ޣީބަ ބުނުމަކީ ނުބައިކަމެއްކަން ކީރިތި ޤުރްއާނުގައި މާތް ﷲ އަންގަވާފައިވޭ
ޣީބަ ބުނުމަކީ މީހަކު ނުވަތަ ބަޔަކު ނެތް ތަނެއްގައި އެމީހެއްގެ ނެތި މޮށުމެވެ. ނުވަތަ އެބަޔަކަށް އެކަމެއްގެ ޢިލްމު ލިބިފައި ނުވި ކަމުގައި ވިޔަސް އެބައެއްގެ ނުބައި ވާހަކަ އެބަޔަކު ނެތް ތަނެއްގައި ދެއްކުމެވެ.
މިކަމަކީ އޭގެ އަމިއްލަ ޒާތުގައި ވެސް، އެކަމެއް ކޮށްފިނަމަ ނުހަނު ގިނަގުނަ މައްސަލަތަކާއި ގެއްލުންތައް ކުރިމަތިވާ ކަމެކެވެ. އެގޮތުން ޣީބަ ބުނުމުގެ ސަަބަބުން ތިމާއަށް ލިބޭ ފާފައިގެ އިތުރުން އެކަކު އަނެކަކާ މޫނުކެނޑި ރުޅިވެރިކަން އިތުރުވެއެވެ. އެއީ ތިމާގެ އަމިއްލަ އާއިލާގެ ތެރޭގައި ވިޔަސް ނުވަތަ އެކުވެރި ރަޙުމަތްތެރިންގެ މެދުގައި ވިޔަސް، ޣީބަ ބުނެގެން މިފަދަ ގެންލުންތަކާއި ހަލާކާ ކުރިމަތިލާން ޖެހެއެވެ.
ޣީބަ ބުނުމަކީ އަޅުގަނޑުމެންގެ އިސްލާމްދީނުގައި ވެސް އެކަމެއް ނުކުރުމަށް ނުހަނު ބޮޑަށް ބާރު އަޅައިފައިވާ ކަމެކެވެ.
އެގޮތުން ކީރިތި ޤުރްއާންގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ:
﴿36﴾ وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا
އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤال ކުރައްވާނެ ކަމެއްކަމުގައިވިއެވެ.
[ އަލް އިސްރާ 36 ވަނަ އާޔަތް ]
އެހެން އާޔަތެއް ވެސް ވެއެވެ.
﴿6﴾ يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް فاسق އަކު خبر އަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، حقيقة ހޯދާށެވެ! (އެއީ) ނޭނގިތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުންދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނެތެވެ.
[ އަލް ޙުޖުރާތް 6 ވަނަ އާޔަތް ]
ޣީބަ ބުނުމުގެ ނުބައި ކަމުގެ އިތުރުން އެކަކު އަނެކަކުގެ ކިބައިގައި ހުންނަ ޢައިބު ސިފަތަކުގެ ވާހަކަ ދެއްކުމާއި ފުރައްސާރަ ކުރުން އަދި އެއްބަޔަކު އަނެއްބަޔަކާއި ދިމާލަށް ނުރުހޭ ކަހަލަ ނަންނަމުން ނުގޮވުމަށް ވެސް ކީރިތި ޤުރްއާންގައި މާތް ﷲ ވަޙީ ކުރައްވާ އަންގަވާ ދެއްވާފައިވެއެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
﴿11﴾ يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاءٌ مِّن نِّسَاءٍ عَسَىٰ أَن يَكُنَّ خَيْرًا مِّنْهُنَّ ۖ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ ۖ بِئْسَ الِاسْمُ الْفُسُوقُ بَعْدَ الْإِيمَانِ ۚ وَمَن لَّمْ يَتُبْ فَأُولَٰئِكَ هُمُ الظَّالِمُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަންބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށް عيب ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް عيب ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭކަހަލަ لقب ތަކުން ނުގޮވާށެވެ! إيمان ވުމަށްފަހު فاسق ވުމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) توبة ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ.
[ އަލް ޙުޖުރާތް 11 ވަނަ އާޔަތް ]
މަސްދަރު: އިސްލާމިކް ނޮލެޖް