ދީބާޖާ މައްސަލަ ރިވިއު ކުރަން ދައުލަތުން ނިންމައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ހެދި އެއްބަސްވުން އުވާލުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭން، ދައުލަތުގެ މައްޗަށް ހުކުމް ކޮށްފައިވާ ފައިސާގެ މައްސަލަ ރިވިއު ކުރުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމައިފިއެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމާމެދު ޢާންމުންގެ ކަންބޮޑުވުން އޮތް ކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ، ޢާންމު މަޞްލަޙަތަަށް ރިއާޔަތްކޮށް، އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އޭޖީ ނިންމާފައިވާ ކަމަށެވެ.
އުތުރު ޕްރޮވިންސްގެ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއަށް 348 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ދިނުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމް އިތުރަށް ރިވިއު ކުރުމަށް އެކޯޓަށް ހުށަނޭޅީ އެ މައްސަލައިގައި ފައިސާގެ އަދަދަށް ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާތީ ކަމަށް ބަންޑާރަނާއިބު އިބްރާހީމް ރިފްއަތު ނޮވެމްބަރ މަހުގެ 27 ވަނަ ދުވަހު ވަނީ ވިދާޅުވެފައެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހެދި އެއްބަސްވުމެއް އޭގެ ފަހުން އުވާލި މައްސަލާގައި ލިބުނު ގެއްލުމުގެ ގޮތުގައި ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް ބަދަލުގެ ގޮތުގައި 174 މިލިއަން ރުފިޔާ ދިނުން މަޑުޖައްސައިލުމަށް ފަހު، އެ މައްސަލައިގައި ސުޕްރީމް ކޯޓުގައި އިތުރު މުރާޖައާ އަކަށް ދިއުމަށް ބަންޑާރަ ނައިބަށް ދެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ކަނޑައެޅި ރިޕޯޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 3 ޑިސެމްބަރ 2019 ވަނަ އަހަރު އެވެ.
ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޑެޓަށް 348.10 މިލިއަން ރުފިޔާގެ ބަދަލުގައި 174 މިލިއަން ރުފިޔާ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަންޑާރަ ނައިބުގެ އޮފީހުން އެކުލަވާލި ސެޓެލްމެންޓް ކޮމިޓީއިން ލަފާ ދީފައިވާތީ އެ ލަފަޔާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރުން ވަނީ އެއިރު ނިންމައިފަ އެވެ.
ނަމަވެސް، ކޯޓުން ބޭރުން މައްސަލަ ހައްލުކޮށް، ދީބާޖާ އަށް ބަދަލު ދޭން ސަރުކާރުން ނިންމުމުން އެކަމުގައި އަޑި ނޭނގޭ ކަންތައްތަކެއް ހިންގާފައިވާ ކަމަށް މާލިއްޔަތު ކޮމިޓީގެ ގިނަ މެމްބަރުން ތުހުމަތު ކުރައްވައި އެ ކޮމިޓީގެ ބައްދަލުވުމަކަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހާޒިރުކޮށް، ގިނަ ސުވާލުތަކެއް އޭނާ އަށް ވަނީ ކުރިމަތި ކުރުވައިފަ އެވެ.
އެ ބައްދަލުވުމުގައި، ރިފްއަތު ވިދާޅުވެފައިވަނީ ދީބާޖާއަށް ބަދަލުދޭންޖެހޭކަމަށް ގަބޫލު ކުރައްވާކަމަށާއި، އެ މައްސަލަ ސުޕްރީމް ކޯޓުގައި މުރާޖައާކޮށްގެން ސަރުކާރަށް ކާމިޔާބުވާނެކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ނަމަވެސް، ދީބާޖާ އަށް ބަދަލު ދިނުމުގެ މައްސަލަ ސުޕްރީމް ކޯޓު ގައި މުރާޖައާ ކުރުމަށް ރިފްއަތުގެ އަރިހުގައި އެދުމުގެ އިތުރުން އެ މައްސަލަ ބެލުމަށް އޭސީސީ އާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީގެ ރިޕޯޓާބެހޭ ގޮތުން މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވެފައިވާކަން ވަރަށް ބޮޑަށް ހާމަވި އެވެ. ދީބާޖާ މައްސަލަ އަލުން މުރާޖައާކޮށް ނާކާމިޔާބު ވެއްޖެނަމަ، 348.10 މިލިއަން ރުފިޔާ ދައްކަންޖެހިދާނެކަމުގެ ބިރު އެބައޮތް ކަމަށް އެއް ބައި މެންބަރުން ވިދާޅުވި އެވެ. އަދި ސުޕްރީމް ކޯޓުގެ ނިންމުންތައް މުރާޖައާ ކުރުމަކީ ވަރަށް ގޯސް ދޮރެއް ހުޅުވިގެންދާނެކަމެއް ކަމަށް އެ މެންބަރުން ވަނީ ފާހަގަކުރައްވައިފަ އެވެ.
ދެހާސްދިހަ ވަނަ އަހަރުގެ ތެރޭގައި ދީބާޖާ އިންވެސްޓްމެންޓް ކުންފުންޏަށް ނ، ރ، ބ އަދި ޅ އަތޮޅުގެ ދަތުރުފަތުރު ހިދުމަތް ދިނުމުގެ އެންމެހާ ކަންކަން އެއްބަސްވުމެއްގެ ދަށުން ހަވާލުކުރި އެވެ. ނަމަވެސް އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަކޮށް ދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެއްބަސްވުން ވަނީ ބާތިލްކޮށްފަ އެވެ. އެއީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.
ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ދީބާޖާ ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ރިސޯޓް ތަރައްގީ ކުރުމަށާއި ފެރީ ޓާމިނަލްތައް ހެދުމަށް ބިން ދޫކުރަން އޮތީ ލާޒިމްކޮށްފަ އެވެ. ނަމަވެސް އެ ބިންތައް ވެސް އެ ކުންފުންޏަށް ދޫކޮށްފައެއް ނުވެ އެވެ.