ނިހާންގެ ގިނަ ފާޑު ކިޔުންތަކެއް އެމްޑީޕީއަށާއި ސަރުކާރަށް
ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިޔާ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކުގެ ގިނަ ފާޑު ކިޔުންތަކެއް ސަރުކާރާއި ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ބައެއް އިސްވެރިންނަށް އަމާޒުކޮށްފިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ތައްޔާރީތަކަށް އައްޑޫގެ މެނިފެސްޓޯ އެކުލަވާލުމަށް އިއްޔެ އައްޑޫ ސިޓީގެ ހިތަދޫގައި ފެށި ވޯކްޝޮޕް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ބަސްތަކާއި ގުޅިގެން ނިހާން ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީއަށް ދިނުމަކީ ފައިދާއެއް ނެތްކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީ ކައުންސިލަށް ވާދަކުރާ ކެނޑިޑޭޓުން ވައުދުވާން ޖެހޭނީ އައްޑޫގެ ތަރައްގީއަށް ކަމަށާއި އެންމެ މުހިންމު ކަމަކީ ސިޓީއަށް ލިބޭ އާމްދަނީ ސިޓީ ތެރޭގައި ހިފެހެއްޓުން ކަމަށް ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވާ ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ '' މި ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑުއަތޮޅުގެ ރައްޔިތުންގެ މެޖޯރިޓީ އެމްޑީޕީއަށްދީފިނަމަ ލަހެއް ނުވެ މުޅި ދިވެހި ގައުމު ގުނބޯ ހެއްދުމުގައި އެމްޑީޕީ ކާމިޔާބު ހޯދާނެ'' ކަމަށެވެ.
މީގެ އިތުރުން މާލޭ ދާއިރާތަކުގެ މެނިފެސްޓޯ އެކުލަވާލުމަށް އިއްޔެ މާލޭގައި ބޭއްވި ވޯކްޝޮޕްގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ދިފާއީ ވަޒީރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި ބަސްތަކަކަށް ވެސް ނިހާން ވަނީ ރައްދު ދީފައެވެ. އެމްޑީޕީ މީހުންނަކީ އާއްމުކޮށް ހެނދުނު ފެންނަ ބައެއް ނޫންކަމަށާއި 7 ފެބްރުއަރީ 2012 ގައި އެޕާޓީގެ ވެރިކަން ވެއްޓިގެން ދިޔައީވެސް އެހެންވެގެން ކަމަށް މާރިޔާ ވިދާޅުވުމުން އެކަމާއި ގުޅިގެން ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާރިޔާ ވިދާޅު ވިޔަސް މިއީ ރަނގަޅު ވާހަކައެއް ކަމަށާއި ރޭގަނޑު ޕާޓީކޮށްފައި އެކުދިން އާއްމުކޮށް ހޭލާނީ މެންދުރު ފަހުން ކަމަށެވެ.
ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އިންސާނީ ބައެއް ޚިދުމަތްތައް ދިނުމުގެ ގޮތުން އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުތައް ބޭނުން ކުރަމުންދާއިރު އެފަދަ ބޭނުމަށް ދިވެހި ދައުލަތުގެ ހަރަދުގައި ހެލިކޮޕްޓަރުތަކެއް ހޯދައި ހިންގުމުގެ މާލީ މުއްސަދިކަމެއް ދައުލަތުގައި ނެތްކަމަށް މާރިޔާ ދީދީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވިދާޅުވި ވިދާޅުވުމަށް ވެސް ނިހާން ވަނީ ފާޑު ކިޔާފައެވެ.
''އެމްޑީޕީއަކީ ގައުމެއް ހިންގޭނެ ފަދަ ތަޖުރިބާ ނެތް ބައެއްކަން ޔަގީން ކުރަންވީ މިހެންވީމައެވެ.ދިވެހި ދައުލަތުގައި ހެލިކޮޕްޓަރު ގަނޑެއް ދުއްވާލާވަރުވެސް ނެތްކަމަށް އިއުތިރާފުވުމުން މާރިޔާއާއި އެމްޑީޕީގެ އުރައްޕެއް ނެތްކަން ޔަގީންވީއެވެ.'' ނިހާން ޓުވީޓް ކުރައްވާފައިވެއެވެ.
އެމްޑީޕީގެ އިސްވެރިންނަށް ފާޑު ކިޔުމުގެ އިތުރުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޕާލިމަންޓް ގުރޫޕްގެ ލީޑަރުކަން ކުރެއްވި ނިހާން އިއްޔެ ވަނީ ރައީސް ޔާމީން ސަރުކާރުގެ ތަރައްގީގެ މަސައްކަތުގެ ވާހަކަ ވެސް ދައްކަވާފައެވެ. ރައީސް ޔާމީންގެ ސަރުކާރުން މަސައްކަތް ފެށި ށ.ފުނަދޫ އެއާޕޯޓްގައި ޓެސްޓް ފުލައިޓް ޖެއްސުމާއި ގުޅިގެން ނިހާން ވިދާޅުވީ އެ އެއާޕޯޓް މަސައްކަތުގެ ހައްގު ޝުކުރު ބަރުތީލަވަނީ ރައީސް ޔާމީނަށް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވަމުން އަންނަ މިދަނޑިވަޅުގައި ސަރުކާރުގައި ހިމެނޭ މައި ޕާޓީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީއާއި ދެމެދު މިވަނީ ގުޅުން ގޯސްވެ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދޭން ފަށާފައެވެ. އެގޮތުން ތަރައްގީގެ މަޝްރޫއުތައް ލަސްވަނީ ކޯލިޝަނާ ހެދި ކަމަށް ރައީސް ނަޝީދު ސިފަކުރައްވާފައިވާއިރު ޒިންމާދާރުކަމާއެކުގައި މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭނަމަ ހެލްތު މިނިސްޓަރު އިސްތިއުފާ ދެއްވުމަށް ވެސް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވާފައިވެއެވެ. ހެލްތު މިނިސްޓަރު ޢަބުދުﷲ އަމީނަކީ ޖުމްހޫރީ ޕާޓީގެ ސުލޮޓެއްގައި ސަރުކާރުގައި ހިމެނިވަޑައިގަންނަވާ އެޕާޓީގެ މެމްބަރެކެވެ.