ނިިކަމެތީންގެ މަދަދުގާރު ، މޯލްޑިވްސް ގިވްއަވޭ
ދަރިއަކު ލިބުމުން މައިންބަފައިންގެ އެންމެ ބޮޑު އުއްމީދަކީ އެކުއްޖަކަށް ބޭނުންވާ އަސާސީ ކަންކަމާއި އެހެނިހެން ކަންތައްތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދައިދިނުމެވެ. މަޑު އަދި އަރާމު ތަންމައްޗެއްގައި ދަރިފުޅު ވަޑުވާލުމާއި ރީތި އަދި ސާފު ހެދުން ލެއްވުމުގެ އިތުރުން ކުޅޭ ސާމާނު ދިނުމާއި މިފަދަ އެތައް އެތައް ކަމެއް އެމީހުންގެ ދަރީންނަށް ކޮށްދިނުމަށް ހުރިހާ މައިންބަފައިން ވެސް ބޭނުންވެއެވެ. އަދި ކިއެއްތަ ، ދަރިފުޅު ހެދި ބޮޑުވަމުން އަންނައިރު ދަރިފުޅު އެދޭ ހަމަ ކޮންމެ ކަމެއް ފުއްދައިދިނުމަށް މައިންބަފައިންގެ ޖާނާމާލު ގުރުބާން ކުރުމީ އެމީހުންނަށް ލިބޭ އެންމެ ބޮޑު އުފަލެވެ.
ނަމަވެސް ދަރީން އެދޭ އެންމެ މަތީ ދަރަޖައިގެ ކަންކަމުގެ އިތުރަށް އެންމެ އާދައިގެ ނުވަތަ އެންމެ އަސާސީ ބޭނުންތައް ވެސް ފުއްދައިދިނުމަށް ނުކުޅެދޭ ކިތަންމެ މަޔަކު ބަފަޔަކު މި ''މުއްސަދި ދިވެހިރާއްޖޭ" ގައި އުޅޭ ކަމީ ހިތާމަ ހުރިކަމެކެވެ. އަދި ހުރިހާ ކަމެއް ފުރިހަމަ ކުއްޖަކާ އެކު ތިމާގެ ނިކަމެތި މީހާގެ ދަރިފުޅު އުޅޭއިރު އެކުއްޖާ ކުރާ ޝަކުވާއާއި ވާ ދެރައަކީ މައިން ބަފައިންގެ ލަނގޮޑި އަށް ކެތްކޮށްލަން އުނދަގޫ އިހްސާސެކެވެ.
މިއީ އެފަދަ މައިންބަފައިންގެ މޮޅިވެރިކަމަށް ތަސައްލީއެއް ހޯދައިދިނުމުގެ ނިޔަތުގައި މަތިވެރި ޖިހާދެއް ކުރައްވަވާ ، މެދު ރާއްޖެތެރެއަށް ނިސްބަތްވާ ލޮބުވެތި އުޚުތެއްގެ ވާހަކައެކެވެ. ބޭނުން ޖެހިފައިވާ ފަރާތްތަކާއި އަދި އެފަރާތްތަކަށް އެހީގެ ގޮތުގައި ތަކެތި ދިނުމަށް ބޭނުންވާ މީހުންނާއި ގުޅުވާލަދީ އެހީ ފޯރުކޮށްދިނުމުގެ މާތް މަގުސަދުގައި ''މޯލްޑިވްސް ގިވްއަވޭ''ގެ ނަމުގައި ފޭސްބުކްގައި ޕޭޖެއް ހިންގަވާ މި އުޚުތާގެ އަމިއްލަ މައުލޫމާތު އާއްމުނުކުރުމަށް އުޚުތާ އެދިލައްވައެވެ.
އުޚުތާ ''ދެން'' އާއި ހިއްސާ ކުރަމުން ބުނީ އަބަދުވެސް މީހުންނަށް އެހީވާ ހިތްވާ ކަމަށާއި މި މަސައްކަތުގެ ފެށުމަކަށްވީ އުޚުތާގެ ދަރީންގެ ހެދުމާއި ބައެއް އެހެން އެއްޗެހި ހަދިޔާ ކުރަން ފެށި ހިސާބުން ކަމަށެވެ.
'' އަޅުގަނޑުވެސް ކުރިން އުޅުނީ ވަރަށް ދަތިކޮށް ، ދަރީންނަށް ޖެހޭ ކަންކަން ފުއްދައި ނުދެވުނީމަ ވާ ދެރަ އިހްސާސްވޭ ، އެހެންވެ އަސްލު މީހުންނަށް ވަރަށް އެހީވާ ހިތްވޭ'' މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ފެށި މި މަސައްކަތަށް ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބޭކަން ފާހަގަ ކުރުމަށް އުޚުތާ ކިޔައިދިނެވެ.
