ފާއިޒުގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ނިންމައި، ލަފާދިނުން މަޑުޖައްސާލައިފި
ސުލޫކީ މައްސަލަތަކަކާ ހެދި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު، އަލުން ސުޕްރީމް ކޯޓަށް އައްޔަން ކުރުން މަޑު ޖައްސާލައިފި އެވެ.
ޖޭއެސްސީއަށް އަމިއްލަ ފަރާތަކުން ވަނީ ހަ ކަމެއް ފާހަގަކޮށް ފާއިޒުއާ ގުޅޭ ސުލޫކީ މައްސަލައެއް ހުށަހަޅާފަ އެވެ. ފާއިޒުގެ މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހެޅިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އޭނާ އައްޔަން ކުރެއްވުމަށް ނަން ނޮމިނޭޓް ކުރައްވާފަ އެވެ.
ޖޭއެސްސީން މިއަދު ބުނީ ފާއިޒަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި އަދި ދިވެހި ރާއްޖޭގެ އުއްތަމަފަނޑިޔާރު ކަމުގެ މަގާމް އަދާކުރެއްވިއިރު، ސުޕްރީމް ކޯޓުގެ ބެންޗުން ނިންމާފައިވާ ގާނޫނާ ހިލާފު އަދި ސުޕްރީމް ކޯޓުގެ އިހްތިސާސުން ބޭރުން ދައުލަތުގެ އެހެން މުވައްސަސާތަކުގެ އިހްތިސާސުގެ ތެރެއަށް ވަދެ ނިންމާފައިވާ ނިންމުންތަކުގެ ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަަމަަށް ބެލެވޭ ކަމަށެވެ.
އަދި އެކަމުގައި ފާއިޒު ބައިވެރިވެވަޑައިގެންފައިވޭތޯ އަދި އެއީ ކިހާ މިންވަރަކަށްތޯ ބެލުމަށްޓަކައި އެ ނަމާމެދު ގޮތެއް ނިންމުން މަޑުޖައްސާލަން މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ޖޭއެސްސީއަށް ހުށަހަޅަފައިވާ ފާއިޒުއާ ގުޅޭ ޝަކުވާގައި ހަ ކަމެއް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ޖޭއެސްސީގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ނެގި މައްސަލަ އާއި ޖުޑިޝަލް ކައުންސިލް އުފެއްދި މައްސަލަ ހިމެނެ އެވެ. މީގެއިތުރުން އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީގުގެ މައްޗަށް އަމިއްލަ އިސް ނެގުމުގެ މަތިން މައްސަލައެއް ބަލައި ހުކުމް އިއްވި މައްސަލަ އާއި ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް ވެސް ސްމޯޓޯކޮށް މައްސަލައެއް ހިންގި މައްސަލަ ވެސް ފާހަގަކޮށްފައިވެ އެވެ.
މިކަންކަން ފާހަގަކޮށް ސުލޫކީ މައްސަލާގައި ބުނެފައިވަނީ އެ ނިންމުންތައް ސުޕްރީމް ކޯޓުން ނިންމިއިރު ވެސް އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވީ ފާއިޒު ކަމަށާއި އެހެންކަމުން އެކަންކަން ބަލަން ޖެހޭނެ ކަމަށެވެ.
ފާއިޒްއާ ގުޅޭ ގޮތުން ހުށަހެޅި ސުލޫކީ މައްސަލާގައި ބުނެފައިވަނީ އެ ކަންކަމަކީ ސުޕްރީމް ކޯޓުގެ އެހެން ބައެއް ފަނޑިޔާރުން ވަކި ކުރުމުގައި ވެސް ބަލާފައިވާ އަސާސެއް ކަމުން އަލުން ފާއިޒު ސުޕްރީމް ކޯޓަށް އައްޔަން ކުރުމުގައި ޖޭއެސްސީއިން އެކަމަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.