ދެފަހަރަށް ކެންސަރާއި ހަނގުރާމަކޮށް ކާމިޔާބު ލިބުނު އަންހެނެއް: "ދިރިއުޅުމަކީ ހަމައެކަނި ވަޒީފާއަދާކޮށް ބިލްތައް ދެއްކުމެއް ނޫން"
ކެންސަރަކީ ހަށިގަނޑު ބަލިކޮށްލާ ، ދިފާޢީ ނިޒާމު ނިކަމެތި ކޮށްލާ ނުރައްކާތެރި ބައްޔެކެވެ. ދިރިހުރުމަށް ކުރާ ފޮނި އުއްމީދުގެ ހުޅުކޮޅު ކަނިކޮށްލާ ބައްޔެކެވެ. އެހެންކަމުން ކެންސަރާއި ދެކޮޅަށް ނަފްސްކުރާ ހަނގުރާމައަކީ ކާމިޔާބު ހޯދަން ފަސޭހަ ހަނގުރާމައެއް ނޫނެވެ. ނަމަވެސް ފްރާންސްގެ މޮރޮކޯ ނަސްލަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ ސޯފިއާގެ ވާހަކަ މުޅިން ތަފާތެވެ. އޭނާ ވަނީ ވޭތުވެދިޔަ ހަތްއަހަރު ދެފަހަރަށް ކެންސަރާއި ހަނގުރާމަކޮށްފައެވެ.ހިތްވަރުގަދަ މި އަންހެނާއަށް ﷲ ތަޢާލާ ވަނީ ދެފަހަރު ވެސް ޝިފާ ދެއްވާފައެވެ.
ބޮޑެތި ކުންފުނިތަކުގައި ވަޒީފާއަދާކޮށް ، އަދި ވަޒީފާގައި ކުރިއެރުންތައް ހޯދަމުން ދިޔަ ސޯފިއާއަށް ދިރިއުޅުމުގެ ހުރިހާ ކަމަކީ ވެސް އެއީ އެވެ. މަސައްކަތް ކުރުމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން އާއިލާއަށް ވަގުތު ނުދީ ، މުޅި ދުވަސް ހޭދަކޮށްލަނީ އެކަމުގައެވެ. މިފަދަ ދިރިއުޅުމެއް އުޅެމުން އައި ސޯފިއާގެ ޙަޔާތަށް ނުރައްކާތެރިކަމުގެ ރަނގަބީލެއް ފުރަތަމަ ޖެހީ މީގެ ހަތް އަހަރު ކުރިން އޭނާ ޖޯޖިއާގައި ދިރިއުޅެމުން އައި ދުވަސްވަރުއެވެ. ބަލިވެ އިނދެ ، ފަސްމަހުގައި ، އާދައިގެ މަތިން ހެދި މެޑިިކަލް ޗެކްއަޕުން އެނގުނީ އޭނާއަށް އުރަމަތީ ކެންސަރު ޖެހި، ދެވަނަ ސްޓޭޖުގައި ހުރި ކަމެވެ.
"އޭރުވެސް އަހަރެން ދިޔައީ ބުރަކޮށް މަސައްކަތް ކުރަމުން ، ނަމަވެސް ކީމޯއަށާއި ވިހެއުމަށް އަހަރެން ދިޔައީ ފްރާންސަށް، ވިހެއުމަށްފަހު އެނބުރި ޖޯޖިޔާއަށް ދިޔައިރު ، ސިއްހީ ސަބަބުތަކަށްޓަކައި ކަމަށްބުނެ އަހަރެން ވަނީ ވަޒީފާއިން ވަކިކޮށްފައި" ވަޒީފާއިން ވަކިކުރުމަކީ އެހިނދު ލިބުނު ވަރަށް ބޮޑު ހިތްދަތިކަމެއްކަން ފާހަގަ ކުރަމުން ސޯފިއާ ކިޔައިދީފައިވެއެވެ.
ސޯފިއާ ބުނީ ކެންސަރު ޖެހުނުއިރު ބަލިވެއިންކަން އެއީ ، އެބައްޔާއި ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. އަދި ދަރިފުޅު ލިބުމުން ޙަޔާތަށް އަލިކަން ގެނުވި ކަމަށާއި ދިރިއުޅުމަކީ ހަމައެކަނި ވަޒީފާއަދާ ކުރުން ނޫން ކަމާއި ގުޅުންތައް ހަރުދަނާކޮށް ދެމެހެއްޓުމަކީ ދިރިއުޅުމުގެ މާ މުހިންމު ކަމެއްކަމަށް ސޯފިއާ ފާހަގަ ކުރިއެވެ. އޭނާ ބުނެފައިވަނީ އެކަން ނުވިސްނި ،ދޮށީ އަންހެން ދަރިފުޅަށް ވަގުތު ނުދެވުނީތީ ހިތާމަކުރާ ކަމަށެވެ.
