ޚަބަރު

ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރަން އިތުރު ކެމެރާތައް ބަހައްޓަނީ

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެ އެތެރެވާ މީހުން ނޮވެލް ކޮރޯނާވައިރަސް އަށް ސްކްރީން ކުރަން ރާއްޖޭގެ އެއާޕޯޓްތަކުގައި އިތުރު ތާމަލް ކެމެރާތައް ބަހައްޓަން ނިންމައިފި އެވެ.

Ads by STELCO

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ މިހާރު އެއާޕޯޓްގައި ކޮރޯނާ ވައިރަސްއަށް ސްކްރީންކުރަން އެއް ކެމެރާ ބަހައްޓަފައިފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ތިން ދުވަސް ތެރޭގައި އަޅުގަނޑުމެން މިބަލަނީ ހަ ކެެމެރާ އެއީ އަޅުގަނޑުމެންނަށް ގިނަވެގެން އަޅުގަނޑުމެންނަސް ބޭނުންވާނެ ވަރު. ހަ ކެމެރާއިން މޮނިޓާކުރެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އެއާޕޯޓުން ހަމައެއާއެކީގައި އައްޑޫގައި އަދި ރާއްޖޭގެ އެންޓްރީ ހުރިހާ ޕޮއިންޓްއެއްގައި މޮނިޓާކުރެވޭނެ ހުރިހާ އިންތިޒާމްތަކެއް އަޅުގަނޑުމެން ހަމަޖައްސަނީ" އޭނާ ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ފެނިއްޖެނަމަ އެމީހަކު އެކެހެރިކޮށް ދެން އަޅާނެ ފިޔަވަޅުތަކާމެދު މިހާރު ބަލަމުންދާކަމަށްވެސް އަމީން ވިދާޅުވިއެވެ. އެގޮތުން ޑަބްލިއުއެޗްއޯއާ ގުޅިގެން މިހާރު މަސައްކަތް ކުރަމުންދާ ކަމަށާއި ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް މިހާރު ތައްޔާރުވެފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

"މިއާއެކީ ދެން އިތުރަށް ހޯދަން ޖެހޭ ވަސީލަތްތަކާއި ދެން މީގެ އިތުރު ހަރުފަތްތަކަށް ދާވަރަށް ކުރަން ޖެހޭ މަސައްކަތްތަކަށް ތައްޔާރުވެފަ މިއޮތީ. އޭގެ ތެރޭގައި މައުލޫމާތާއި ޓެސްޓްކުރުމުގައި އަމަލުކުރަން ޖެހޭ ގޮތްތަކާއި މިކަންކަމަށް އަޅުގަނޑުމެން ރަނގަޅަށް ތާއްޔާރުވެފައި މިތިބީ." އަމީން ވިދާޅުވިއެވެ.

ޗައިނާގެ ވޫހާންއިން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފެންނަން ފެށި މި ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް މިހާރު ދަނީ ފެތުރެމުންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް މި ވައިރަސް ޖެހިފައިވާ 440 އަށް ވުރެ ގިނަ މީހުން ޗައިނާއާއި އެހެނިހެން ގައުމުތަކުން ފެނިފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ. އަދި މި ބަލީގައި ނުވަ މީހުން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ކޮރޮނޯވައިރަސް އަކީ އާންމުކޮށް ޖަނަވާރުތަކުގައި އުޅޭ ވައިރެހެކެވެ. ޖަނަވާރުން އިންސާނާގެ ގަޔަށް އަރައި، ބަލިވިޔަސް، އެކެއްގެ ފަރާތުން އަނެކަކަށް އާންމުކޮށް ނާރަ އެވެ. އެކަމަކު މިހާރު ފެތުރެމުންދާ ވައިރަަސް އެކެއްގެ ގައިން އަނެކަކުގެ ގަޔަށް އަރާ ކަމަށް، އިއްޔެ ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ބަލި ޖެހެނީ ނޭވާލާ ނިޒާމަށެވެ. އަދި ފަހުން ނިއުމޯނިޔާއަށް ބަދަލުވެ އެވެ. ބަލީގެ ނިޝާންތަކަކީ ކެއްސުމާއި ހުން އައުމާއި ނޭވާ ކުރުވުމާއި ނޭވާލާން އުނދަގޫވުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!