ޚަބަރު

އޮޑިޓް ރިޕޯޓްގައި ބޮޑެތި އޮޅުންތަކެއް އެބަހުރި: ޓީއެމްއޭ

ދެން އެމްވީ ، ދެން އޮންލައިން

ލީކުކޮށްފައިވާ އޮޑިޓަރ ޖެނެރަލް އޮފީހުގެ ރިޕޯޓުގައި ބޮޑެތި އޮޅުންތަކެއް އެބަހުރި ކަމަށް ޓްރާންސް މޯލްޑިވިއަން އެއާވެސް (ޓީއެމްއޭ) އިން ބުނެފި އެވެ.

Ads by MWSC

ޓީއެމްއޭއިން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލީކުކޮށްފައިވާ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓެއްގެ މައްޗައް ބިނާކޮށް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްއާ ގުޅޭގޮތުން މީޑިއާގައި ދެކެވެމުންދާ ބައެއް ވާހަކަ ތަކުގައި ނުރަނގަޅު މައުލޫމާތު އެބަހުރި ކަމަށެވެ.

އެގޮތުން މީޑިއާއަށް ލީކްކުރެފައިވާ މި އޮޑިޓަރ ޖެނަރަލްގެ ރިޕޯޓުގައި ވާގޮތުން އާ ސީޕްލޭން ޓަރމިނަލް އެމް.އޭ.ސީ.އެލް އިން ސީދާ މެނޭޖްކޮށްގެން އާމްދަނީގެ ގޮތުގައި އަހަރެއްގެ މައްޗައް 47.3 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށެވެ.

އެެހެން ނަަމަވެސް، ލިބޭނެކަމަށް ލަފާކުރާ 47.3 މިލިއަން ޑޮލަރުގެ އަދަދަކީ އެއްގޮތަކަށްވެސް ސައްހަ އަދަދެއް ނޫން ކަމަށާއި، އެއަދަދަކީ ޓީއެމްއޭ ގެ ހިސާބުތަކުން ދަށްކާގޮތުގައި އާމްދަނީގެ ގޮތުގައި ލިބޭނެ އަދަދަކަށްވުރެ 8 ގުނަ އިތުރު އަދަދެއް ކަމަށް ޓީއެމްއޭ އިން ބުނެއެވެ.

"އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައި ހަގީގީ މައުލޫމާތުގެ ބަދަލުގައި ބޭނުންކުރައްވާފައިވާ ލަފާކުރުންތަކަކީ ނުވަތަ 'އެސަމްޕްޝަންސްތަކަކީ' އަސްލު ކަންތައް ހިނގާނެ ގޮތެއްނޫނެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

އާސީޕްލޭން ޓާމިނަލް ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ހުރިހާ ފަރާތްތަކަކުން ވެސް ބޭނުންކުރާނެ ކަން ފާހަގަކޮށް، ޓީއެމްއޭއިން އެދިފައި ވާނީ އެ ކުންފުނިން މިހާރުވެސް 80 ރިސޯޓަށް ހިދުމަތްދެމުންދާ ސީޕްލޭން އޮޕަރޭޝަން މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ބޭނުންވާ ޖާގަ ލިބިދިނުމަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

އާ ޓާމިނަލުން 47.3 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށް ރިޕޯޓުކޮށްފައި ވުމުގެ ސަބަބުން އާންމުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ދަނީ ޓީއެމްއޭ އާއި އެމްއޭސީއެލްއާ ދެމެދު، އާ ޓާމިނަލްއިން ޓީއެމްއޭގެ އޮޕަރޭޝަންއަށް ބޭނުންވާ ޖާގަ އޮޕަރޭޓްކުރުމަށް، ވެވިފައިވާ އެއްބަސްވުން އުވާލުމަށް ގޮވާލަމުންދާ ކަމަށް ޓީއެމްއޭއިން ބުންޏެވެ.

އަދި އެގޮތަށް ވެއްޖެ ނަމަ ޓީއެމްއޭގެ އޮޕަރޭޝަންތަކަށް ބުރުއަރާ ރާއްޖޭގެ ޓުއަރިޒަމްގެ ސިނާއަތަށް ނޭދެވޭ އަސަރުކުރު ކުރުން އެކަށީގެންވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"އޮޑިޓް ރިޕޯޓުގައި ބަޔާންނުކުރެވިވާ އަނެއް މުހިއްމު މަޢުލޫމާތަކީ، އާ ޓަރމިނަލްއަށް ބަދަލުވާން ޖެހުމުގެ ސަބަބުން ވަރަށް ބޮޑު އިންވެސްޓްމަންޓެއް ކުރުމަށްފަހު މިވަގުތު ޓީއެމްއޭ ބޭނުންކުރާ އިމާރާތްތަކާއި ލައުންޖްތައް ދޫކޮއްލަން މަޖުބޫރުވެފާވާކަމެވެ. މި އިމާރާތްތަކަކީ 18 މިލިއަން އެމެރިކާޑޮލަރުގެ އިންވެސްޓްމަންޓެކެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެހެންކަމުން ލީކްކުރެވިފައިވާ އޮޑިޓް ރިޕޯޓަކީ ބޮޑެތި އޮޅުންތަކެއް ހިމެނޭ ރިޕޯޓެއް ކަމަށާއި، އެ ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތަށް އެމްއޭސީއެލް އިން ޓާމިނަން އޮޕަރޭޓްކޮށްގެން ވަރަށް ބޮޑު އާމްދަނީއެއް ލިބޭނެކަމަށް ބަޔާންކުރެވިފައިވާ އޮތް އޮތުމަކީ ކުށް ހީއެއް ކަމަށްވެސް ޓީއެމްއޭ އިން ބުނެއެވެ.

މީގެއިތުރުން ބައެއް މީޑިއާތަކުގައި (ޗަމްޕާ) ހުސެން އަފީފަކީ ޓީއެމްއޭގެ ހިއްސާދާރެއްކަމުގައި ރިޕޯޓުކޮށްފައިވަނީ ގޯސްކޮށްކަމަށާއި، އޭނާ އަކީ މިހާރު އެކުންފުނީގެ ހިއްސާދާރެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!