ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާ އަށް ސަރުކާރުން ދޭނީ ޒީރޯ ޓޮލެރެންސް: ރައީސް

ދެން އެމްވީ ، ދެން އޮންލައިން

ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާކުރުމުގެ މައްސަލަތަކަކީ ސަރުކާރުން "ޒީރޯ ޓޮލަރެންސް" ގެންގުޅުއްވާނެ މައްސަލަތަކެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ސޯލިހު މިހެން ވިދާޅުވީ ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެފަދަ ކަންކަން ހުއްޓުވުމާއި ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ކުރެއްވި މަޝްވާރާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މިފަދަ މައްސަލަތައް ދިވެހި މުޖްތަމަޢުގައި އޮތް މިންވަރު ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާކުރުމުގެ މިފަދަ މައްސަލަތަކަކީ ސަރުކާރުން "ޒީރޯ ޓޮލަރެންސް" ގެންގުޅުއްވާނެ މައްސަލަތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި މައްސަލައާ ބެހޭގޮތުން ވާހަކަދައްކަވަމުން ވަޒީރުންގެ މަޖިލީހުގެ މެންބަރުން ވަނީ މިހާރު ހުށަހެޅިފައި ހުރި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން އަވަސްކުރުމަށް ހުރިހާ މުވައްސަސާތައް ގުޅިގެން މަސައްކަތްކުރުމާއި މިފަދަ މައްސަލަތައް ހުއްޓުވުމަށް ފިޔަވަޅުތަކެއް އެޅުމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދެކުނުގެ ރަށެއްގައި އުމުރުން 2 އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މިމަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ބެހޭ ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ.

އަދި އެމަނިކުފާނު ވަނީ އެ ޢަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި އަނިޔާ ލިބިފައިވާ ކުއްޖާއަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިންނަށް ޙައްޤު އަދަބު ދިނުމަށް މި މައްސަލަ ވީހާވެސް ރަނގަޅަށް ބައްލަވައިދެއްވުމަށް އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަމާ ބެހޭ އިދާރާތަކުގެ އިސްވެރިންގެ އަރިހުން އެދިވަޑައިގެންފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!