މިކަމުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ބަޔާން ނެރެފައި ނުވި ނަމަވެސް އެމްޑީޕީއަށް ތާއީދުކުރާ ބައެއް މެންބަރުންނާއި ބައެއް މަޖިލިސް މެންބަރުން އަންނަނީ ސޯޝަލް މީޑިއާގައި އެކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.
ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލާގައި އެމްޑީޕީއާ އަދާލަތު ޕާޓީ ހިމޭނުން!
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ތުއްތު ކުއްޖަކު ރޭޕްކުރި މައްސަލާގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީންނާއި ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ހަނު ތިބުމުން އެކަމަށް ފާޑުކިޔުންތައް އަމާޒުވާން ފަށައިފިއެވެ.
މި ކުއްޖާގެ މައްސަލާގައި ސަރުކާރު ކޯލިޝަންގެ ޕާޓްނަރުންގެ ގޮތުގައި ތިބި ތިން ޕާޓީގެ ތެރެއިން ދެ ޕާޓީއަކުން ވަނީ އެކަން ކުށްވެރިކޮށް ބަޔާން ނެރެފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އެމްއާރްއެމްއިން ވަނީ އެކަމާއި ދެކޮޅަށް އަޑު އުފުލާ ބަޔާން ނެރެފައެވެ.
ގިނަބަޔަކަށް އެންމެ ހައިރާންކަން ގެނުވި އެއް ކަމަކީ، މުޖުތަމައުގެ މިފަދަ މައްސަލަތަކާއި ގުޅިގެން އެންމެ ފުރަތަމަ ބަޔާންތައް ނެރެ އެކަންކަން ކުށްވެރި ކުރަމުން އަންނަ އެމްޑީޕީން އެކަމާއި ދެކޮޅަށް އަޑު އުފުލާފައި ނުވާތީއެވެ.
ކުޑަކުއްޖަކާ އެކު ޖިންސީ ގުޅުން ހިންގަން އޮއްވާ ހައްޔަރުކޮށް، 10 އަހަރުގެ ޖަލު ޙުކުމެއް ކޮށްފައިވާ އެމްޑީޕީގެ އިސް އެކްޓިވިސްޓް، އިބްރާހީމް ރަޝީދު (ހޯރަ އިއްބެ) އަށް އިއްވާފައިވާ ހުކުމް މައާފުކޮށް އޭނާ މިނިވަން ކުރުމުން ގިނަބަޔަކު އެކަމާއި ދެކޮޅަށް އަޑު އުފުލިއެވެ. ހުދު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންވެސް އެކަމާއި ދެކޮޅަށް އަޑު އުފުލިއެވެ.
ނަމަވެސް އެމްޑީޕީން އެކަމާއި ދެކޮޅަށްވެސް ބަޔާން ނެރުނެވެ. އެމްޑީޕީގެ ބަޔާނުގައި ބުނެފައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ހޯރަ އިއްބެ މިނިވަން ކުރަން ނިންމަވާފައިވަނީ އިންސާނިއްޔަތުކަމަށް ރިއާޔަތްކުރެއްވުމަށް ފަހުގައިކަމަށެވެ. އެގޮތުން، އޭނާގެ ޙާލަތަށާއި އޭނާގެ ތުއްތު ދަރިފުޅުގެ ޙާލަތަށާއި މި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރައީސް ރިއާޔަތްކުރެއްވިކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެގޮތުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުއްތު ކުއްޖަކަށް އޭނާގެ އަމިއްލަ ބައްޕަ އާއި ކާފަ އަދި މުނިކާފަގެ ޖިންސީ ޝިކާރައަކަށް ވީ ކަމީ އިންތިހާއަށް ކަންބޮޑުވާ ލަތުވެތި ކަމެއް ކަމަށެވެ. އަދި މިކަމާއި ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް މަޖިލީހުން މަސައްކަތް ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ދެ އަހަރުގެ ކުއްޖާ ރޭޕް ކުރި މައްސަލާގައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފުގެ އިހުމާލު އޮތް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި އެއްވުންތައް ބާއްވައި ޝިދާތާގެ އިސްތިއުފާއަށް ދަނީ ގޮވަމުންނެވެ. ނަމަވެސް ޝިދާތާގެ ދިފާއުގައި ނިކުންނަ ސަރުކާރު ކޯލިޝަންގެ ބޭފުޅުން ވެސް މަދެއް ނޫނެވެ.