ކެފޭތައް ބަންދުކުރަން ޖެހުމުން ލިބުނު ގެއްލުމަށް ބަދަލުދޭން ހުށަހަޅައިފި
ކޮވިޑް-19 އާ ގުޅިގެން އެޅި ފިޔަވަޅުތަކާ ގުޅިގެން ކެފޭ، ރެސްޓޯރެންޓުތައް ބަންދު ކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ދޭން ޖެހޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.
ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވާ ގޮތުގައި އެޗްޕީއޭއިން ދޭތެރެ ދޭތެރެއިން އިތުރުު ކުރަމުން އަންނަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކާ ހެދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ހޮޓާ، ކެފެޓޭރިއާ އަދި ރެސްޓޯރަންޓް ފަދަ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އަދި މި ގެއްލުންތަކުގެ ސަބަބުން ބައެއް ވިޔަފާރިތައް ބަނގުރޫޓު ވަމުންދާ ކަމަށްވެސް މި މައްސަލައިގައި ފާހަގަ ކޮށްފައި ވެއެވެ.
ގިނަބަޔަކު ކެއިން ބުއިމަށް ބަރޯސާ ވަނީ އެފަދަ ތަންތަން ކަން ފާހަގަކޮށް މެންބަރު ސަލީމް އިތުރަށް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާފައިވާ ފިޔަަވަޅުތައް ދިގު ދެމިގެން ދިއުމުގެ ސަބަބުން އަގު އަދާ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތައް ވަމުން އަންނަ ކަމަށެވެ.
މެންބަރު ސަލީމް ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އަޅާ ފިޔަވަޅުތަކުން އެ ވިޔަފާރިތަކަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.