ޚަބަރު

މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު ކެބިނެޓާއި، ރައީސް އޮފީހުގެ އިސްވެރިންނާއި، ކަމާއިބެހޭ އިދާރާތަކުގެ އިސް ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.

Ads by MWSC

މި މަޝްވަރާތައް ކުރިއަށްގެންދެވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ކެބިނެޓް ވޯކިންގ ސެޝަނެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމެއޭ)ގެ ފަރާތުންވަނީ ޚާއްޞަ ޕްރެޒެންޓޭޝަނެއް ހުށައަޅުއްވާފައެވެ.

މި ޕްރެޒެންޓޭޝަންތައް ބިނާކުރައްވާފައިވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާއިމެދު އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ.) އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެކުލަވާލައްވާފައިވާ މުސާރައާއި އުޖޫރައާއި ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރައްވާފައިވާ ދިރާސާ ރިޕޯޓުތަކުގައި ހިމެނޭ މަޢުލޫމާތު ތަކުގެ މައްޗަށެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގެ މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ އެންމެ އެކަށޭނަ، އަދި ފުރިހަމަ ގޮތެއްގައި "މިނިމަމް ވޭޖް" ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށެވެ.

މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި، އެންމެ ކުޑަ އުޖޫރަ އެކަށައެޅުމުން އެކިއެކި ދާއިރާތަކަށް އޭގެ ސަބަބުން ކުރާނެ އަސަރާއި އަންނާނެ ކަމަށް އަންދާޒާކުރެވޭ ބަދަލުތައް ހިމެނެއެވެ.

މިގޮތުން، ދައުލަތުގެ ބަޖެޓާއި، އިންފްލޭޝަން ނުވަތަ މުދަލާއި ޚިދުމަތްތަކުގެ އަގަށް އަންނާނެ ކަމަށް ލަފާކުރެވޭ ބަދަލާއި، ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް ނުވަތަ ޖީ.ޑީ.ޕީ. އާއި، ބޭރު ފައިސާގެ ރިޒާވްއާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ސަރުކާރު ޙިއްޞާވާ އަދި އަމިއްލަ ކުންފުނިތަކާއި، ޖުމްލަ ގޮތެއްގައި އިޤްތިޞާދަށް ކުރާނެ އަސަރުތަކާއިމެދު މި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!