ރިޕޯޓު

ކޮރޯނާ ވައިރަސް ރާއްޖެއިން ފެނިފައިވާ ނަމަ، އެކަން ސިއްރުކުރުމަކީ ނުރައްކަލެއް!

މިހާރު އެންމެ ބާރަށް ދެކެވެމުންދާ އެއް ވާހަކައަކީ ކޮރޯނާ ވައިރަސްގެ ވާހަކައެވެ. ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަސް، ރާއްޖޭގެ އަވަށްޓެރި ގައުމުތަކުން ވެސް ފެންނަމުންދާ ވާހަކައެވެ. އެކަމާ މެދު ދިވެހިން މިވަނީ ވަރަށް ބޮޑަށް ސަމާލުވެ، ވިސްނަން ޖެހިފައެވެ.

އެންމެ ބޮޑަށް ކޮރޯނާ ވައިރަސް ފެތުރިފައިވަނީ ޗައިނާގެ ވުހާން ސިޓީގައެވެ. މިދިޔަ ޑިސެމްބަރު މަހު ފުރަތަމަ ފެނުނު އެ ވައިރަސް މިހާތަނަށް 800 އަށްވުރެ ގިނަ މީހުންނަށް ޖެހި، 25 މީހަކު ވަނީ މަރުވެފައެވެ. މިހާރު ޗައިނާ އިން ވަނީ ވުހާން ސިޓީން އެތެރެވެ، އަދި ބޭރުވާ މަގުތައް ބަންދުކޮށް، އެ ސިޓީ ކަރަންޓީނު ކޮށްފައެވެ. ކަރަންޓީނު ކޮށްފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ އަދަދު 18 މިލިއަނަށްވުރެ ގިނައެވެ.

ރާއްޖެއިން ކޮރޯނޯ ވައިރަސް ފެނުނު!

ދާދި ފަހުން ރާއްޖެއަށް އައި ޗައިނާގެ ފަތުރުވެރިޔަކު ކޮރޯނާ ވައިރަސްއަށް ޝައްކުވެގެން ކަރަންޓީނު ކޮށްފައިވާ ކަމަށް ވާހަކަތައް ވަނީ ފެތުރިފައެވެ. އެމީހާ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ވާހަކަތައް ދެކެވެއެވެ.

ޗައިނާގެ ފަތުރުވެރިޔަކު ކޮރޯނާ ވައިރަސްއަށް ޝައްކުވެގެން ކަރަންޓީނުކޮށްފައިވާ ކަމަށް އެއާޕޯޓުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ވެސް ވަނީ ބުނެފައެވެ. ނަމަވެސް ރާއްޖޭގެ ކަމާ ގުޅޭ އިދާރާތަކުން ދަނީ އެ ވާހަކަތައް ދޮގުކުރަމުންނެވެ.

ކަމާބެހޭ އިދާރާތަކުން އެކަން ދޮގުކުރި ނަމަވެސް، ބައެއް މީހުން ބުނާގޮތުގައި ދިވެހި ސަރުކާރުން އެކަން ސިއްރު ކުރަނީއެވެ. ފަތުރުވެރިކަމަށް އޭގެ އަސަރުކޮށްފާނެތީ ސަރުކާރުން އެކަން ސިއްރު ކުރަނީ ކަމަށް ބައެއް މީހުން ބުނެއެވެ.

ސިއްރު ކުރުން ގޯސް!

އެފަދަ ނުރައްކާތެރި ވައިރަސްއެއް ރާއްޖެއިން ފެނިއްޖެ ނަމަ، ނުވަތަ ޝައްކުވެގެން މީހަކު ކަރަންޓީނުކޮށްފައިވާ ނަމަ، އެކަން ދިވެހި ރައްޔިތުންނަށް އެނގެން ވާނެއެވެ. އަދި އެކަމަށް ދިވެހި ސަރުކާރުން ފިޔަވަޅުތަކެއް ވެސް އަޅަން ޖެހޭނެއެވެ. ފަތުރުވެރިކަމަށް އަސަރުކުރާނެއޭ ކިޔާފައި އެކަން ސިއްރުކުރުން މުޅިން ގޯހެވެ.

