ޚަބަރު

ހުޅުމީދުއަށް ރަށު ކައުންސިލެއް ހޮވުމަށް ގޮވާލާ ޕެޓިޝަނެއް

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ، ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް، އެ ރަށުގެ ރައްޔިތުން ސޮއިކޮށް ރައީސްއަށް ޕެޓިޝަނެއް ހުށަހަޅަން ނިންމައިފިއެވެ.

Ads by Sosun Fihaara

"އަފިރިންގެ ކައުންސިލް އަފިންނަށް" ގެ ނަމުގައި ސޮއިކުރާ ޕެޓިޝަނުގެ ކޮޕީއަކާ އެކު، އައްޑޫ ޑިވެލޮޕްމަންޓް ކޮމިޓީ (އޭޑީސީ) ގެ ބައެއް އިސް ބޭފުޅުންގެ ބައިވެރިވުމާ އެކު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ސިޓީއެއް ފޮނުވައިފަ އެވެ.

ޕެޓިޝަންގައި ބުނެފައި ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ވަކި ރަށު ކައުންސިލެއް އުފެއްދުމަށް ކަމަށެވެ. އަދި އެ ކައުންސިލަކީ ރާއްޖޭގެ އެހެން ކައުންސިލްތަކަށް ވެސް ގާނޫނީ ގޮތުން ލިބިދޭ އެންމެހާ ބާރުތައް ލިބިދީފައިވާ ކައުންސިލަކަށް ހެދުމަކީ އެ ދެ ރަށުގެ ރައްޔިތުންގެ އެދުމެއް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ޕެޓިޝަންގައި 500އަށްވުރެ ގިނަ މީހުން މިހާރުވެސް ވަނީ ސޮއިކޮށްފައެވެ. އެ ޕެޓިޝަންގައި ބުނެފައިވަނީ ހުޅުދޫ އާއި މީދޫގެ ރައްޔިތުން މި ޕެޓިޝަން ތައްޔާރު ކުރަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބެންޖެހޭ އެންމެހައި ހިދުމަތްތައް ގާތުން ލިބުމަށްޓަކައި ކަމަށެވެ.

މީގެއިތުރުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެ ރަށުގެ ރައްޔިތުން ވޯޓުލާނީ ރަށު ކައުންސިލަކަށް ކަމަށާއި އެނޫން ގޮތަކަށް ވޯޓު ނުދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މިއަދާއި ހަމައަށްވެސް ހުޅުދޫ އާއި މީދޫއަށް ދޭންޖެހޭ ހިދުމަތްތައް ވެސް ދެމުން އަންނަނީ ހިތަދޫގައި ހިންގާ ސިޓީ ކައުންސިލުގައި މަޝްވަރާ ކުރެވި މެޖޯރިޓީން ފާސްވާ ގޮތަކަށް ކަމަށް ބުނެ އެ ޕެޓިޝަންގައި ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.

އައްޑު އަށް ސިޓީގެ ދަރަޖަ ލިބުނު ފަހުން މިހާރު ރަށްތައް އަވަށްތަކުގައި ގޮތުގައި ކަނޑައަޅައި، އަވަށްތަކުގައި ތިއްބަވަނީ ކައުންސިލަރުންނެވެ. އެގޮތުން ހުޅުދު އާއި މީދޫ ތަމްސީލުކުރާ ދެ ކައުންސިލަރުން އައްޑޫ ސިޓީ ކައުންސިލްގައި ތިއްބަވަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!