ޗައިނާގައި ތިބި ދިވެހިން އެމްބަސީގައި ރަޖިސްޓްރީވާން އަންގައިފި
ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމުގައި ތިބި ދިވެހިން އެމްބަސީގައި ރަޖިސްޓްރީވާން ފޮރިން މިނިސްޓްރީން އަންގައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކޮރޯނާ ވައިރަސްއާ ގުޅިގެން ޗައިނާގައި ތިބި ދިވެހިންގެ ހާލު މިނިސްޓްރީންނާއި ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ގެންދަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އެގޮތުން ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ޕްރޮވިންސްގައި ތިބި ހަ ދިވެހިންނާ އެމްބަސީއަށް ގުޅިފައިވާއިރު، ވޫހާންގައި ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް މިނިސްޓްރީން ބުނެއެވެ.
ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާ ފޮރިން މިނިސްޓްރީއާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށާއި އަދި ޗައިނާގައި ތިބި އެހެން ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ ފޮރިން މިނިސްޓްރީއިން ދީފައިވާ ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
"ހަމައެއާއެކު މިހާރު ފެތުރެމުންދާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރަމުންދާ ކަމުގެ ޔަގީންކަންވެސް އެގައުމުން ވަނީ ދީފައެވެ. މި ޕްރޮޓޮކޯލްތަކުގެ ދަށުން ވޫހާން ޕްރޮވިންސަށް ވަދެ ނިކުތުން މިވަގުތަށް ހުއްޓުވާފައިވާކަންވެސް ފާހަގަކުރަމެވެ" އެ ބަޔާނުގައި ބުނެފައިވެއެވެ.
ފޮރިން މިނިސްޓްރީން ވަނީ ޗައިނާގެ އެހެން ހިސާބުތަކަށްވެސް މިވައިރަސް ފެތުރެމުންދާތީ، އެގައުމުގައި ތިބި ހުރިހާ ދިވެހިންވެސް އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް ވެސް އިލްތިމާސްކޮށްފައެވެ.