ރައުދާގެ މަރާއި 2 އަހަރުގެ ކުއްޖާގެ ރޭޕްގެ މައްސަލައާ އޭސީޕީ ރިޔާޒްއާ ގުޅުމެއްނެތް: ފުލުހުން
ބަންގުލާދޭޝްގައި މަރުވި ރާއްޖޭގެ މަޝްހޫރު މޮޑެލް، ރައުދާ އާތިފްގެ މަރުގެ މައްސަލަ އާއި ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އެސިސްޓަންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒުއާ ގުޅޭގޮތުން ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
ރައުދާ އާތިފް މަރުގެ މައްސަލައިގެ ހެކި ފޮރުވަން އުޅުނުކަމުގެ ތުހުމަތު އޭސީޕީ ރިޔާޒަށް ކޮށްފައިވަނީ ރައުދާގެ ބައްޕަ މުޙައްމަދު އާތިފްއެވެ. އާތިފު ބުނީ މަރުގެ އެންމެ މުހިންމު ފޮރިންސިކް ހެކި ކަމަށްވާ، ރައުދާ އަމިއްލައަށް މަރުވާން ބޭނުންކުރި ކަމަށްބުނާ ސްކާފް އޭސީޕީ ރިޔާޒު ވަނީ ވަގަށް ނަގާފައި ކަމަށެވެ. ރާޖްސާހީގެ ފުލުހުންނާއި ގުޅިގެން ރިޔާޒު އެ ސްކާފް ވަގަށްނެގީ ރޭގަނޑު ދަންވަރު ކަމަށްވެސް އާތިފު ވަނީ ބުނެފައެވެ.
ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަ ކުއްޖަކު ރޭޕްކުރި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވާ އެކުއްޖާގެ ބައްޕައަކީ އޭސީޕީ ރިޔާޒުއާ ވަރަށް ގާތް ގުޅުމެއް އޮންނަ މީހެއް ކަމަށް ބުނެވެސް ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ. ނަމަވެސް މިވާހަކަތައް ރިޔާޒު ވަނީ ދޮގު ކުރައްވާފަ އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަތަކުގައި އޭސީޕީ ރިޔާޒުއާ ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި ރައުދާގެ މަރުގެ މައްސަލައަކީ ބަންގުލަދޭޝްގެ ފުލުހުންގެ ފަރާތުންނާއި ދިވެހި ފުލުހުން އަދި ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުގެ ފަރާތުން ވަކިވަކިން ތަހުގީގުކޮށްފައިވާ މައްސަލައެއް ކަމަށެވެ.
ރައުދާގެ މަރުގެ މައްސަލައިގައި ތިން ތަހުގީގު ވެސް ނިންމާފައިވަނީ އެއް ގޮތަކަށް ކަމަށާއި އެ ތަހުގީގު ކުރި ގޮތާ ބެހޭގޮތުން މީޑިއާގައި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއްގެ މައްޗަށް ބުރަވެ ދައްކާ ވާހަކަތަކެއް ނޫން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ދެކުނުގެ ރަށެއްގައި ދެ އަހަރުން ދަށުގެ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހިމެނޭ އެއްވެސް މީހަކާ އޭސީޕީ ރިޔާޒުއާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި ސޯޝަލް މީޑިއާގައި ބަޔަކު ފަތުރާފައިވާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.