މާލޭގައި ދިރިއުޅޭ މި އުޚުތާ ބުނީ އެހީގެ ގޮތުގައި ރަށް ރަށުން ވެސް ދޯނީގައި ތަކެތި ފޮނުވާ ކަމަށާއި ބޭނުން ޖެހިފައިވާ މީހުންނަށް އެތަކެތި ބެހުމުގެ އިތުރުން ރަށްރަށުގެ އެކި މީހުންނަށް ވެސް ދޯންޏާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ތަކެތި ފޮނުވާ ކަމަށެވެ. އަދި މި މަސައްކަތުގައި އުޚުތާގެ ފިރިމީހާއާއި ކޮއްކޮއާއި އެނޫންވެސް އާއިލާ މެމްބަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ ކަމަށް ފާހަގަ ކުރިއެވެ.
މޯލްޑިވްސް ގިވްއަވޭ ފޭސްބުކް ޕޭޖްއަށް މިހާރު ނުވަހާހަށް ވުރެ ގިނަ މީހުން ލައިކް ކޮށްފައިވެއެވެ. މި ޕޭޖް މެދުވެރިކޮށް ހެދުމާއި ކުޅޭ ސާމާނާއި ފައިވާނާ ބޫޓާއި އަދި ދަބަސްފަދަ ތަކެތީގެ އިތުރުން ވަރަށް ގިނަ އެހެނިހެން ތަކެތި ހަދިޔާކޮށްފައިވެއެވެ.
އުޚުތާ ބުނީ ދަތި، އުނދަގޫ ހާލުގައި ދިރިއުޅޭ ގިނަ ބަޔަކު އެބަތިބި ކަމަށާއި އެފަދަ މީހުންގެ ވާހަކަތައް އިވި ބައެއް ފަހަރު ރޮވޭ ކަމަށެވެ. ހަމައެއާއެކު އެފަދަ މީހުންނަށް އެހީތެރިކަން ދިނުމުން އިވޭ ހިތްހަމަޖެހުމުގެ ބަސްތަކާއި ހެޔޮ ދުއާގެ ސަބަބުން ލިބޭ އުފާވެރިކަން ވެސް އިންތިހާ ކަމުގައި އުޚުތާ ކިޔައިދިނެވެ.
''ވަރަށް ހިތްހަމަ ޖެހޭ ، އުފާވޭ ، މީހުންގެ ފަރާތުން އިވޭ ބަސްތަކުން ، ހަމަ ވަރަށް ނިކަމެތި މީހުން ދިމާވޭ ، އެމީހުން ހަމަ ރޮއެފަ ، އުޅޭ ހާލަތު ކިޔައިދިނީމަ ހަމަ ވަރަށް ދެރަވޭ ،ވަރަށް އުފާވޭ ދެން އެފަދަ މީހުންނަށް އެހީވެދެވޭތީ ވެސް'' ދެން އަށް އުޚުތާ ކިޔައިދިނެވެ.
އުޚުތާ ވަނީ ބައެއް އެހީ ލިބުނު ބައެއް ފަރާތްތަކުގެ ބަސްތައް ޕޭޖްގައި ހިއްސާކޮށްފައެވެ.
''އަޅުގަނޑަކީ ތިން ދަރިން ގޮވައިގެން އުޅޭ އެކަނިވެރި މީހެއް ، ދަރީންގެ ބައްޕަ ޚަރަދު ނުދޭ ،އަޅުގަނޑަށް ލިބޭ އެއްޗަކުން ދަރިންގެ ޚަރަދުތައް ނިންމާފަ ކުދިން ކުޅޭނެ އެއްޗެއް ހޯދާ ނުދެވޭ ، ވަރަށް ދެރަވޭ އެހެން ކުދިން ގެންގުޅޭ ކުޅޭ އެއްޗެހި ފެނިފަ ދަރިން ރޯތީ ، ވަރަށް އުފާވެއްޖެ މި ޕޭޖު މެދުވެރިކޮށް ދަރީންނަށް ޓޯއީސް ލިބުނީމަ ، މި ޕޭޖް ހިންގާ ފަރާތްތަކަށް ހެޔޮ ރަހުމަތް ލައްވާ ބޭނުން ޖެހިފައިވާ މީހުންނަށް ތަކެތި ހަދިޔާ ކޮށްދެއްވާ ފަރާތްތަކަށް މާތް ﷲ އިތުރު ކުރައްވާށި!'' ދަރީންނަށް ކުޅޭ ސާމާނު ލިބުނު އުޚުތެއްގެ ވާހަކަ ހިއްސާކޮށްފައިވެއެވެ.
