ދުނިޔެ

ދޮގު ޚަބަރު ފަތުރިކަމަށްބުނެ މިޞްރުގެ އެކްޓިވިސްޓަކު 18 މަހަށް ޖަލަށްލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދޮގު ޚަބަރު ފަތުރާ، ފުލުހެއްގެ އަގު ވައްޓާލި ކަމުގެ ތުހުމަތުގައި މިޞްރުގެ އެކްޓިވިސްޓަކު ހައްޔަރުކޮށް، 18 މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.

Ads by Sosun Fihaara

މިޞްރުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓެއް ކަމަށްވާ ސަނާ ސެއިފް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގައި ކަމަށް ބޭރުގެ ރިޕޯޓުތަކުން ބުނެއެވެ. އޭނާ ހައްޔަރު ކުރީ މިޞްރުގެ ސަރުކާރުން ،  ޖަލުތަކުގައި ކޮރޯނާ ވައިރަސް ފަތުރަމުން ދާ ކަމަށް ބުނެ ޚަބަރެއް ފެތުރުމުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ނަމަވެސް މި ތުހުމަތުތަކަށް ސަނާ ވަނީ އިންކާރު ކޮށްފައެވެ.

ސަނާ ގެ ވަކީލު ހިޝާން ރަމަދާ ބުނެފައި ވަނީ، 18 މަސް ދުވަހަށް ޖަލަށް ލާން ޤާހިރާގެ ކޯޓަކުން ކޮށްފައިވާ އެހުކުމް އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ސަނާގެ މައްޗަށް ހުކުމް އިއްވީ އޭނާގެ ޣައިރުހާޒިރުގައި ކަމަށް އޭނާގެ ދައްތަ މޯނާ ސެއިފް ވަނީ ބުނެފައެވެ. ސަނާއާ އެއްފަދައިން އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މޯނާ ބުނެފައި ވަނީ ކޯޓު ރޫމް ތެރެއަށް ސަނާ ނުވެސް ވައްދާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!