ޚަބަރު

ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ މައުލޫމާތު ހިއްސާކުރަން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންގެ މައުލޫމާތު ހިއްސާކުރަން ކައުންސިލްތަކަށް ޖެންޑާ މިނިސްޓްރީން އަންގައިފިއެވެ.

Ads by Sosun Fihaara

ޖެންޑާ މިނިސްޓްރީން މިރޭ ބުނީ ދައުލަތުގެ އިދާރާތަކުގެ ސަމާލުކަމަށް ގެނެވިފައިނުވާ، ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި ޢާއިލާތަކުގެ މަޢުލޫމާތު ހަތް ދުވަހުގެ ތެރޭގައި ޙިއްޞާކޮށްދިނުމަށް އެދި 200 ކައުންސިލެއްގެ އިދާރާއަށް އަންގާފައިވާ ކަމަށެވެ.

ޖެންޑާ އިން ކައުންސިލަތަކަށް މިފަދަ އެންގުމެއް އަންގާފައިމިވަނީ، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ހިއްސާ ނުކޮށް ހުރި އެފަދަ މައުލޫމާތުތައް ދެނެގަނެ، 30 ދުވަހުގެ ތެރޭގައި އެ މައުލޫމާތު ދަފްތަރުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެ މިނިސްޓްރީ އަށް އަންގާފައިވާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން އެ ކޮމިޓީން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުކުރެވި، ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރެއިން މުޖުތަމައަށް ދޫކޮށްލާފައިވާ ފަރާތްތައް މިހާރުން މިހާރަށް ދެނެގަނެ، އެފަދަ މީހުން ދޫކޮށްފައިވާ ސަބަބުތައް އަލުން މުރާޖައާކޮށް، މިފަދަ މީހުން މޮނިޓާކުރާނެ ނިޒާމެއް 30 ދުވަހުގެ ތެރޭގައި އެކުލަވާލުމަށް ވެސް އަންގާފައެވެ.

އަދި ކުޑަކުދިންގެ މައްސަލަތައް ތަހުގީގުކޮށް އެކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ މުއައްސަސާތަކުގެ ކަމާ ގުޅުންހުރި ޑިޕާޓްމަންޓަތަކުގެ ޕާފޯމަންސް އޮޑިޓެއް 30 ދުވަހުގެ ތެރޭގައި ހަދާ، އެ ރިޕޯޓް ކޮމިޓީ އަށް ހުށަހެޅުމަށް ވެސް ޖެންޑާ މިނިސްޓްރީ އަށް ވަނީ އަންގާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!