ޚަބަރު

މާރިޔާ ހާމަކޮށްދެއްވީ އެމްޑީޕީ ލީޑަޝިޕްގެ އުރަތްޕެއް ނެތްކަން: ސަޢީދު

ހަތެއް ފެބްރުއަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނީ އޭރު އިދިކޮޅު ފަރާތްތަކުން ހެނދުނު މުޒާހަރާކުރުމުން ކަމުގައި މާރިޔާ ވިދާޅުވުމުން ހާމަވަނީ އެމްޑީޕީގެ ލީޑަޝިޕުގައި އުރަތްޕެއް ނެތްކަން ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ހއ. އިހަވަންދޫގައި ރޭ އިދިކޮޅުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަޢީދު ވިދާޅުވީ މާރިޔާގެ ވާހަކަފުޅު ދެގޮތަކަށް މާނަކުރެއްވޭ ކަމުގައެވެ. ފުރަތަމަ ގޮތަކީ އެވާހަކަފުޅަކީ ހެނދުނު މުޒާހަރާއަށް ނުކުތުމަށް ދެއްވި އިޝާރާތެއްގެ ގޮތުގައި މާނަކުރެއްވުން ކަމުގައެވެ. ދެވަނަ ގޮތަކީ މާރިޔާ އެދެއްކެވި އެއިރުގެ ވެރިކަމުގައި އެމްޑީޕީގެ ލީޑަރޝިޕު ދަންވަރު ހޭލައި ތިބެ ޕާޓީކުރެއްވުމުގެ ވާހަކަ ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ. އަދި ހެނދުނު މުޒާހަރާކުރުމުން ނަޝީދު އިސްތިއުފާދެއްވި ވާހަކަ ދެކެވުނީ އެމްޑީޕީ އެތެރެއިން ކަމުގައި ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ މިނިމަމް ވޭޖަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ކުއްލި ސިހުމެއް ގެނުވި ކަމެއް ކަމަށެވެ. އޭގެ އިތުރުން ރައީސް ޔާމީނުގެ އިޤުތިޞާދީ ސިޔާސަތަށް ތާރީފުކުރައްވަމުން އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ދިވެހިރާއްޖޭގައި ބޮލަކަށް ޖެހޭ އާމްދަނީއަކީ އެންމެ 5000 ޑޮލަރު ކަމުގައާއި، އެމަނިކުފާނުގެ ވެރިކަން ނިމިގެން ދިޔައިރު އެޢަދަދު 12،000 ޑޮލަރަށް މަތިކޮށްދެއްވާފައިވާ ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވަނީ ކޮރޯނާ ވައިރަސް ވަރަށް ހަލުއި ދުވެލީގައި ފެތުރި، އަދި އަވައްޓެރި ބައެއް ޤައުމުތަކުން އެވައިރަސް ފެނިފައިވާއިރު އެކަމުގައި އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ސަރުކާރަށް އެޅިފައިނުވާ ކަމުގައި ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ޗެއަޕާސަން ޙަސަން ލަޠީފު ހެލްތު މިނިސްޓަރު އަމީން އިސްތިއުފާދެއްވުމަށް ގޮވައިލެއްވި ގޮވައިލެއްވުމުން ވެސް ސަރުކާރު ފެއިލުވެފައިވާކަން އެނގޭ ކަމުގައި ސަޢީދު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!