މައްސަލަތައް ލަސްވާ ނަމަ ފިޔަވަޅު އަޅާނަން: ޖޭއެސްސީ
ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އެއްވެސް ސަބަބަކާއި ނުލައި ލަސްވާ ނަމަ އެ މައްސަލައެއް ބަލާ ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ބުނެފިއެވެ.
ދަށު ކޯޓުތަކާއި މެޖިސްޓްރޭޓު ކޯޓުތަކަށް ފަނޑިޔާރުން ހުވާ ކުރުމަށް މިއަދު ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީގެ މެމްބަރު މަސްތޫރު ހުސްނީ ވިދާޅުވީ، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ލަސްވާ ސަބަބަކީ އެ ކޮމިޝަނަށް އާއްމުންގެ ފަރާތުން ހުށަހެޅޭ ޝަކުވާއެއް ކަމަށެވެ. އެގޮތުގެ މަތިން މިހާތަނަށް 200 އެއްހާ ޝަކުވާ އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން އެއްވެސް އުޒުރަކާއި ނުލާ މައްސަލަތައް ލަސްވާ ނަމަ އެ މައްސަލައެއް ބަލާ ފަނޑިޔާރުންނާއި މެދު ފިޔަވަޅު އަޅާނެ ކަމަށާއި އެކަން ޖޭއެސްސީން ފަށާފައިވާ ކަމަށް މަސްތޫރު ވިދާޅުވިއެވެ.
މިއަދު ހުވާ ކުރެއްވި ފަނޑިޔާރުންނަކީ ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ބޭފުޅަކާއި ސިވިލް ކޯޓަށް އައްޔަން ކުރެއްވި ހަތަރު ބޭފުޅަކާއި ކ. ގުރައިދޫ މެޖިސްޓްރޭޓޫ ކޯޓަށް ބޭފުޅެއްގެ އިތުރުން ތ. ހިރިލަންދޫ މެޖިސްޓޭޓު ކޯޓަށް އައްޔަންކުރެއްވި ބޭފުޅެކެވެ. އެ ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫނެވެ.
ފަނޑިޔާރުން ހުވާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސެއިން އާއި މަތީ އަދި ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.