ސައިކަލު ޖޫރިމަނާގެ ފައިސާ އުވާލަން އެދިއްޖެ
ދިވެހި ހުރިހާ ޒުވާނުންގެ ސައިކަލު ޖޫރިމަނާތައް އުވައިލައިދިނުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ދިވެހި ސަރުކާރުގެ ކިބައިން އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރެވެނިއު ސްޓޭމްޕް އުވާލުމަށް ހުށަހަޅާފައިވާ ބިލަށް ބަހުސް ކުރައްވަމުން ހަސަން ވިދާޅުވީ ސައިކަލުތަކުގެ ޖޫރިމަނާ ހުރުމުގެ ސަބަބުން އަހަރީ ފީ ދެއްކުމަށް ވެސް ޒުވާނުންނަށް ދަތި ތަކެއް ކުރިމަތި ވެފައިވާ ކަމަށެވެ.
އަދި ފީ ނުދައްކާ އިންޝުއަރެންސް އާ ނުކުރެވޭތީ އިންޝުއަރެންސްގެ ހިދުމަތް ވެސް އެ ފަރާތްތަކަށް ލިބެމުން ނުދާތީ މި ޖޫރިމަނާތައް މިހާރުން މިހާރަށް މައާފު ކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރެވެނިއު ސްޓޭމްޕް އުވާލުމަށް ތާއީދު ކުރައްވައި މެންބަރު އިތުރަށް ވިދާޅުވީ ރައްޔިތުންނަށް އުނދަގުލާއި ދަތިތައްވާ ގޮތަށް ބައެއް ގާނޫނުތައް ހުރުމުން އެ ގާނޫނުތައް ވެސް އުވާލަން ޖެހޭ ކަމަށާއި ބޭނުން ވަނީ ރައްޔިތުންނަށް ފަސޭހަ ވާނެ ގޮތަށް ގަވައިދުތައް ހެދުން ކަމަށެވެ.
ގާނޫނު ނަންބަރު 70/4ޖ، އެކިއެކި ލިޔުންތަކުގައި ރެވެނިޔު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވާލުމަށް ބިލު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން، މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމެވެ.