ޚަބަރު

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ދަންޖައްސާ މެރުމަށް ޖާބިރު ހުށަހަޅަނީ

ދެން އެމްވީ ، ދެން އޮންލައިން

އުމުރުން އެންމެ ދެއަހަރުގެ އަންހެން ކުއްޖާ ރޭޕް ކުރުމުގައި ބައިވެރިވި މީހުން އާއްމުންގެ ކުރިމަތީގައި ދަންޖައްސައިމަރުގެ އަދަބު ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޖާބިރު މިގޮތަށް ހުށަހެޅުއްވުމަށް ނިންމަވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައެވެ.

އެ ސިޓީގައި ޖާބިރު ވިދާޅުވެފައި ވަނީ ކުޑަކުދިންނަކީ މާތްﷲ ސުބުހާާނަހޫ ވަތައާލާ މައިންބަފައިންނަށް ހަވާލުކުރައްވާފައިވާ ނުހަނު ބޮޑު އަމާނާތެއް ކަމަށާއި، އެކަމަށް ޚިޔާނާތްތެރިވެ ތުއްތުކުދިންނަށް ޖިންސީގޮތުން އިއާދަ ނުކުރެވޭފަދަ ބޮޑެތި އަނިޔާތައް ދެމުންދާ ފަރާތްތަކަށް އިސްލާމްދީނުގައިވާ ކަނޑައެޅިފައިވާ ހައްގު ނުދިނުމުގެ ސަބަބުން ގއ.ކަނޑުހުޅުދޫގައި ހިނގައިގެން އުޅޭ ފަދަ ހާދިސާތައް ތަކުރާރުވާާނެކަމަށެވެ. އެހެންކަމުން އެފަދަ އަމަލުތައް ހުއްޓުވުމަށް މިހިނދުން މިހިނދަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހާއި، ދިވެހި ދައުލަތަށާއި އަދި ކަމާއިބެހޭ އެންމެހާ ފަރާތްތަކަށް ޖާބިރު ވަނީ ގޮވާލައްވާފައެވެ.

ޖާބިރު ވިދާޅުވީ މިފަދަ ކަންތައްތައް ހުއްޓުވެން އޮތީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާއި މިހާރު ހެދިފައިވާ ގާނޫނުތަކަށް ބަދަލުގެނެސްގެން ކަމަށް ވީނަމަވެސް، މިހާރުން މިހާރަށް އެ މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.

އެގޮތުން ކުޑަކުދިންނަށް ޖިންސީ އަނިޔާކުރާ ފަރާތްތަކުގެ އަދަބަކީ ރައްޔިތުންގެ ކުރިމަތީގައި ދަންޖައްސާ މެރުން ކަމަށާއި އެގޮތަށް ކަންތައް ކުރަން ބޭނުންވާކަމަށް ޖާބިރު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ތާއިދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން ޖާބިރު ވަނީ އާދޭހާއި އެކު އެދިވަޑައިގަންނަވާފައެވެ.

އެކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނިންމަންޖެހޭ އެންމެހާ ކަންތައްތައް ނިންމުމަށް ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ޖާބިރު ވަނީ މަޖިލީހުގެ ރައީސަށް ދަންނަވާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!