ޚަބަރު

ސަލާމަތީ ކަންކަން ވަރުގަދަކޮށް މުޅި ރާއްޖެ އަށް އެލާޓް ނެރެފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށް، "ޔެލޯ އެލާޓް 2" ނެރެފައިވާ ކަމަށް ސިފައިން މިރޭ ބުނެފި އެވެ.

Ads by STELCO

އެމްއެންޑީއެފް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިރޭ 7:00 އިން ފެށިގެން އެލާޓް ސްޓޭޓަސް މައްޗަށް ޖައްސައި "ޔެލޯ 2" އަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. މި އެލާޓް ނެރެނީ، ގައުމުގެ ސުލްހަމަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަކަށް ބެލެވުމުން ނުވަތަ އެފަދަ މައުލޫމާތެއް ލިބުމުންނެވެ.

މި އެލާޓާ އެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވާނެ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. ސަލާމަތީ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރުން ހިމެނެ އެވެ.

"މި ކަމަކީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއް ކަމަށްވުމާ އެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެ ކަމަށް ޔަގީން ކުރަމެވެ،" ބަޔާނުގައިވެ އެވެ.

ރާއްޖޭގައި ސަލާމަތީ ފިޔަވަޅުތައް މި ވަރުގަދަކުރި އިރު، ހައްދުފަހަނާޅާފައިވާ ފިކުރާ ދެކޮޅަށް ސަރުކާރުގެ މުއައްސަސާތަކުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މުޅި ރާއްޖޭގައި އެ ފިކުރުގެ ނުރައްކާ އޮތް މިންވަރާއި މީހުން މަރަން ފަސް ނުޖެހޭ ދަރަޖައަށް ހައްދުފަހަނާޅާފައިވާ 1400 އެއްހާ ދިވެހިން ތިބި ކަން ސަލާމަތީ ޚިދުމަތްތަކުން ވަނީ ހާމަކޮށްފަ އެވެ.

ގައުމުގެ އަމާންކަމާއި ރައްކާތެރިކަން ގާއިމްކުރަން ސިފައިން ކުރާ މަސައްކަތުގައި ރައްޔިތުން ދޭ އެއްބާރުލުމަށް ބަޔާނުގައި ސިފައިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!