ޚަބަރު

އަނިޔާ ލިބޭ ކުދިން ޑޮކްޓަރަށް ދެއްކުން ލަސް: އޮޑިޓް

ޖިސްމާނީ އަދި ޖިންސީ ގޯނާ ލިބިގެން ހުށަހަޅާ ބައެއް މައްސަލަތަކުގައި ކުދިން ޑޮކްޓަރަށް ދެއްކުން ލަސްކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓަކުން ބުނެފި އެވެ.

ކުޑަކުދިންނަށް ކުރާ ގޯނާތަކާ ގުޅިގެން ހުށަހަޅާ މައްސަލަތަކާ މެދު މުއައްސަސާތަކުން އަމަލުކުރަމުން އަންނަ ގޮތް ދެނެގަތުމަށް މިދިޔަ ނޮވެމްބަރު މަހު ހެދި ޕާފޯމަންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ކުއްޖާއަށް ލިބިފައިވަނީ ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާއެއްކަން ދެނެގަތުމަށްޓަކައި ކުޑަކުދިންނަށް ހާއްސަ ޑޮކްޓަރަކަށް ދައްކަން ވާނެ ކަމަށް ގަވައިދުގައި ބުނެފައިވިޔަސް އެފަދަ ބައެއް މައްސަލަތަކުގައި ކުއްޖާ ޑޮކްޓަރަށް ދައްކާފައިނުވާ ކަމަށެވެ.

ބައެއް މައްސަލަތައް ކުރިމަތިވިތާ ގާތްގަނޑަކަށް ހަތަރު މަސް ފަހުން ވެސް، ކުއްޖާ ޑޮކްޓަރަށް ދައްކާފައި ހުރި ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

ކުޑަކުދިން ބައިތިއްބާ މަރުކަޒުތަކަށް ގެންނަ ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖެއްގެ ބޭނުންތައް ވަޒަން ކުރުމަށް ފަހު ކުއްޖާއަށް ހާއްސަ ކެއާ ޕްލޭނެއް ތައްޔާރު ކުރަން ޖެހެ އެވެ.

ނަމަވެސް އޮޑިޓްގައި ބުނެފައިވަނީ ބެލި 50 ސާމްޕަލްގެ ތެރެއިން 49 ސާމްޕަލްގައި ކުއްޖާއަށް ހާއްސަ ކެއާ ޕްލޭނެއް ތައްޔާރުކޮށްފައިނުވާ ކަމަށެވެ. އަދި ކޮންމެ ކުއްޖެއްގެ މައުލޫމަތުތައް ހިމަނައިގެން ހަދަން ޖެހޭ ފައިލްތައް ވެސް ނުހަދާ ހުރި ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!