ޚަބަރު

ކޮރޯނާވައިރަސް ފެތުރޭ ވޫހާންގައި ހަ ދިވެއްސަކު ތާށިވެފައި!

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ހަލުވި ކަމާއި އެކު ފެތުރޭތީ ކަރަންޓީނު ކުރެވިފައިވާ ޗައިނާގެ ވޫހާންގައި ހަ ދިވެއްސަކު ތާށިވެއްޖެއެވެ.

Ads by STELCO

މައުލޫމާތު ލިބިފައިވާ ގޮތުގައި ތާށިވެފައިވާ މީހުންގެ ތެރޭގައި ދެ އަހަރު ނުފުރޭ ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. އެމީހުން ވަނީ ކޮރޯނާ ވައިރަސް ފެތެރެން ފެށުމާއި އެކު ޗައިނާގައި ހުންނަ ދިވެހި އެމްބަސީއަށް އެހީއަށް އެދިފައެވެ. ނަމަވެސް އެމްބަސީން އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށް މައުލޫމާތު ލިބެއެވެ.

އެމީހުން ބުނާ ގޮތުގައި ވުހާންގެ ފިހާރަތަކުން ކާބޯތަކެތި ހުސްވެ އެ މީހުން ވަނީ ހާލުގައި ޖެހިފައެވެ. އެނގިފައިވާ ގޮތުގައި ވުހާންގައި ތާށިވި މީހުންގެ ތެރެއިން ތިން މީހުންނަކީ އައްޑޫ އަށް ނިސްބަތްވާ ތިން މީހުނެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ޗައިނާގައި ކޮރޯނާ ވައިރަސް ފެެތުރޭތީ، އެ ގައުމުގައި ތިބި ދިވެހިންގެ ހާލު ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީން ގެންދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ޕްރޮވިންސްގައި ތިބި ހަ ދިވެހިންނާ އެމްބަސީން ގުޅި ކަމަށް މިނިސްޓްރީން ބުނެ އެވެ. ދިވެހި ސަރުކާރުން ބުނިގޮތުގައި، ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ގައުމުގެ ފޮރިން މިނިސްޓްރީއާ އެކު ކުރަން ޖެހޭ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ހަލުވި ކަމާއި އެކު ޗައިނާގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނިފައިވަނީ ވޫހާންއިންނެވެ. މިހާތަަނަށް ވޫހާންއިން އެކަނި 632 މީހަކަށްވަނީ މި ބަލި ޖެހިފައެވެ. އަދި މަރުވި 17 މީހުން މަރުވެފައިވަނީވެސް ވޫހާންއިންނެވެ.

ބަލިފެތުރޭތީ މިހާރު މުޅި ސިޓީ ކަރަންޓީނު ކުރެވިފައިވާއިރު ޗައިނާގެ ނޫސްތަކުން ސިފަކޮށްފައިވާ ގޮތުގައި މުޅި ސިޓީ ވަނީ ފަޅުވެފައެވެ. ފިހާރަތަކާއި، އާއްމު ދަތުރުފަތުރުވަނީ މެދުކަނޑާލާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!