ކުޑަކުއްޖަކު ރޭޕް ކުރި މައްސަލާގައި ހައްޔަރުކުރި ސިފައިިިންގެ މީހާ ސަސްޕެންޑްކޮށްފި
އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި ކަމުގެ ތުހުމަތުގައި އިއްޔެ ފުލުހުން ހައްޔަރުކުރި ސިފައިންގެ މީހާ ސަސްޕެންޑްކޮށްފިއެވެ.
ފުލުހުން އިއްޔެ ބުނީ 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި، ބްލެކްމެއިލް ކުރުމާއި، ރޭޕް ކުރުމުގެ ތުހުމަތުގައި ރޭ 6:30 އެހާކަންހާއިރު މާލެއިން 36 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ސިފައިންގެ މީހެއް ކަމަށް އެމްއެންޑީއެފުން ވަނީ ރޭ ބުނެފައެވެ.
އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިފައިންގެ މީހަކު ފުލުހުންގެ ހައްޔަރަށް ގެންދިޔަކަމުގެ މަޢުލޫމާތު ރޭ 20:00 ގައި އެ މުއައްސަސާއަށް ފުލުހުންގެ އިދާރާއިން އެންގުމާ ގުޅިގެން އެ މުއައްސަސާގެ ޤަވާއިދުގައިވާ ގޮތުގެމަތިން އެމް.އެން.ޑީ.އެފްގެ ކަމާބެހޭ ކޮމިޓީ ބައްދަލުކޮށް، ފުލުހުންގެ ހައްޔަރަށް ގެންދިޔަ ސިފައިންގެ މީހާ، އޭނާ ހައްޔަރަށް ގެންދިޔަ ވަގުތުން ފެށިގެން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން އެމްއެންޑީއެފުން ވަނީ ސިފައިންގެ ދެމީހަކު 15 އަހަރުގެ ކުޑަކުއްޖަކު ރޭޕްކުރިކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވުމާއި ގުޅިގެން އެ މެމްބަރު އެވިދާޅުވަނީ ކޮން ސިފައިންގެ މީހެއްގެ ވާހަކަތޯ ހޯދަން ރޮޒެއިނާގެ އަރިހުން އެދުނު ކަމަށްވެސް ބުނެފައެވެ.
ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް މި މައްސަލައިގައި ހިމެނޭކަމަށް ރޮޒެއިނާ ވިދާޅުވާ ސިފައިންގެ 2 ވަނަ މީހަކު މި މައްސަލާގައި ހިމެނޭކަން ނުވަތަ ނޫންކަން އަދި މި މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހެޅިފައިވަނީ ކޮން ތާރީޚެއްގައިކަންވެސް ފުލުހުން ހިއްސާކުރި މަޢުލޫމާތުން ސާފުނުވާ ކަމަށްވެސް ބުނެފައިވެއެވެ.
"ސިފައިންގެ މީހަކާމެދު މިބާވަތުގެ މައްސަލައެއް ހުށަހެޅި ބަލަމުންދާ ކަމުގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެމްބަރަށް ލިބިވަޑައިގަތުމުން އެ މަޢުލޫމާތު މި މުއައްސަސާއާއި ޙިއްސާކުރެއްވިނަމަ އަދި ފުލުހުންގެ އިދާރާއިންވެސް ސިފައިންގެ މީހަކާއިމެދު މިފަދަ މައްސަލައެއް ބައްލަވާކަމުގެ މަޢުލޫމާތު މިމުއައްސަސާއާ ޙިއްޞާކުރެއްވިނަމަ، މި މުއައްސަސާގެ ޤަވާޢިދުތަކުގައިވާ ގޮތުގެ މަތީން މި މުއައްސަސާއިން ވަޤުތުން ބަލާ ވަޤުތުން ފިޔަވަޅު އެޅުނީހެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.