އެހީ ލިބުނު އެހެން މީހަކު ބުނީ ގިވްއަވޭ ޕޭޖްގެ މަސައްކަތް ކުރަނީ ކޮންމެ މީހެއް ކަމުގައި ވީ ނަމަވެސް އެ ކުރަނީ ހާދަ ރަނގަޅު މަސައްކަތެއް ކަމަށާއި އެންމެންނަކީ ތަނަވަސް ފުދޭ މީހުން ނޫން ކަމަށެވެ. އަދި އެ މަސައްކަތަކީ ސަވާބާއި ދަރުމަ ލިބޭ ކަމެއް ކަމަށާއި ޕޭޖް ހިންގާ ފަރާތްތަކަށް ﷲ ބަރަކާތް ލެއްވުން އެދި ދުޢާ ކޮށްފައިވެއެވެ.
'' އަޅުގަނޑު ވަރަށް އުފާވޭ މިކަހަލަ ގިވްއަވޭ ޕޭޖެއް އިނީމަ ، އަޅުގަނޑުމެން ކަހަލަ ނިކަމެތިން ރުފިޔާ ނެތީމަ ދަރީންނަށް އެއްވެސް އެއްޗެއް ގަނެ ނުދެވޭ ، އެކަމަކު އަޅުގަނޑަށް މިހާރު ބޭބީއަށް ބޭނުންވާ އެއްޗެހި މި ޕޭޖުން ލިބޭގޮތް ވަނީ ވެފަ ، އަޅުގަނޑަކީ ރާއްޖެތެރޭ އުޅޭ މީހެއް ވީމަ އަޅުގަނޑުގެ ރަށަށް ތަކެތި ފޮނުވާދޭނެ ވާހަކަ އޭނާ ބުނީ ، ﷲ ، މި ޕޭޖް ހިންގާ މީހާއަށާއި އަޅުގަނޑަށް އެހީވާ މީހާއަށް ތަނަވަސްކަން އިތުރު ކުރައްވާށި'' އަތޮޅުތެރޭ ދިރިއުޅޭ މީހަކަށް ، އެހީވާން މީހަކު ނިންމުމުން ، އޭނާގެ ޝުޢޫރު ފާޅުކޮށްފައިވެއެވެ.
ޕޭޖް ހިންގާ އުޚުތާ ބުނީ ދަތި ހާލުގައި އުޅޭ މީހުންނަށް ފައިސާގެ އެހީ ދިނުމަށް ވެސް މީހުން ހުށަހަޅާ ކަމަށާއި ނަމަވެސް އެ ޕޭޖް މެދުވެރިކޮށް ފައިސާގެ އެއްވެސް މުއާމަލާތެއް ކުރަން އަދި ވިސްނާފައި ނުވާކަމަށެވެ. އޭގެ ބަދަލުގައި އެފައިސާއަށް ތަކެތި ގަނެފައި ދިނުމުން އެތަކެތި ނިކަމެތިންނަށް ފޯރުކޮށްދޭނެ ކަމަށް އެފަރާތްތަކަށް ދަންނަވަމުން ގެންދާ ކަމަށް ވެސް އުޚުތާ ބުންޏެވެ.
މޯލްޑިވްސް ގިވްއަވޭގެ މަސައްކަތަކީ ވަރަށް ގިނަ ދީލަތި ބައެއްގެ މަސައްކަތެކެވެ. ނަމަވެސް މި މަސައްކަތުގެ ނާޖާއިޒު ފައިދާ ބައެއް ފަރާތްތަކުން ނަގަމުން ގޮސްފައިވާކަމަށް އުޚުތާ ފާހަގަކޮށްފައިވެއެވެ. އެގޮތުން އެހީގެ ގޮތުގައި ތަކެތި ހޯދައި ، އެތަކެތި ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތައް މެދުވެރިކޮށް ވިއްކާފައިވާކަމަށް އޭނާ ބުންޏެވެ.
''ދެން''ގެ ވެސް ދުޢާއަކީ އެހީ ލިބުނު އެންމެންގެ ދުޢާ އެވެ. ޕޭޖް ހިންގަވާ އުޚުތާ އަށާއި މުޅި ޓީމަށް ﷲ ގެ ފުއްސެވުމާ ރުއްސެވުން ލައްވާންދޭވެ. އަދި އެހީގެ ތަކެތި ފޯރުކޮށްދޭ ފަރާތްތަކުގެ މުދަލުގައި ބަރަކާތް ލައްވާ ، އިތުރު ކުރައްވާށިއެވެ. މިފަދަ ދަރުމަވެރީން އިތުރު ކުރައްވާ މި މުޖުތަމައަކީ ފުދުންތެރި މުޖުތަމައަކަށް ވުމުގެ ހެޔޮ ތައުފީގު މިންވަރު ކުރައްވާށިއެވެ.