ސޯފިއާ ފަހުން ދިރިއުޅުން ބަދަލު ކުރީ ދުބާއީ އަށެވެ. ދެވަނަ ފަހަރަށް ކެންސަރު ޖެހުނީ މިދިޔަ އަހަރުއެވެ. ގައިގައި ރިއްސާތީ ހެދި ޓެސްޓްތަކުން އެންމެ ފަހުން އެނގުނީ ކެންސަރުގެވެސް މަދު ވައްތަރެއް ކަމަށްވާ ކަށީގެ ކެންސަރު ޖެހިފައިވާ ކަމެވެ. އަދި މުޅި ހަށިގަނޑަށް ކެންސަރު ފެތުރިފައިވާތީ އެމްއާރުއައި ހަދާނެ ތަނެއް ވެސް ޑޮކްޓަރުންނަށް ނޭނގުނުކަމަށް ސޯފިއާ ކިޔައިދީފައިވެއެވެ.
''ކެންސަރުގެ ތަޖުރިބާ ކުރިންވެސް ކުރެވިފައިވުމާއެކު އަހަރެން ނިންމީ ހިތްވަރުގަދަކޮށް ، ފަރުވާ ކުރިއަށް ގެންދިޔުމަށް ، ކީމޯއާއި ހައިޑްރޮތެރަޕީގެ އިތުރުން ނިއުޓްރިޝަން ، އަހަރެން ކުރިއަށް ގެންދިޔައިން ތިން މަސްވަންދެން ހަފްތާއަކު ދެފަހަރު ކުރިއަށް ގެންދިޔައިން" ކުރީފަހަރާއި ޚިލާފަށް ކަށީގެ ކެންސަރަކީ ވޭންހުރި ބައްޔެއްކަން ފާހަގަ ކުރަމުން ސޯފިއާ ކިޔައިދީފައިވެއެވެ.
އޭނާ ބުނެފައިވަނީ ހަށިގަނޑަށް އެހާ ބޮޑަށް ކެންސަރު ފެތުރިފައިވަނިކޮށް ލިބުނު ކުރިއެރުންތަކުން ޑޮކްޓަރުން ވެސް ހައިރާންވި ކަމަށާއި ނުވަ މަހަށްފަހު ކެންސަރުން ސަލާމަތްވެފައިވާ ކަމަށެވެ. ސޯފިއާ ވަނީ ކެންސަރުގެ ފަރުވާގެ ތެރޭގައި ހަށިގަނޑު ވަރުގަދަ ކުރުމަށް ކަސްރަތުކޮށް ދުވަން ވެސް ފަށާފައެވެ. އަދި ކީމޯ ސެޝަންއަކަށްފަހު ޖެހިގެން އައި ދުވަހު އޮތް ދުބާއީ މެރެތަން އެއްގައި ވެސް އޭނާ ވަނީ ދުވެފައެވެ.
ސޯފިއާ ބުނީ ތަޖުރިބާ ކުރަން ޖެހުނު ކަންތައްތަކުގެ ސަބަބުން އެތަކެއް ފިލާވަޅެއް ދަސްވެފައިވާ ކަމަށާއި ، އެކަންކަމަށް ބަލާ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން ރައްކާތެރި ކެއުމަށާއި ކަސްރަތު ކުރުމަށާއި ފައްސިކޮށް ވިސްނުމަށް ސަމާލުކަން ދޭކަމަށް އޭނާ ބުންޏެވެ. އަދި ޙަޔާތުގެ ރީތިކަންކަން ކުރިން އޭނާއަށް ނުފެންނަ ކަމަށާއި ކުރިން އޭނާއަކީ''ކަނު''މީހެއް ކަމަށް ސިފަވާ ކަމަށް ވެސް ސޯފިއާ ބުނެފައިވެއެވެ.
''މަސައްކަތްކޮށް ، ބިލްތައް ދައްކާ ، އިތުރަށް އާމްދަނީ ހޯދުމަށް ވެސް މަސައްކަތް ކުރުން" ކުރީގެ ދރިއުޅން ސިފަ ކޮށްދިނުމުގެ ގޮތުން ސޯފިއާ ބުނެފައިވެއެވެ. އޭނާ ބުނީ ދިރިއުޅުމުގައި މައިންބަފައިންނާއި ފިރިމީހާ އަދި ދަރީންނާއި އޮތް ގުޅުން ބަދަހިވެފައިވާ ކަމަށާއި ، ދިރިއުޅުމުގެ އެހެން ކަންކަމަށްވުރެ އާއިލީ ގުޅުން ބަދަހިކަންމަތީ ބޭއްވުމަކީ އޭނާ މިހާރު އެންމެ ސަމާލުކަން ދޭ ކަންތައް ކަމަށެވެ.