ޚަބަރު

12 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފި

ރާއްޖޭގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ 11 ވަނަ ދުވަހު ސައުތް ސެންޓްރަލް ޕޮލިސް ޑިވިޝަނުގައި ހިމެނޭ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެގޮތުން މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނަކު މިއަދުގެ ވަގުތެއްގައި ހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެ މީހާ ހައްޔަރު ކޮށްފައި ވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. މި މައްސަލާގައި ކުއްޖާގެ ބައްޕަ އާއި ކާފަ އަދި މުނި ކާފަ ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އިއްޔެ ވަނީ 56 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!