ޚަބަރު

ޔާމީން ޖަލަށްލީ ސަރުކާރުން ލާދީނީ ކަންކަން ފަތުރަން: މުއިއްޒު

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުމުގެ ބޭނުމަކީ މި ސަރުކާރުން ލާދީނީ ކަންކަން ފަތުރަން ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ޔާމީން މިނިވަން ކުރަން ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ، ޔާމީން ނުހައްގުން ޖަލަށްލުމުގައި އެންމެ ބޮޑު އެއް ސަބަބަކީ އިސްލާމްދީނާ މެދުގައި ސަރުކާރުގައި ތިބި މީހުން ގެންގުޅޭ އެޖެންޑާ ކުރިއަށް ގެންދަން މަގުފަހި ކުރުން ކަމަށެވެ. ޔާމީން އެކަހެރިކޮށްގެން ނޫނީ އެމީހުންގެ ލާދީނީ އެޖެންޑާ ކުރިއަށް ނުގެންދެވޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިއަދު ފެނިގެން މިދަނީ އެމަންޒަރު. އާދެ، ބޭރުގެ ފަރާތްތަކެއްގެ ރޭވުންތެރިކަމާއެކު މިތަނުގައި މިހިންގާ ކަންކަމަކީ މިއީ ހަމަ ނޭގި ހިނގާ ނޫނިއްޔާ އަޅުގަނޑުމެން އަޅާ ނުލާ ތިބެގެންވާނެ ކަންކަމެއް ނޫން" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރު އައި ފަހުން އިސްލާމްދީނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ތަން ދަނީ ފެންނަމުންނެވެ. އިލްމުވެރިންގެ އަގު ރާއްޖޭގައި ވެއްޓިގެން ގޮސް، އެމީހުންގެ މެދުގައި ބައިބައިވުން އުފައްދަން މަސައްކަތް ކުރާ ކަމަށް ވިދާޅުވި އެވެ. އޭގެ ނަތީޖާ އަކީ އިލްމުވެރިންގެ މެދުގައި ނަފްރަތު އުފެދެން ފަށާފައި ވުން ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

"ރަށްރަށުގައި ބައެއްފަހަރު އެބަ އަޑު އިވޭ އެބައިމީހުން ދައްކާ ވާހަކަ އަޑު އަހާނެ ކަމެއްނެތޭ ބުނާ އަޑު. މިއީ މިގައުމުގައި މިދަންނަވާ ލާދީނީ އެޖެންޑާ ފަތުރަން، މިބައިމީހުން މި ރާވާ ރޭވުންތަކުގެ ތެރެއިން ހިންގާ ކަންތައްތަކެއް. އިލްމުވެރިންގެ އަގު މިގައުމުގެ ވެއްޓުމުން އެބައިމީހުންގެ އަޑު މިގައުމުގައި ނާހާ ހިސާބަށް ދިއުމުން މިގައުމުގައި އިސްލާމްދީން ނޫން ދީންތައް ފަތުރަން ފުރުސަތު ލިބިގެންމިދަނީ" މުއިއްޒު ވިދާޅުވި އެވެ.

މިދިޔަ ދެ ތިން ދުވަހު ފެނިގެން ދިޔައީ މުއިއްޒު ސިފަ ކުރެއްވި ގޮތުގައި ދީނީ އިލްމުވެރިންނާ ޖައްސަން މަސައްކަތް ކުރި ތަނެވެ. މިއީ އެހެން ދީންތައް ރާއްޖެ އަށް ގެނައުމަށް ކުރަމުންދާ ކަމެއް ކަމަށާއި މިކަންކަމާ ދެކޮޅަށް ދިވެހި ހުރިހާ ރައްޔިތުން ނުކުންނަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

"މި ސަރުކާރުން ހިންގާ ލާދީނީ އެޖެންޑާ އަށް ނޫނެކޭ ބުނާނެ ކެންޑިޑޭޓުން އަޅުގަނޑުމެންގެ ފަރާތުން ނުކުންނަނީ. އެހެންވީމާ މި ކެންޑިޑޭޓުންނަށް އާނއެކޭ ބުނުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ،" ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް ނިންމެވި މުއިއްޒު ވިދާޅުވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!