ޚަބަރު

ރާާއްޖެ އަލުން ކޮމަންވެލްތާ ގުޅެން އެއްވެސް ގައުމަކުން ދެކޮޅު ނޫން

ރާއްޖެ އަލުން ކޮމަންވެލްތާ ގުޅުމަށް އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުން ދެކޮޅު ނުހަދާ ކަމަށް އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް ދިވެހި ސަރުކާރަށް އަންގައިފި އެވެ.

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރިކިއާ ސްކޮޓްލެންޑް މިގޮތަށް އެންގެވީ، ރައީސަށް ފޮނުއްވި ސިޓީއެއްގަ އެވެ. އެ ސިޓީގައި ވަނީ ރާއްޖެއަށް ވަޑައިގެންނެވި ދެ އެސެސްމެންޓް ޓީމާއި އިލެކްޝަން އޮބްޒަވޭޝަން މިޝަންގެ ކާމިޔާބު ދަތުރަކަށް ފަހު އެ ޓީމްތަކުގެ ރިޕޯޓްތައް މެންބަރު ގައުމުތަކާ ހިއްސާ ކުރެވިފައިވާ ކަމަށާއި ހުރިހާ މެންބަރު ގަައުމުތަކުން ވެސް އެ ރިޕޯޓަށް ރުހުން ދީފައިވާ ކަމަށެވެ.

އެހެންކަމުން ރާއްޖެ މިހާރު އޮތީ ކޮމަންވެލްތުގެ މެންބަރު ގައުމަކަށް ވުމަށް ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުން ކަމަށް އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ ސިޓީފުޅުގައި ފާހަގަ ކުރައްވައިފައިވެ އެވެ. އަދި ކޮމަންވެލްތާ އަލުން ގުޅެން ރާއްޖެން ފުރަތަމަ މަސައްކަތް ފުރިހަވެފައިވާއިރު، ވީހާ އަވަހަކަށް އެ ޖަމިއްޔާގެ މެންބަރު ގައުމަކަށް ހަދަން ބާރުއަޅަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އަންނަ އަހަރުގެ ކުރީކޮޅު ކޮމަންވެލްތުގެ ފުރިހަމަ މެމްބަރަކަށް ރާއްޖެ ވާނެ އެވެ. އެއާއެކު އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރުވާންޑާގެ ވެރިރަށް، ކިގާލީގައި އޮންނަ ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގައި ރާއްޖެއަށް ބައިވެރިވެވޭނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!