ފާޑުކިޔުން ބޮޑުވުމުން މަދީހާގެ ކެންޑިޑަސީ ބާތިލުކޮށްފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގއ. ކަނޑުހުޅުދޫ ކައުންސިލަށް ވާދަކުރުމަށް އެމްޑީީޕީގެ ޓިކެޓް ހޯދުމަށް އެޕާޓީގެ ޕްރައިމަރީއަށް ކުރިމަތިލާފައިވާ މަދީހާ އަބްދުﷲ ގެ ކެންޑިޑަސީ ބާތިލް ކުރުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފި އެވެ.
އެ ޕާޓީން މިފަދަ ނިންމުމެއް ނިންމާފައިވަނީ ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުވެސް ނުފުރޭ އަންހެން ކުއްޖަކަށް އެ ކުއްޖާގެ ކާފަ ޖިންސީ ގޯނާކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވަނިކޮށް ކުއްޖާގެ ކާފަގެ ދިފާއުގައި މަދީހާ ވާހަކަ ދައްކާފައިވަނިކޮށެވެ. މަދީހާ އަކީ އަނިޔާ ލިބުނު ކުއްޖާގެ ކާފައަށް ބޭބެ ކިޔާ އަންހެނެކެވެ.
މަދީހާ ވަނީ ކަނޑުހުޅުދޫގައި ހިނގާދިޔަ ޖިންސީ އަނިޔާގެ މައްސަލައަކީ ކުއްޖާގެ މަންމަގެ އާއިލާއިން އުފައްދާފައިވާ މައްސަލައެއް ކަމަށް ބުނެފައެވެ. އަދި އެކަން ބޮޑުކޮށްލީ މީޑިއާތަކުން ކަމަށާ އެ ކުއްޖާއަށް ބަޔަކު ޖިންސީ ބޮޑެތި އަނިޔާތަކެއް ކޮށްފައިވާނަމަ ކުއްޖާ މިހާރު ހުރި ހާލަތުގައި ނުހުންނާނެ ކަމަށް ބުނެފައެވެ.
ބޭބެ ދިފާއުކޮށް ދެއްކި ވާހަކަތަކާއި ގުޅިގެން މަދީހާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ. އަދި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕްރައިމަރީގައި ވާދަކުރަން އޭނާ ފޯމް ހުށައެޅި ފޮޓޯއާއިއެކު ގިނަ ބަޔަކު ވަނީ އޭނާގެ ކެންޑިޑަސީ ބާތިލް ކުރުމަށް ގޮވާލާފައެވެ.
އެކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް ކުޑަ ކުދިންނަށް ކުރާ ޖިންސީ ގޯނާއަށް ހިތްވަރު ދީގެން ވާހަކަ ދައްކާ މެންބަރުންނަށް ފިޔަވަޅު އެޅުމާ ބެހޭ ގޮތުން އެމްޑީޕީން ބައްދަލުވުމެއް އިއްޔެ ވަނީ ބާއްވާފައެވެ. އަދި އެ ބައްދަލްވުމުގައި މަދީހާ ދެއްކި ވާހަކަތަކަށް ބިނާކޮށް އޭނާއަށް އެޕާޓީގެ ޕްރައިމަރީން ފުރުސަތު ނުދޭން ވަނީ ނިންމާފައެވެ.