ޚަބަރު

"ފާތުން އަށް ޔާމީންއާ ބައްދަލުކުރެވެނީ ކައިވެނީގެ ސެޓްފިކެޓް ދެއްކުމުން"

ދެން އެމްވީ ، ދެން އޮންލައިން

ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަށް އެމަނިކުފާނާ ބައްދަލުކުރެވެނީ ކައިވެނީގެ ސެޓްފިކެޓުގެ އަސްލު ދެއްކުމުން ކަމަށް މާވަށު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ސިލްސިލާ ގޮތެއްގައި ބާއްވަމުން އަންނަ ޖަލްސާގައި ރޭ ވާހަކަދައްކަމުން ސައީދު ވިދާޅުވީ ޔާމީން ޖަލުގައި ހުންނެވީ ސާބިތު ކަމާއެކުގައި ކަމަށާއި ނަމަވެސް އެމަނިކުފާނަށް ކުދި އަނިޔާތައް މި ސަރުކާރުން ކުރަމުން ގެންދާ ކަމަށެވެ.

އެގޮތުން ކާ އެއްޗެހި ރޯނުފިލުވާ ދިނުމާއި އަދި އަސާސީ އެތައް ހިދުމަތެއް އެމަނިކުފާނަށް ފޯރުކޮށްނުދީ ހިފަހައްޓާފައިވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

"އެންމެ ކުޑަމިނުން އެމަނިކުފާނުގެ އަނބިކަނބަލުން، ޖަލަށް ވަޑައިގަންނަވަން ބޭނުންފުޅުވީމަ ވެސް މި ސަރުކާރުން އެބަ ބުނޭ، ކައިވެނީގެ އޮރިޖިނަލް ސެޓްފިކެޓް ދެއްކީމައޭ ޖަލަށް ދެވޭނީ. މީތޯ 50 އަހަރާއި ނުބައްދަލު ތަރައްގީ މި ގައުމަށް ގެނައި ރައީސަކަށް ކަންކުރަން ޖެހޭނެ ގޮތަކީ" ސައީދު ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަމުގައި ޖަލަށް ލި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލުގައި ހުންނަވަނިކޮށް އެމަނިކުފާނާ ބައްދަލުކުރައްވަން ލައިލާ އަލީ އެދިވަޑައިގަތުމުން ވެސް ކައިވެެނީގެ ސެޓްފިކެޓް ދައްކަން އެދުނު ކަމަށް އެމްޑީޕީން އެ ދުވަސްވަރު ބުނެފައިވެއެވެ. ނަމަވެސް އެ ވާހަކަތައް ފުލުހުން އޭރު ވަނީ ދޮގުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!