ވެންޓިލޭޓަރު މައްސަލާގައި ދައުވާ ނުކުރުމަށް ނިންމުމުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ބުނެފައިވާ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ދައުވާ ނުކުރުމަށް ނިންމި މައްސަލައިގައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅާފައި ވަނީ ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލުތައް ހިންގި މައްސަލައިގައި ދަޢުވާ ނުކުރަން ނިންމީ ކުރިން ހޯދާފައިވާ ހެއްކާއި ޤަރީނާގެ މައްޗަށް ބަލައި ޖިނާޢީ ކުށެއްގެ ގޮތުގައި ސާބިތު ކޮށްދެވިދާނެ ކަމަށް ނުފެންނާތީ ކަމަށް ޕީޖީ އޮފީހުން ބުނުމާ ގުޅިގެންނެވެ.
އާދަމް ޝަރީފް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައަކީ ސީރިއަސް މައްސަލައަކަށް ވާތީ ވީހާ ވެސް އަވަހަށް އެކަން ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. އަދި ޕީޖީ ހުސައިން ޝަމީމަކީ ކިޔަވައިގެން ހުންނެވި ބޭފުޅެއް ކަމަށާއި އެހެން ނަމަވެސް އުންސުރުގައި ޖެހި މި މައްސަލަ ނުބަލަން ނިންމި ނިންމުން ބަލައި ނުގަންނަ ކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކޮވިޑް ޖެހި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ގެނައުމަށް ނިންމި 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވީ ނަމަވެސް އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.