ޚަބަރު

ކުޑަކުދިންގެ މައްސަލަތައް 6 މަސް ތެރޭގައި ނިންމަން ކޯޓުތަކަށް އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހަ މަސްދުވަހުގެ ތެރޭގައި ނިންމޭނެ ގޮތަށް ޝަރީއަތްތައް ގަވާއިދުން ކުރިއަށް ގެންދަން ޑިޕާޓަމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކަށް އަންގައިފިއެވެ.

Ads by Sosun Fihaara

ޑީޖޭއޭ އިން މިއަދު ކޯޓުތަކާއި ޝަރުއީ އިދާރާތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅުންހުރި މައްސަލައެއް ކޯޓަށް ހުށަހެޅުމާއެކު 24 ގަޑިއިރުގެ ތެރޭގައި އެ މައްސަލައަކަށް އިސްކަން ދީގެން ކޯޓަށް ހުށަހެޅިފައިވާ އެހެނިހެން މައްސަލަތައް މެނޭޖުކޮށް، އަވަސްކަމާއެކު އެ މައްސަލަ ނިންމޭނެގޮތަކަށް އިދާރީ އެންމެހައި އިންތިޒާމްތައް، އެ މައްސަލައެއް ބެލުމަށް ހަވާލުކުރެވޭ ފަނޑިޔާރުގެ މަޝްވަރާއާއެކު އެ ކޯޓެއްގެ ރަޖިސްޓްރާ ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފު ހަމަޖައްސަން ވާނެ ކަމަށެވެ.

އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އަވަސްކަމާއެކު ކުރިއަށް ގެންދިޔުމަށްޓަކައި، މައްސަލަ ރައްދުވާ ފަރާތާއި މައްސަލާގައި ދައުވާކުރާ ފަރާތަށް، ކަނޑައެޅިފައިވާ އިޖުރާއަތުގެ ތެރެއިން ގާނޫނު ލާޒިމުކުރާ މުއްދަތުތައް ލިބިދީ، މައްސަލަ މެނޭޖްކޮށް، ޝަރީއަތުގެ މަރުހަލާ ފެށުނީއްސުރެ ނިމެންދެން ދެ ޝަރީއަތުގެ ދެމެދުގައި 48 ގަޑިއިރަށް ވުރެ ދިގު މުއްދަތެއް ހޭދަނުވާނެހެން މައްސަލަ ތާވަލުކޮށް އަދި މައްސަލައިގެ ތާވަލު މައްސަލައިގެ ހަސްމުންނާ ހިއްސާކޮށް، އެ މައްސަލައެއް ހުށަހެޅުނު ތާރީހުން ފެށިގެން ލަސްވެގެން ހަ މަސްދުވަހުގެ ތެރޭގައި އެ މައްސަލަ ނިންމުމަށްޓަކައި މައްސަލައިގެ ޝަރީއަތްތައް ގަވާއިދުން ކުރިއަށް ގެންދިޔުމަަށް ވެސް ޑީޖޭއޭއިން ވަނީ އަންގާފައެވެ.

މީގެއިތުރުން މައްސަލައިގެ ކޮންމެ ޝަރީއަތުގެ އަޑުއެހުމެއްގައި ކުރިއަށްދާނީ ކޮން ކަމެއްކަން މައްސަލައިގެ ހަސްމުންނަށް އެނގޭނެހެން އެކަމުގެ މައުލޫމާތު ކުރިއާލައި ހަސްމުންނާ ހިއްސާކުރުމަށް ވެސް ޑީޖޭއޭއިން ވަނީ އަންގާފައެވެ.

އަދި ކުޑަކުދިންނަށް އަނިޔާ ކުރުމުގެ މައްސަލަތަކުގެ ފާއިތުވި މަހުގެ ތަފާސްހިސާބުގެ މައުލޫމާތު ޖެހިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ޑިޕާޓްމެންޓަށް ފޮނުވަންވާނެ ކަމަށްވެސް ޑީޖޭއޭއިން ބުނެއެވެ. މިގޮތުން ފޮނުވާ ތަފާސް ހިސާބުގައި، އެ މައްސަލައެއް ހުށަހެޅުނު ތާރީހާއި، މައްސަލައިގެ އަޑުއެހުންތައް ތާވަލުކުރެވިފައިވާ ގޮތާއި، މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބާއި، އަދި މައްސަލަ ކުރިއަށް ގެންދިޔުމުގައި ކުރިމަތިވާ ދަތިތަކެއް ހުރިނަމަ އެކަން ވެސް ހިމަނަންވާނެ ކަމަށް ޑީޖޭއޭގެ ސާކިއުލާގައި ބުނެފައިވެއެވެ.

ޑީޖޭއޭ އިން ބުނީ މިގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގެ މަގުސަދަކީ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތުގެ މައްޗަށް ކުރެވިފައިވާ ތުހުމަތާމެދު އަވަސްކަމާއެކު ނިހާއީ ހުކުމެއް ކުރުން ކަމަށެވެ. އަދި މިއީ މުޅި މުޖުތަމައުގެ އާންމު މަސްލަހަތު ހިމާޔަތްކޮށް، އަނިޔާ ލިބުނު ފަރާތާއި މައްސަލައިގައި ހިމެނޭ ހެކިވެރިންގެ ހައްގުތައް ހިމާޔަތްކޮށްދީ، އަވަސްކަމާއެކު މައްސަލައަށް ހައްލެއް ލިބިދިނުމަށް އެޅި ފިޔަވަޅުތަކެއް ކަމަށްވެސް ޑީޖޭއޭ އިން ހާމަކުރެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!