްޖާގެ ކާފަގެ ޖިންސީ ގޯނާގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. އެކުއްޖާގެ ބައްޕަ އާއި މަންމައަކީ ވެސް ކުށްތަކުގެ ރެކޯޑު އޮންނަ ދެ މީހުންނެވެ. އެކުއްޖާގެ ބައްޕަގެ މާރާމާރީ މައްސަލަތަކާއި މަސްތުވާތަކެތީގެ ރެކޯޑު އޮންނަ އިރު، މަންމައަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑު އޮންނަ މީހެކެވެ.