ފުނަދޫ އެއާޕޯޓްގެ ހައްޤު ޝުކުރު ބަރުތީލަވަނީ ރައީސް ޔާމީނަށް: ނިހާން
ށ. ފުނަދޫގައި ރައީސް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ ގެ ސަރުކާރުން އަޅަން ފެށި، އަދި އިއްޔެ ޓެސްޓް ފުލައިޓް ޖެއްސި އެއާޕޯޓް މަޝްރޫއުގެ ހައްގު ޝުކުރު ބަރުތީލަވަނީ ރައީސް ޔާމީނަށް ކަމަށް ރައްޔިތުން މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަދި މި ސަރުކާރުގެ ކޯލިޝަން ބައިވެރިޔާ، ޖުމްހޫރީ ޕާޓީގެ މެމްބަރު އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވޭތުވެދިޔަ ދައުރުގައި މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަމާއި ޕީޕީއެމް ޕާލިމަންޓް ގުރޫޕްގެ ލީޑަރުކަން ކުރެއްވި ނިހާން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުނަދޫ އެއާޕޯޓް މަޝްރޫއުގެ ހައްގު ޝުކުރު ބަރުތީލަވަނީ ރައީސް ޔާމީންގެ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ސަލީމަށް ކަމަށެވެ.
އަދި އެޝުކުރު ހައްގުވަނީ ރައީސް ޔާމީނަށް ނޫންކަމަށާއި އެމަނިކުފާނުގެ ސަރުކާރަށް ކަމަށް ބުނެ މީހަކުކުރި ރިޕްލައި އަކަށް ވެސް ނިހާން ވަނީ ރައްދުދެއްވާފައެވެ.
''އެމްޕީ އަލީ ސަލީމަކީ އެދާއިރާގެ މެމްބަރެވެ. ރައީސް ޔާމީނަކީ މުޅި ސަރުކާރުގެ އެންމެ އިސްވެރިޔާއެވެ. އަދި 2013 އިން 2018 އަށް މުޅި ގައުމުގެ ރައީސެވެ. ރައީސް ޔާމީންގެ ސަރުކާރޭ ބުނުމުން އެ ނިސްބަތްވަނީ ސީދާ ރައީސް ޔާމީނަށް'' ނިހާން ވިދާޅުވިއެވެ.
ފުނަދޫ އެއާޕޯޓަކީ ރަންވޭގެ ދިގު މިނުގައި 1200 މީޓަރު އަދި ފުޅާ މިނުގައި 30 މީޓަރު ހުންނަ އެއާޕޯޓެކެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު އޭޕްރަންގެ ފުޅާ މިނުގައި 50 މީޓަރު ހުރެއެވެ.
އަންނަ މަހުގެ 01 އިން ފެށިގެން މި އެއާޕޯޓަށް ޝެޑިއުލް ފުލައިޓްތައް އެޅުމަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.