ގާސިމްގެ ސުވާލު ނަޝީދަށް: ކޯލިޝަން ހަދަން ކުރި އާދޭސް ހަނދާން ނެތީތޯ؟
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ކޯލިޝަން ހަދަން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަލާން ޖެއްްސެވި ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީ މެމްބަރުންނަށް ހައްގު މިންވަރު ނުލިބިގެން އުޅެނީ ކޯލީޝަނާއި ހެދި ކަމަށް ދާދިފަހުން އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު މެމްބަރުން ފޯމު ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް ވަނީ ކޯލިޝަނާ ހެދި ކަންކަން ނުކުރެވޭ ވާހަކަ ދައްކާއިރު މީގެކުރިން ކޯލިޝަން ހަދަން ރައީސް ނަޝީދު ކުރި އާދޭހާއި އަދި ޖެހި ސަލާން މިއަދު ހަނދާން ނެތުނީތޯ ސުވާލު ކުރައްވާފައެވެ.
"އިހަށް ދުވަހު ކޯލިޝަން ހަދަން ކުރި އާދޭހާއި ޖެހި ސަލާމާ އެއްޗެހި ކޮބައިތޯ؟ ސަރުކާރެއް ލިބިވަޑައިގަތީ ކިހިނެތްކަން އެމަނިކުފާނު ހަނދުމަފުޅު ނެތީތޯ؟" ގާސިމް ވިދާޅުވިއެވެ.
މީގެއިތުރުން ގާސިމް ވަނީ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމަކީ އެމްޑީޕީގެ މެމްބަރުންތަކަކަށް ބަހާލުމަށް ދިން މަގާމެއް ކަމަށް ހީފުޅުކުރައްވަނީތޯ ވެސް ނަޝީދު ކައިރިން ސުވާލު ކުރައްވާފައެވެ.
"މަނިކުފާނު ތި ހީކުރައްވަނީތޯ މި ހަތަރު ލައްކައަށްވުރެ ގިނަ މީހުންގެ ހައްގުތައް ހަމައެކަނި ތި ޕާޓީގެ ތިބި 40،000 އެއްހާ މީހުންނަށް ބަހާލަން ދީފައިފައި ހުރި އެއްޗެއް ކަމެއްތޯއޭ ތި ހީޕުޅުކުރައްވަނީ. ބަލަ މޮޔަފުޅުވީ ކޮން އިރަކުތޯ؟" ގާސިމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު ރައްޔިތުންގެ ހައްގުތަކަށް އަރައި އެ މީހުންނަށް ނިކަމެތިވާ ގޮތަށް ވާހަކަ ދައްކަވާއިރު އިންސާފާއި ގާނޫނުގެ ހުދޫދެއް ވެސް ނެތް ކަމަށް ގާސިމް ވިދާޅުވިއެވެ.