ޚަބަރު

ކަނޑުހުޅުދޫ މެޖިސްޓްރޭޓްގެ ހަތް މައްސަލައެއް ދަނީ ބަލަމުން: ޖޭއެސްސީ

ދެން އެމްވީ ، ދެން އޮންލައިން

ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅޭ ހަތް މައްސަލައެއް ބަލަމުންދާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.

Ads by MWSC

ޖޭއެސްސީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅޭ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ހަސަން ދީދީއާ ގުޅޭ ހަތް މައްސަލައެއް ކޮމިޝަނަށް ހުށަހެޅި ބަލަމުންދާ ކަމަށް ޖޭއެސްސީން ބުނެއެވެ.

ހަސަން ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ ހަތް މައްސަލަ:

– މުވައްޒަފުންނަށް ޖިންސީ ގޯނާކުރާ ކަމުގެ ޝަކުވާއާއި މާލިއްޔަތު ގަވައިދާ ހިލާފަށް އަމަލުކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރާ މައްސަލަ

– ހަސަން ދީދީގެ މައްޗަށް ތުހުމަތުކޮށް އޭނާ އަވަގުރާނަ ގޮވި ކަމަށް ބުނެ ހުށަހެޅުނު މައްސަލަ،

– އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ،

– ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާ ކަމަށް ކަމަށް ބުނެ ހުށަހެޅުނު މައްސަލަ،

– ހެކިންގެ ބަޔާން ނެގުމަށް ހުރަސް އަޅާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ،

– މާރާމާރީ ހިންގުމަށް ހިތްވަރު ދިން ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

– ހުތުރު އެއްޗެތި ގޮވި ކަމަށް ބުނެ ހުށަހެޅުނު މައްސަލަ

ޖޭއެސްސީން ބުނީ ހަސަން ދީދީއާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރުގެ ޖުލައި މަހުގެ މަހުގެ 18 އިން 23 އަށް ކޮމިޝަންގެ މައްސަލަ ބަލައި ކޮމިޓީއަށް ހަސަން ދީދީ ހާޒިރުކޮށްފައިވާ ކަމަށެވެ. އަދި ހަސަން ދީދީގެ މައްޗަށް ހުށަހަޅާފައިވާ ޝަކުވާތަކާ ގުޅޭގޮތުން އޭނާގެ ބަހެއް ހޯދާ، މައްސަލައިގެ ތަހުގީގު ކުރިއަށްދާތީ އޭނާ ވަޒީފާއަށް ނުނިކުމެ މަޑުކުރަން އަންގާފައިވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ޖޭއެސްސީން ބުނީ ހަސަން ދީދީއާ ގުޅޭގޮތުން ހުށަހެޅިވާ މައްސަލަތަކުގެ ތަހުގީގުގައި ޖިނާއީ މައްސަލަތަކެއް ފާހަގަވުމުން އެ މައްސަލަތައް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެމައްސަލަ ބަލަން ފެށިކަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ފުލުހުން ކޮމިޝަަނަށް އެންގުމާ ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ހަސަން ދީދީ އަށް އަންގާފައިވާނެ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ޖޭއެސްސީން ބުނީ ހަސަން ދީދީގެ މައްސަލައިގައި މިހާރު ކޮމިޝަނުން ކުރަމުން ގެންދަނީ ތަހުގީގު ރިޕޯޓް އެކުލަވާލުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!