ރާއްޖޭގެ ރީތިކަމުގެ ޖާދޫގައި، 63 ވަނަ ފަހަރަށް ރާއްޖެއައި ދެމަފިރިއަކަށް ހޫނު މަރުހަބާއެއް

ރާއްޖޭގެ ޤުދުރަތީ ރީތިކަމުގެ ސަބަބުން، 63 ވަނަ ފަހަރަށް ޒިޔާރަތްކުރި ދެމަފިރިއަކަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ފްރާންސަށް ނިސްބަތްވާ ނެޓަލީ ނިޓެލް އާއި އޭނާގެ ފިރިމީހާ މާކް ނިޓެލް ޗުއްޓީއަށް މިއަދު ރާއްޖެ އައިސްފައިވާއިރު، އެ ދެމަފިރިން ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތް ކުރީ 1991 ވަނަ އަހަރުއެވެ.
ނެޓަލީ އާއި މާކް ޗުއްޓީއަށް ކޮންމެ ފަހަރަކު ވެސް ރާއްޖެއަށް އަންނަނީ ރާއްޖޭގެ ރީތިކަމުގެ ސަބަބުންނާއި، ލިބޭ އެކުވެރި މެހެމާންދާރީގެ ސަބަބުން ކަމަށް އެމީހުން ބުނެފައިވެއެވެ.

ގިނަ އަހަރުތަކެއް ވަންދެން އަދި އެތައް ފަހަރަކު ރާއްޖެ އައިސްފައިވާތީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ އަދި ޓްރާންސް މޯލްޑިވިއަން އެއާވޭސް އިން ވަނީ އެ ދެމަފިރިންނަށް މިއަދު މަރުހަބާއެއް ކިޔައި، ހަދިޔާތަކެއް ވެސް ދީފައެވެ.
މީގެއިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ކޮކޯޕާމް ދުނިކޮޅު ލައުންޖްގައި އެ ދެމަފިރިންގެ ޝަރަފުގައި ކޭކެއް ވެސް ފަޅާފައިވެއެވެ.