ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ލަސްނުކޮށް ފިޔަވަޅު އެޅުމަށް އެމްއާރުއެމް އިން ގޮވާލައިފި
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ލަސްނުކޮށް ފިޔަވަޅު އަޅުމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) ގޮވާލައިފިއެވެ.
އެމްއާރްއެމް އިން މިހެން ބުނެފައިވަނީ އުމުރުން ދެ އަހަރު ނުވާ ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާ ކޮށްފައިވާ މައްސަލައިގައި ކަންބޮޑުވެ، އެނުބައި ލާއިންސާނީ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރުމަށް ނެރުނު ބަޔާނެއްގައެވެ.
އެމްއާރްއެމުން ބުނީ މިމައްސަލަ ފެންމަތި ވުމާ އެކު، މިކަހަލަ ގިނަ އެތައް މައްސަލަތަކެއް ފާއިތުވި އަހަރުތަކުގައި ހިނގާފައިވާ ކަމާއި އަދި ގިނަ މައްސަލަތަކެއް ރިޕޯޓު ނުކުރެވި ހުރި ކަމަށާއި، ރިޕޯޓު ކުރެވިފައި ހުރި އެތައް މައްސަލަތަކަށް ފިޔަވަޅު ނޭޅި ހުރިކަންވެސް މީޑިއާ މެދުވެރިކޮށް ހާމަވެފައިވާ ކަމަށެވެ.
އަދި އެ މައްސަލަ ތަކުގައި ތުހުމަތު ކުރެވުނު ފަރާތްތަކަށް އެދެވޭ ގޮތެއްގައި ފިޔަވަޅު ނޭޅުމުގެ ސަބަބުން، އެމީހުން މުޖުތަމަޢުގައި މިނިވަން ކަމާއެކު އުޅެމުން ދާކަމީ ހިތާމަހުރި ކަމެއް ކަމަށާއި މި ކަންކަމުގައި ޒިންމާ ވާންޖެހޭ އެތައް މުއައްސަސާއެއްވާ ކަމާއި އަދި ޤާނޫނުތައް ހެދިފައި ހުރީ މިކަހަލަ މައްސަލަ ތަކުގައި ހަރުކަށި އަދަބު ދެވޭ ގޮތަށް ކަމަށްވެސް އެމްއާރްއެމުން ބުނެއެވެ.
"ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމަކީ، ދިވެހި މުޖުތަމަޢަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ނުރައްކަލެކެވެ. މިކަހަލަ މައްސަލަ ތަކުގައި ފިޔަވަޅު ނޭޅި ހުރުމަކީ އިސްލާމްދީނާއި ޤާނޫނު އަސާސީން ކުޑަކުދިންނަށް ދީފައިވާ ރައްކާތެރިކަމަށް ހުރަސްއެޅޭ ކަމެކެވެ. މިކަންކަން ހުއްޓުވޭނީ، ޤާނޫނީ ގޮތުން ޒިންމާ ހަވާލުކުރެވިފައިވާ ގުޅުންހުރި ހުރިހާ މުއައްސަސާތައް އަދާކުރަންޖެހޭ ޒިންމާ އާއި ރައްޔިތުންގެ ފަރުދީ ޒިންމާވެސް ފުރިހަމައަށް އަދާ ކޮށްގެންނެވެ. މިބާވަތުގެ މައްސަލަ ތަކުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކާމެދު ލަސްނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަކީ ކުރަން ޖެހޭ ކަމެކެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
މިފަދަ ބޮޑެތި ޖަރިމާތައްހިންގާ އެންމެހާ ފަރާތްތައް ހޯދައި ޤާނޫނުގައި ކަނޑައެޅިފައިވާ ހައްގު އަދަބު އެފަރާތްތަކަށް ދިނުމަށް ގޮވާލާ ކަމަށާއި އަދި ކުރިއަށް އޮތްތާނގައި މިފަދަ ނުބައި ލާއިންސާނީ ޢަމަލުތައް ހުއްޓުވަމަށް އަވަސް ފިޔަވަޅުތައް އެޅުމަށް ވެސް އެމްއާރްއެމުން ވަނީ ގޮވާލާފައެވެ.
އަދި އަނިޔާ ލިބުނު ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، އެކުދިން ފުރިހަމަ ގޮތުގައި ހެދި ބޮޑުވުމަށް ބޭނުންވާ ސިއްހީ އަދި ނަފްސާނީ ފަރުވާއަށް މަގު ފަހިކޮށްދީ އެކުދިންގެ ހައްޤުތައް ހޯދައިދިނުމަށާއި، މިސަރުކާރުން އެންމެ އިސްކަމެއް ދެއްވާ ކަމެއްގެ ގޮތުގައި މިކަން ހައްދަވާ، ސޯޝަލް ސަރވިސް ސެކްޓަރު ހަރުދަނާ ކޮށް ބޭނުންވާ ވަސީލަތްތައް ވިހާވެސް އަވަހަކަށް އިތުރު ކޮށްދެއްވުމަށް ވެސް އެ ޕާޓީން ވަނީ ގޮވާލާފައެވެ.