ރާއްޖެ އަދި ހާއްސަކޮށް މާލެއަކީ މީހުން ތޮއްޖެހިފައިވާ ތަނެއް ކަމަށް ވާއިރު، ބައްޔެއް ފެތުރިގެންދާ މިންވަރު ވަރަށް އަވަސްވާނެއެވެ. އެހެންކަމުން އެ ވައިރަސްއާ މެދު އާންމުން ހޭލުންތެރިކުރުވަމަކީ ސަރުކާރުން މިވަގުތު ކުރަން ޖެހިފައިވާ ބޮޑު މަސައްކަތެކެވެ.

ދިވެހިން އާންމުކޮށް ދަތުރުކުރާ ގައުމުތަކުން ވެސް ކޮރޯނާ ވައިރަސް ވަނީ ފެނިފައެވެ. ރިޕޯޓުތައް ބުނާގޮތުގައި ތައިލެންޑް، އޮސްޓްރޭލިއާ މެލޭޝިއާ، ނޭޕާލު އަދި ސިންގަޕޫރުން ވެސް ވަނީ އެ ވައިރަސް ފެނިފައެވެ. އޭގެ އިތުރުން އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ އިން ވެސް އެ ވައިރަސްއަށް ޝައްކުކުރެވޭ ބަޔަކު ފެނިފައެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ތައްޔާރުވެފައި!

ކޮރޯނާ ވައިރަސްއާ ގުޅިގެން ވެލޭނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ވައިރަސްއަށް ސްކްރީން ކުރަން ވަނީ ފަށައިފައެވެ. އެގޮތުން ބައިނަލްއަގުވާމީ ވައިގެ ބަނދަރުގައި ތާމަލް ކެމެރާ ބޭނުންކޮށް އެތެރެވާ މީހުންގެ ހާލަތު ބެލުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރާއްޖެއިން އެކަމަށް ތައްޔާރުވެފައިވާ ކަމަށާއި ކަރަންޓީން ފެސިލިޓީ ވެސް ތައްޔާރީ ހާލަތަކަށް ގެނެސްފައިވާ ކަމަށެވެ.

އެއާޕޯޓުން ސްކްރީން ކުރި ނަމަވެސް، އެ ސްކްރީނިންތަކުން ދައްކާނީ ހަމައެކަނި އަލާމާތެއް ހުރެއްޖެނަމައެވެ. ދާދިފަހުން ފްރާންސުން ވަނީ އެ ބަލީގެ އަލާމާތެއް ނެތް މީހަކު ފެނިފައެވެ.

ކޮރޯނާ ވައިރަސްއަކީ ކޮބާ؟

ކޮރޯނާ ވައިރަސްއަކީ ބައިވަރު ވައިރަސްތަކަށް ކިޔާ ނަމެކެވެ. އެ ވައިރަސްގެ ސަބަބުން އިންސާނުންނަށް ޖެހޭ ބަލިތަކުގެ ތެރޭގައި ރޯގާ އާއި ގޭސްޓްރޯއިންޓެސްޓިނަލް އިންފެކްޝަން ހިމެނެއެވެ. އޭގެ އިތުރުން ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޮމް އާއި މިޑްލް އީސް ރެސްޕިރޭޓަރީ ސިންޑްރޮމް ވެސް ހިމެނެއެވެ.

އެ ވައިރަސް ދެނެގަތުމަށް ކުރި މަސައްކަތަށްފަހު ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ވަނީ އެވައިރަސްއަކީ ގައިން ގައަށް އަރާ އެއްޗެއްކަން ކަށަވަރުކޮށްދީފައެވެ. ކޮރޯނާ ވައިރަސް އިން ފެންނަ އަލާމާތްތަކުގެ ތެރޭގައި ކެއްސުމާއި، ނޭވާ ކުރުވުމާއި، އާދަޔާ ހިލާފަށް އަވަސް އަވަހަށް ނޭވާލެވުމާއި، ނޭފަތުން ފެން އައުމާއި، ކަރުގައި ރިއްސުން އަދި އާދައިގެ ރޯގާ ޖެހުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!