ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއް ނެތި ކުރާނެ ކަމުގެ ޔަގީންކަންވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިރޭ ވަނީ ދީފަ އެވެ.
ކޮމިޓީގެ ނިންމުންތައް ތަންފީޒުކުރަން ޖެންޑާ މިނިސްޓްރީ އަށް އަންގައިފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމި ނިންމުންތައް ތަންފީޒު ކުރަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ޖެންޑާ މިނިސްޓްރީ އަށް އަންގަވައިފިއެވެ.
ކޮމިޓީގެ ނިންމުންތައް ތަންފީޒު ކުރަން އެންގެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖެންޑާ މިނިސްޓަރަށް ފޮނުއްވި ސިޓީއަކުންނެވެ.
ދެކުނުގެ ރަށެއްގައި އުމުުރުން ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ދައުލަތުގެ މުއައްސަސާތައް ޖަވާބުދާރީ ކުރަން ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން ރޭ ވަނީ މައްސަލައާ ގުޅުންހުރި މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އެގޮތުން ފުލުހުންނާއި، ޖެންޑާ މިނިސްޓްރީ އާއި ޕީޖީ އޮފީހާއި އަދި ކުއްޖާ ނިސްބަތްވާ ރަށު ކައުންސިލާ ވެސް ކޮމިޓީން ވަނީ ސުވާލުކޮށްފަ އެވެ.
ރޭގެ ބައްދަލުވުމާއި އޭގެ ކުރިން ބޭއްވި ބައްދަލުވުމުން، ހޯދާފައިވާ ހޯދުން ތަކަށް ބިނާކޮށްް، ހަ ކަމެއް ކުރަން އަންގަން ކޮމިޓީން މިއަދު ނިންމި އެވެ. އޭގެ ތެރެއިން ޖެންޑާ މިނިސްޓްރީން އެންމެ އަވަހަށް ކުރަން އަންގާނެ އެއް ކަމަކީ ނުރައްކާ އޮތް އާއިލާތައް ދެނެގަންނާނެ އުސޫލެއް ކަނޑައެޅުމާއި މިހާރު ވެސް އެކަން އެނގޭ އާއިލާތައްް މޮނިޓާ ކުރަން ފެށުމެވެ. އެ ގޮތަށް އަންގަން ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރުން ރޮޒައިނާ އާދަމް އެވެ.
މިހާރު ކަނޑައެޅިގެން އެނގޭ އާއިލާތަކުގެ އިތުރުން ވެސް ކުދިންނަށް ނުރައްކާތެެރިކަން ބޮޑު އާއިލާތައް ދެނެގަތުމުގެ މަސައްކަތް އެއް މަސް ދުވަހުގެ ތެރޭގައި ކުރަން ވެސް ރައްޔިތުންގެ މަޖިލީހުން އެދޭނެ އެވެ. ރަށްރަށުގައި ހުރި ސިއްހީ މުއައްސަސާތައް ނުވަތަ މަދަނީ ޖަމާއަތްތަކުގެ އެހީގައި އެ މަސައްކަތް ކުރުމަށް ލަފާ ދޭނެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުންގެ ތެރެއިން މުޖުތަމައަށް ދޫވެފައި ތިބީ ކޮންކޮން ބައެއްތޯ ބަލައި، އެ މީހުން ދޫވެފައި ތިބި ތިބުން މުރާޖައާކޮށް، އެމީހުންގެ ކަންތައްތައް ބަލަން ފަށަން އަންގަން ވެސް ކޮމިޓީން މިއަދު ނިންމި އެވެ. އަނެއް ކަމަކީ ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭ ޑިޕާޓްމަންޓްތަކުގައި މަސަައްކަތްކުރާ މީހުންގެ މަސައްކަތް ހުރި ގޮތް ބެލުމެވެ.