ނުރައްކަލަށް ހުށަހެޅިދާނެ ކުދިން ތިބި އާއިލާތައް މޮނިޓާ ކުރަން 7 ދުވަސް
ޖިންސީ ޝިކާރައަކަށް ކުދިން ވުމުގެ ނުރައްކާ އޮތް އާއިލާތައް ޖެންޑާ މިނިސްޓްރީ އަށް މިހާރު ވެސް އެނގޭނެތީ، އެފަދަ އާއިލާތަކުގެ ކަންތައްތައް މޮނިޓާ ކުރުމުގެ މަސަައްކަތް ހަފްތާއެއްގެ ތެރޭގައި ފަށަން، އެ މިނިސްޓްރީއަށް އަންގަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
ދެކުނުގެ ރަށެއްގައި އުމުުރުން ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ރޭ ވަނީ މައްސަލައާ ގުޅުންހުރި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެގޮތުން ފުލުހުންނާއި، ޖެންޑާ މިނިސްޓްރީ އާއި ޕީޖީ އޮފީހާއި އަދި ކުއްޖާ ނިސްބަތްވާ ރަށު ކައުންސިލާ ވެސް ކޮމިޓީން ވަނީ ސުވާލުކޮށްފަ އެވެ.
ރޭގެ ބައްދަލުވުމާއި އޭގެ ކުރިން ބޭއްވި ބައްދަލުވުމުން، ހޯދާފައިވާ ހޯދުން ތަކަށް ބިނާކޮށްް، ހަ ކަމެއް ކުރަން އަންގަން ކޮމިޓީން މިއަދު ނިންމި އެވެ. އޭގެ ތެރެއިން ޖެންޑާ މިނިސްޓްރީން އެންމެ އަވަހަށް ކުރަން އަންގާނެ އެއް ކަމަކީ ނުރައްކާ އޮތް އާއިލާތައް ދެނެގަންނާނެ އުސޫލެއް ކަނޑައެޅުމާއި މިހާރު ވެސް އެކަން އެނގޭ އާއިލާތައްް މޮނިޓާ ކުރަން ފެށުމެވެ. އެ ގޮތަށް އަންގަން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރުން ރޮޒައިނާ އާދަމް އެވެ.
މިހާރު ކަނޑައެޅިގެން އެނގޭ އާއިލާތަކުގެ އިތުރުން ވެސް ކުދިންނަށް ނުރައްކާތެެރިކަން ބޮޑު އާއިލާތައް ދެނެގަތުމުގެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ކުރަން ވެސް ރައްޔިތުންގެ މަޖިލީހުން އެދޭނެ އެވެ. ރަށްރަށުގައި ހުރި ސިއްހީ މުއައްސަސާތައް ނުވަތަ މަދަނީ ޖަމާއަތްތަކުގެ އެހީގައި އެ މަސައްކަތް ކުރުމަށް ލަފާ ދޭނެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުންގެ ތެރެއިން މުޖުތަމައަށް ދޫވެފައި ތިބީ ކޮންކޮން ބައެއްތޯ ބަލައި، އެ މީހުން ދޫވެފައި ތިބި ތިބުން މުރާޖައާކޮށް، އެމީހުންގެ ކަންތައްތައް ބަލަން ފަށަން އަންގަން ވެސް ކޮމިޓީން މިއަދު ނިންމި އެވެ. އަނެއް ކަމަކީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ޑިޕާޓްމަންޓްތަކުގައި މަސަައްކަތްކުރާ މީހުންގެ މަސައްކަތް ހުރި ގޮތް ބެލުމެވެ.
މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ހަސަން ޒިޔާއު ވިދާޅުވީ އުމުރުން ދެ އަހަރުނުވާ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ދިރާސާ ކުރުމަށްފަހު، ކޮމިޓީން މިއަދު ނިންމާ ގޮތްތައް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެންގުމުން އެ ނިންމުންތައް ރައީސް ނަޝީދު ތަންފީޒު ކުރައްވާނެ ކަމަށެވެ.
ގއ. ކަނޑުހުޅުދޫގައި ތުއްތު ކުއްޖާ ރޭޕްކުރި މައްސަލައިގައި އެ ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނިކާފަ މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ތިން މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްގެން ތަހުގީގު ކުރިއަށް ގެންދަން ކޯޓުން ވަނީ އަންގައިފަ އެވެ.