ޚަބަރު

ލަތީފު ހެލްތު މިނިސްޓަރަށް: ޒިންމާދާރުކަމާއެކު ވަޒީފާ އަދާނުކުރެވެންޏާ އިސްތިއުފާދެއްވާ!

ދެން އެމްވީ ، ދެން އޮންލައިން

ޒިންމާދާރުކަމާއެކު ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާ ނުކުރެވޭނެނަމަ އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޗެއާޕަރސަން ހަސަން ލަތީފް ހެލްތު މިނިސްޓަރ އަބްދުﷲ އަމީނަށް ގޮވާލައްވައިފިއެވެ.

Ads by STELCO

ހަސަން ލަތީފް އަމީންގެ އިސްތިއުފާއަށް ގޮވާލެއްވީ އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ހިތްވަރު ނުދެއްވާ ކަމަށް މިނިސްޓަރ އަމީން ވިދާޅުވެފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ.

"ސަރުކާރުގެ ސިޔާސަތާއި އެއްގޮތައް ޒިންމާދާރު ކަމާއި އެކީ ވަޒީފާ އަދާ ނުކުރެވެންޏާ އިސްތިއުފާ ދެއްވާ. ސަރުކާރުގެ ސިޔާސަތު އެއްގޮތައް މަސައްކަތް ކުރަން އެނގޭ މީހުން ބައިވަރު އެބަތިބި." ހަސަން ލަތީފް ވިދާޅުވިއެވެ.

އަންހެނުން ހިތާނު ކުރުމާއި މެދު އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެޗްޕީއޭ އިން އެދުނު މައްސަލަ މިދިޔަ ހަފްތާގައި ވަނީ ވަރަށް ބޮޑުވެފައެވެ. އެމައްސަލަ ބޮޑުވެ ފާޑުކިޔުން އަމާޒުވުމުން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ވަނީ ބާތިލްކޮށްފައެވެ.

އަންހެން ކުދިން ޚިތާނު ކުރުމާ ގުޅޭގޮތުން އެޗްޕީއޭއިން ރައުޔަކަށް އެދި ފޮނުވި ހިސާބުން އާންމުންނާއި ސަރުކާރުގެ އިސް ފަރާތްތަކުން ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައި އެކަމަށް ފާޑުކިޔާފައެވެ. އެގޮތުން އަންހެން ކުދިން ޚިތާނު ކުރުމުގެ ނަމުގައި، އެ ހިތްވަރު ދެވެނީ ޖިންސީ އަނިޔާއަށް ކަމަށް މަޖިލީހުގެ ރައީސް ،ރައީސް ނަޝީދުވެސް ވިދާޅުވެފައިވެއެވެ. އަދި އެ މައްސަލާގައި ރައީސް މައުމޫންވެސް ވަނީ ނުރުހުން ފާޅުކުރައްވާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!