ލާމަރުކަޒީ ނިޒާމާ އެމްޑީޕީއާ ގުޅުމެއް ނެތް: އަދުރޭ
ލާމަރުކަޒީ ނިޒާމާ އެމްޑީޕީއާ ގުޅުމެއް ނެތް ކަމަށާއި އެ ނިޒާމު ހިންގަން ވެސް އެމްޑީޕީ އަށް ނޭނގޭ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ހއ. އިހަވަންދޫގައި ރޭ އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަމުން އަދުރޭ ވިދާޅުވީ އެމްޑީޕީއަކަށް ރައްޔިތުން ބާރުވެރިކޮށް ކައުންސިލް ހިންގާކަށް ނޭނގޭ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެމްޑީޕީއަކާއި ލޯކަލް ކައުންސިލް އިންތިޚާބަކާ ވާ ބެހޭ ކަމެއް ނޫނޭ. އެ މީހުނަކަށް ނޭނގޭނެ ލާމަރުކަޒީ ނިޒާމް ހިންގާކަށް. އެ މީހުނަކަށް ނޭނގޭނެ ރައްޔިތުން ބާރުވެރިކުރުވާކަށެއް. އެ މީހުނަކަށް ނޭނގޭނެ ރައްޔިތުންނަށް ތަރައްގީ ގެނެސް ދޭކަށެއް. އެ މީހުނަކަށް ނޭނގޭނެ ރައްޔިތުންނަށް އޯގާތެރިވާ ކަށެއް. އެ މީހުނަކަށް ނޭނގޭނެ ރައްޔިތުންގެ ބޭނުންތަކެއް. އެ މީހުނަކަށް ނޭނގޭނެ ރައްޔިތުންގެ އިހްސާސްތަކެއް. އެ މީހުނަކަށް ނޭންގޭނެ ރައްޔިތުންގެ އުންމީދުތަކެއް. އެ މީހުނަކަށް ނޭނގޭނެ ދިވެހި ޒުވާނުން ކުރާ އުންމީދުތަކެއް، ދިވެހި ޒުވާނުން ދެކޭ ހުވަފެންތަކެއް. އެ ހުވަފެންތަކުގައި ކުލަ ޖައްސައިދޭކަށް އެމްޑީޕީއަކަށް ނޭނގޭނެ" އަދުރޭ ވިދާޅުވިއެވެ.
މި ކަންކަމާއި އަދި ލާމަރުކަޒީ ނިޒާމު ވެސް ހިންގަން އެނގޭނީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް އަދުރޭ ވިދާޅުވިއެވެ. އަދި ލާމަރުކަޒީ ނިޒާމާ އެންމެ ގާތްގުޅުމެއް އޮތީ ޕީޕީއެމްއާ ކަމަށާއި އެގޮތުން ރައްޔިތުން ބާރުވެރިކުރުވައި ރައްޔިތުންނަށް ބާރުތައް ދޭން ޕީޕީއެމް އަށް ކެރޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު އިދިކޮޅު ލީޑަރު، ރައީސް ޔާމީން ޖަލުގައި ހުންނެވުމުން އަދުރޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީން މިނިވަންކޮށްގެން ބާއްވާ ކައުންސިލް އިންތިޚާބެއް ނަމަ ވެރިކަންކުރާ އެމްޑީޕީ 'ބޮޑުތަނުން' ބަލިކުރާނެ ކަމަށެވެ.