ރިޕޯޓް

ސްލައިޑް ކުރުމަށް ގިނަ ބަޔަކު ފަތާ ޓްރެކަށް، ގައިދުރުކަމެއް ނެތް!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ފޮޓޯ: ޓްވީޓާރ

މާލޭ ފަތާ ޓްރެކް ސަރަހައްދަކީ ހުކުރު ދުވަހަށް ވަރަށް ބާރު ބޮޑު ސަރަހައްދެކެވެ. އާއިލާ އާއި ރައްޓެހިންނާއެކު ގުރޫޕް ހަަދައިގެން މޫދަށް ދިއުމަކީ ގިނަ ބަޔަކު ހުކުރު ދުވަހު ހެނދުނުގެ ވަގުތުގައި ކުރާ ކަމެކެވެ.

Ads by MWSC

މީގެ ހައެއްކަ ދުވަސް ކުރިން ފަތާ ޓްރެކް ސަރަހައްދުގައި ހުޅުވުނު ސްލައިޑަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އެތަނުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ސްވިމިންގ އެސޯސިއޭޝަނުން ވެސް ބުނެފައެވެ. އަދި އާންމުކޮށް ސްލައިޑް ބޭނުން ކުރެވޭ ގޮތަށް ހަމަޖައްސާފައި ވަނީ ހެނދުނު 8:30 އިން 10:00 އަދި މެންދުރުފަހު 3:00 އިން 6:00އަށް ކަމަށް ވިޔަސް ބަންދު ދުވަސްތަކުގައި ސްލައިޑް ބޭނުން ކުރެވޭ ވަގުތު އިތުރު ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން ކުރިން ބުންޏެވެ.

މިއަދު ގިނަ އަދަދެއްގެ ބަޔަކު ފަތާ ޓްރެކް ސަރަހައްދުގައި ހުރި ސްލައިޑަށް ގޮސްފައިވާއިރު މީސްމީޑީއާގައި އެ ތަނުގެ ފޮޓޯ ވަނީ ދައުރުވެފައެވެ. އަދި އެފޮޓޯތަކުގައި ފެނިގެން ދަނީ އެހާ ހިތްހަމަ ޖެހޭ މަންޒަރެއް ނޫނެވެ. ސަބަބަކީ އެތަނަށް މީހުން އެއްވެ ބޮނޑިވެފައިވާ މަންޒަރު އެ ފޮޓޯއިން ފެނުމެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެމުން ދާއިރު މިސްކިތްތަކުގައި ނަމާދު ކުރަނީ ވެސް ގައިދުރު ކޮށްގެންނެވެ. އެހެން ނަމަވެސް މަޖާކޮށް ސަކަރާތް ޖެހުމަށް ހަދާފައިވާ މިފަދަ ތަންތަނުގައި ގައިދުރުކަމެއް ނެތި އެތައް ބަޔަކު އުޅޭތަން ފެނުމަކީ ގިނަ ބަޔަކު ނުރުހުން ފާޅު ކޮށްފައިވާ ކަމެކެވެ.

ހިތްހަމަ ޖައްސާލުމަށް ކަންކަން ކުރުމަކީ އޮތް ކަމެއް ނަމަވެސް ފަރުދީ ޒިންމާ ނަންގަވާ ގައިދުރުކަން އިސްކުރުމަކީ އެންމެންގެ ވެސް ޒިންމާއެއްކަން އަޅުގަނޑުމެން ދަންނަން ޖެހެއެވެ.

މިއަދު ހެނދުނުގެ ވަގުތުގައި މި ސަރަހައްދުން ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ވަނީ ފެނިފައެވެ. މިފަދަ މާހައުލުތަކުގައި އެކުދިންގެ ބެލެނިވެރިން ވެސް އެކުދިންނަށް ގައިދުރުކަން އިސްކުރުމަށް ސަމާލުކަން ދޭނެ ޖެހޭނެއެވެ. ނޫން ނަމަ މާދަމާ ނުކުންނާނެ ނަތީޖާއަކީ މާ ހިތި ހިތި ނަތީޖާއަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!