ކަނޑުހުޅޫދޫ މެޖިސްޓްރޭޓްގެ މައްސަލާގައި 9 ފަރާތަކާއި ސުވާލުކޮށް ބަޔާން ނަގައިފި
ގއ. ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީއާ، އެ ކޯޓުގެ މުވައްޒަފުންނަށް ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި 9 ފަރާތަކާއި ސުވާލުކޮށް ބަޔާން ނަގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ މި މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ އޮކްޓޫބަރު މަހު ކަމަށެވެ.
މި މައްސަލަ ހުށަހެޅުމާއި އެކު މައްސަލަ ކޭސް ކުރެވިގެން މައްސަލައިގެ ތަޙްޤީޤު ކުރިއަށްގެންދާ ކަމަށް އިޒްމިއާ ވިދާޅުވިއެވެ.
"މި މައްސަލައިގެ ތަޙްޤީޤް ގައި މިހާތަނަށް، 9 ފަރާތަކާއި ސުވާލުކޮށް ބަޔާން ނެގިފައިވޭ. އަދި މި މައްސަލައިގެ ތަޙްޤީޤް ގައި ފާހަގަ ކުރެވިފައިވާ އިތުރު ކަންކަމާއި ގުޅިގެން އިތުރު ފަރާތްތަކައި ސުވާލުކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން" އޭނާ ވިދާޅުވިއެވެ.
އަދި ތަޙުޤީޤަށް އިތުރު ހެއްކާއި ޤަރީނާ ހޯދުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.
ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީއާ ގުޅޭ ހަތް މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީން ދާދިފަހުން ވަނީ ހާމަކޮށްފައެވެ.
ހަސަން ދީދީއާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ ހަތް މައްސަލަ:
– މުވައްޒަފުންނަށް ޖިންސީ ގޯނާކުރާ ކަމުގެ ޝަކުވާއާއި މާލިއްޔަތު ގަވައިދާ ހިލާފަށް އަމަލުކުރުމަށް މުވައްޒަފުންނަށް މަޖުބޫރުކުރާ މައްސަލަ
– ހަސަން ދީދީގެ މައްޗަށް ތުހުމަތުކޮށް އޭނާ އަވަގުރާނަ ގޮވި ކަމަށް ބުނެ ހުށަހެޅުނު މައްސަލަ،
– އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ،
– ކޯޓުގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާ ކަމަށް ކަމަށް ބުނެ ހުށަހެޅުނު މައްސަލަ،
– ހެކިންގެ ބަޔާން ނެގުމަށް ހުރަސް އަޅާ ކަމަށް ބުނެ ހުށަހެޅުނު މައްސަލަ،
– މާރާމާރީ ހިންގުމަށް ހިތްވަރު ދިން ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
– ހުތުރު އެއްޗެތި ގޮވި ކަމަށް ބުނެ ހުށަހެޅުނު މައްސަލަ
ޖޭއެސްސީން ބުނީ ހަސަން ދީދީއާ ގުޅޭގޮތުން ހުށަހެޅިވާ މައްސަލަތަކުގެ ތަހުގީގުގައި ޖިނާއީ މައްސަލަތަކެއް ފާހަގަވުމުން އެ މައްސަލަތައް މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ފުލުހުންނަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
އަދި އެމައްސަލަ ބަލަން ފެށިކަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު ފުލުހުން ކޮމިޝަަނަށް އެންގުމާ ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ހަސަން ދީދީ އަށް އަންގާފައިވާނެ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
ޖޭއެސްސީން ބުނީ ހަސަން ދީދީގެ މައްސަލައިގައި މިހާރު ކޮމިޝަނުން ކުރަމުން ގެންދަނީ ތަހުގީގު ރިޕޯޓް އެކުލަވާލުމުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތް ކަމަށެވެ.